ނުކުޅެެދުންތެރިކަން ހުންނަ ފަރާތްތަކަށް އަދިވެސް ކަންކަމުގައި ޝާމިލްވެ އުޅުމަށް ދަތިތަކެއް އެބަހުރި ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރ އައިޝަތު ވިދާޅުވެފައި ވަނީ، މި ދުވަހާއި ގުޅޭ ހެޔޮ އެދުންތައް ނުކުޅެދުންތެރިކަން ހުންނަ މީހުނަށާއި، އެފަރާތްތަކުގެ އާއިލާ އަށް އަރިސްކުރާ ކަމަށެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖްތަމައުގެ އެހެން ފަރުދުންނެކޭ އެއްފަދައިން ދިރިއުޅުމުގެ އެންމެހާ ކަންކަމުގައި ފުރިހަމައަށް ޝާމިލުވެވޭނެ ބަޔަކަށް ހެދުން ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ އައިޝަތު ވިދާޅުވީ، މަސައްކަތް ކުރައްވަމުން އަންނަނީ އެފަދަ ފަރާތްތަކަށް ލިބެން ޖެހޭ ފުރުސަތުތައް ފަހިކޮށްދީ މުޖްތަމައުގެ އެހެން މީހުންނެކޭވެސް އެއްފަދައިން އެމީހުންނަށްވެސް ދިރިއުޅެވޭނެ މާހައުލެއް ގާއިމްކުރުމަށް ކަމަށެވެ.

މި ދުވަހާއި ގުޅިގެން އ.ދ އިން ކަނޑައަޅާފައިވާ ޝިއާރަކީ "ބިލްޑިން ބޭކް ބެޓާ ޓުވާޑް ޑިސްއެބިލިޓީ އިންކުލޫޫސިވް އެކްސެސިބަލް އެންޑް ސަސްޓެއިނަބަލް ޕޯސްޓު ކޮވިޑް-19 ވޯލްޑް" އެވެ.

މިނިސްޓަރ އައިޝަތު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އެފަރާތްތަކުގެ އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކަކާއި ވަނީ ކުރިމަތިވެފައއި ކަމަށެވެ. އަދި މި ކަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކުން އަރައިގަތުމަށް އެހީތެރިވުމަށް އެމިނިސްޓްރީ އިން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތުން ކޮވިޑް-19 ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެފަރާތްތަކުގެ އާއިލާތަކަށް ދިމާވެފައިވާ ދަތިތަކާއި އެހީތެރިކަން ބޭނުންވާ ކަންކަތައްތައް ދެނެގަނެ ފާހަގަަކުރެވުނު ކަންތައްތަކާއި ގުޅިގެން އެކަންތައްތަކުގެެ ހައްލު ހޯދައިދިނުމަށް ބޭނުންވާ އެކަށީގެންވާ ނިޒާމްތައް އެކުލަވާލެވުނު" މިނިސްޓަރ އައިޝަތު ވިދާޅުވިއެވެ.

މިނިސްޓަރ އައިޝަތު ވިދާޅުވީ މި ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން މިދިޔަ އޭޕްރީލްމަހުން ފެށިގެން ކުރައްވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެފަދަ ފަރާތްތަކަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި ހައްގުތައް ހޯދައިދިނުމަށް ފަރުދީ ފެންވަރުގައާއި ޖަމިއްޔާ ޖާމާތްތަކުން އަދި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސަައްކަތް ކުރަން ޖެހޭ ކަމަށް އައިޝަތު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިވެހި މުޖްތަމައުން ދެމުން އަންނަ ސަމާލްކަން އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެހެން ނަަމަވެސް މުޖްތަމައުގައި "ހަވާސާވެފައިވާ" މިފަދަ ފަރާތްތަކަށް އަދިވެސް އެންމެ އެކަށީގެންވާ ގޮތަށް މުޖްތަމައުގެ އެކި ކަންކަމުގައި ޝާމިލްވެ އުޅުމަށް އެކި ގޮންޖެހުންތަކެއް ހުރި ކަމަށް އައިޝަތު ފާހަގަކުރެއްވިއެވެ. އެ ގޮންޖެހުންތަކާއި ގުޅޭ ތަފްސީލެއް އޭނާ ހިއްސާކުރައްވާފައެއް ނުވެއެވެ.

