ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން މާލެއާއި، ހުޅުމާލެއާއި، އަތޮޅުތަކުން ދޫކޮށްފައިވާ ފްލެޓާއި ހައުސިންގ ޔުނިޓުތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުލިދެއްކުން ފަސްކޮށްދިނުމަށް އެދުމުގެ މުހުލަތު އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ، ވަރަށް ގިނަ ފަރާތްތަކަކުން މުއްދަތު އިތުރު ކޮށްދިނުމަށް އެދެމުންދާތީ، ސެޕްޓެމްބަރުމަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް 3 މަހަށް ކުލި ނެގުން ފަސްކުރުމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ، އެ މުއްދަތު ހަމަވުމަށްފަހު އެ 3 މަހުގެ ކުލި ފަސްކޮށްދިނުމަށް އެދި ވަރަށް ގިނަ ފަރާތްތަކަކުން މިނިސްޓްރީއަށް ހުށަހަޅަމުންދާތީ، އެ 3 މަހުގެ ކުލި ފަސްކޮށްދިނުމަށް އެދުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް މިހާރު ނިންމާފައިވާކަމަށެވެ.

އެ މިނިސްޓްރީން އިތުރަށް ވިދާޅުވީ ކުލި ދެއްކުން ފަސްކޮށްފައިވީނަމަވެސް ކުލި ފަސްކުރާ މުއްދަތުގައި މެއިންޓަނެންސް ފީ ދައްކަންޖެހޭނެ ކަމަށެވެ. އަދި ކުލި ފަސްކުރާ މުއްދަތު އެގްރީމެންޓަށް އިތުރުކުރެވޭނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ކުލި ދެއްކުން މިދިޔަ މާރިޗު މަހުން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަކަށް ފަސްކޮށްދީފައެވެ. އެ ހަ މަސްދުވަހުގެ މުއްދަތު ވަނީ މިދިޔަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހަށް ހަމަވެފައެވެ.

ނޭޝަނަލް ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓްރީން ވަނީ ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން 15 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އައި.ޑީ.ކާޑުގެ ކޮޕީއާއި، ގުޅޭނެ ފޯނު ނަންބަރާއި، ހައުސިންގ މިނިސްޓްރީއާއެކު ކޮށްފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެގޮތަށް އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުރަވީ

    ތީވެސް އެއްވެސް ހަމަހަމަކަމެއް ނެތި ކުރާކަމެއް!

  2. އެމަންޖެ

    މާލެޔާ ހުޅުމާލޭގެ ފުލެޓުތައް އަތޮޅުތެރޭ މީހުނައް ކުޔައްދީގޭ އެތަން ތަނުގެ ވެރިން ބޮޑުކޮށްނަފާ ހޯދާއިރު އަދިވެސް އެމީހުން އަތުން ކުލި ނުނަގާ ދެތިން އަހަރު މަޑުކޮއްލާ.

  3. ނަރެލް

    ހެޔޮ އެއްގޮތެއްވެސް ނޯންނާނެ