އެހެންކަމުން މިކަންކަން ހައްލުކުރުމަށް އެންމެން އެކީ މަސައްކަތް ކުރުމަކީ ނުހަނު ބޭނުންތެރި ކަމެެއް ކަމަށްވެސް މިނިސްޓަރ ފާޙަގަ ކުރެއްވިއެވެ.

ނުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއް ފުރާޅެއްގެ ދަށުން ހިދުމަތް ދިނުމަށްޓަކާ ޑިސްއެބިލިޓީ މެނޭޖްމެންޓު އެންޑް ރިހެބްލޮިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ނިންމާ އެމަސައްކަތް ފެށުމަށް ސަރުކާރުން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އޭނާ ވަނީ އުފާވެރި ހަބަރެއްގެ ގޮތުގައި ފާޙަގަކުރައްވާފައެވެ.

މިފަދަ ސެންޓާރެއް ގާއިމްވެގެން ދިއުމުން އެފަރާތްތަކަށް ދަތިވެފައިވާ ގިނަ ކަންކަމަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރުގެެ ވާހަކައިގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބިލް

    ބަލަ ދެން ހައްލުކޮށްބަލަ. އިރުއިރުކޮޅާ ގޯސްކޮށް ހުރި ކަންތަކުގެ ވާހަކަ ނުދައްކާ. ބޮޑެތި މައްސަލަތައް ހުރީމަ ނޫންތަ ކުރީގެ މިނިސްޓަރު ވަކިކޮށްފަ ވަޒީފާ ދީފަ ތިވަނީ.

    • ކޮތަރު

      މާ ގިނައިން އިދިކޮޅުގަހުރެ ހަޅޭއްލެވީމަ، އަދިވެސް އެކަމަނާއަށް ހީވަނީ ތިމަންކަމަނާ މިހުރީ އިދިކޮޅުގައޭ. ކަމެއް ކުރެވޭނެ ފެންވަރު ނެތީމަ ދެން ހުސް އަނގަ ދޯ ތެޅޭނީ.

  2. ކިނބޫ

    ކުރީ ސަރުކާރޭ ކިޔަން އަނެއްކާވެސް ރަނުގެ ފުރުސަތެއް ލިބި، އެކަމަކު ހަނދާން ނެތިގެން ފުރުސަތުގެ ބޭނުން ނުހިފުނު. އާނ އެހެންޏަ. މިސަރުކާރުން ނުކުރެވޭ ކޮންމެ ކަމެއް އަޅުވަނީ ކުރީ ސަރުކާރު ބޮލުގަ. ކުރެވެންޏާ ކޮށްފަ ދައްކާ. ނުކުރެވެންޏާ ގެއަށް ކަނޑާލާ.

  3. ބޮޑުބެ

    ބޯން އުޅުނު ބޮނޑި ބޮވިއްޖެ. އެއްވެސް ހަރުދަނާކަމެއް ހިންގުންތެރިކަމެއް ނެތް ވެރިކަމެއްކަން މިއަދު އިޙުސާސް ކުރެވޭ. ހިތިބޭސް މިދަނީ ބޮމުން. އެކަމަކުވެސް ޕާރޓީގެ އަގު ވެއްޓި، ވެރިކަން ވެއްޓިދާނެތީ އިދިކޮޅަށް ބަހެއް ނުބުނެ، 2 އިރު 2 ދަޅައަށް ނޫސް ކޮންފަރެންސް ބަލާފަ ހަމަ އަތްޖަހަންވީ. މިއީ ކޮންކަމެއްހޭ ބލ ވެރިކަމެއްހޭ؟