މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ މަރުހަލާ ފުރިހަމަކުރާ ޒުވާނުންނަށް، ދިރިއުޅުމުގެ ހުނަރާއި، ތައުލީމާއި، ތަރުބިއްޔަތުގެ ޕްރޮގްރާމްތައް ހިންގާނެ މަރުކަޒެއް ލ. ކަޅައިދޫގައި ގާއިމް ކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ހައްދުންމަތީ ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ލ.އަތޮޅު ކަޅައިދުއަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. ނަމަވެސް ސުނާމީގެ ފަހުން އެރަށުގެ މީހުން ވަނީ ލ.އަތޮޅު ގަމަށް ބަދަލުކޮށް އެއީ ފަޅުރަށެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. 2011 ވަނަ އަހަރު ނޮވެމްބަރ 03 ވަނަ ދުވަހުން ފެށިގެން ކަޅައިދުއަކީ ސިފައިންގެ ތަމްރީން މަރުކަޒެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އެރަށުގައި މިހާރު ސިފައިންނެއް ނުތިބެއެވެ. އެރަށަކީ މިހާރު ސިފައިންގެ ކުންފުނި ސިފްކޯ އިން ދަނޑުވެރިކަން ކުރަން ބޭނުން ކުރާ ރަށެކެވެ.

މިއަދު ގަމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައިވަނީ، މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ މަރުޙަލާ ފުރިހަމަކުރާ ޒުވާނުންނަށް، ދިރިއުޅުމުގެ ހުނަރާއި، ތަޢުލީމާއި، ތަރުބިއްޔަތުގެ ޕްރޮގްރާމްތަކެއް ހިންގާނެ މަރުކަޒެއް، މި އަތޮޅު ކަޅައިދޫގައި ޤާއިމުކުރުމަށް ކަމަށެވެ. "އެ މަރުކަޒަށް ގެންނަ ޒުވާނުންނަށް ބޭނުންވާ އެންމެހައި ޚިދުމަތްތަކާއި ވަސީލަތްތައްވެސް އެތަނުގައި ޤާއިމުކުރެވޭނެ. ސަރުކާރުގެ ވިސްނުމަކީ، އެމަރުކަޒުގެ ޕްރޮގްރާމްތައް ފުރިހަމަކުރާ ޒުވާނުންނަށް، އިތުރު ތަޖުރިބާ ހޯދުމުގެ ފުރުޞަތުތަކާއި، އާމްދަނީ ހޯދުމުގެ އަމިއްލަ މަސައްކަތެއް ފަށައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުން." ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހި ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމަށް، އަންނަ އަހަރު ތެރޭގައި މުހިންމު މަސައްކަތްތަކެއް ސަރުކާރުން ފަށްޓަވާނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، އާއުލާތަކުގައި ދިރިއުޅުމުގެ ފުރުޞަތު ގެއްލި މަގުމަތިވެފައިވާ ޒުވާނުން އަނބުރާ މުޖްތަމަޢަށް ގެނައުމަކީ، މިއަދު ކުރަންޖެހިފައިވާ މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެތައް އަހަރެއްވެގެން ދިޔައިރުވެސް އަޅާނުލެވި، ޙައްލުނުކުރެވި މިއަދުގެ ސަރުކާރާއި ހަމައަށް ވާރުތަވެފައި އޮތް އިޖްތިމާޢީ އަދި އިޤްތިޞާދީ ބޮޑު މައްސަލައެއްކަމަށެވެ. އެހެންވުމުގެ ސަބަބުން ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ އެފަދަ ޒުވާނުން، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް، ބިނާކުރަނިވި ބައެއްގެ ގޮތުގައި މުޖްތަމަޢަށް އަނބުރާ ގެނައުމަށްކަމަށެވެ.

"ސަރުކާރުން މިކަމަށް އެކުލަވާލި ޚާއްސަ އެކްޝަން ޕްލޭންގެ ދަށުން، ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމަށް، އަންނަ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ފެށޭނެ. އެގޮތުން، ޖަލުގައި މަސްތުވާތަކެތީގެ ނެޓްވޯކްތައް އޮޕަރޭޓްކުރުން ހުއްޓުވުމާއި، މަސްތުވާތަކެތީގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރުން ހުއްޓުވުމަށް، ޚާއްޞަ ސަމާލުކަމެއް ދެވޭނެ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރެއް ޤާއިމުކުރުމުގެ އިތުރުން، ކުޑަކުދިންގެ ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުމާލޭގައި ޤާއިމުކޮށް، މަސްތުވާތަކެތީގެ މައްސަލަތައް ޝަރީއަތުން އަވަސްކުރުމަކީވެސް އެކްޝަން ޕްލޭންގެ މުހިންމު ބައެއްކަމަށް ވިދާޅުވެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް އެމީހުންނަށް އަނބުރާ މުޖުތަމަޢަށް ނެރުމަށް ހިންގާނެ މަރުކަޒެއް މިހާރު ފުލުހުންގެ ބޭނުމަށް ހައްދުންމަތީ ކަޅައިދޫގައި ޤާއިމުކުރަން ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާވަނީ އިޢުލާންކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިސޮރު

    މަސްތުވާތަކެތީގެ ވަބާގައި ޖެހިފަވާ މީހުން އޭގެން ދުރުކޮށް ބޭނުން ހިފޭ ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރުމަކީ މިއަދު ކުރަން ޖެހިފަ އޮތް މުހިންމު ކަމެކެވެ...
    މި ގައުމުގައި މަސްތުވާތަކެތީގެ ކަންކަން މިހާ ހިސާބަށް ދިޔަޔީ ތިފަދަ ސެންޓަރުތައް ނެތިގެންތޯއެވެ...ނުވަތަ އެކަމަށް ހަރަދު ނުކުރެވިގެން ތޯ އެވެ....ހަގީގަތަކީ ދުވަހެއް ދުވަހަކަށް މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ކުދިން އިތުރުވަމުންދާ ކަމެވެ...އޭގެ ނުރައްކާ ބޯޑުވަމުންދާ ކަމެވެ...ބުނަން މިއުޅެނީ ތިފަދަ ސެންޓަރުތަކާއި ތި ހިންގާ ޕްރޮގްރާމްތަކާއި ތި ހޭދަ ކުރާ ފައިސާ ތަކުން ނިކުތް ނަތީޖާއެއް ފެންނަން ނެތުން އެއީ މަގުސަދަށް ވާސިލްވުމަށް ތިކުރާ ކަންކަމަކީ ބޭނުން ހުރި ކަންކަން ނޫންކަން ސާބިތުކޮށްދޭ ދަލީީލަކަށް ނުވޭތޯއޭ...ތިކުރެވޭ ބޭކާރު ކަންކަން ކުރުން ހުއްޓާލާ ހަގީގީ އަސްލަށް ވާސިލްވެ ކަންއުފެދުމުގެ އަސްލު ނައްތާލުން ކީއްތޯ އެވެ...އަދިވެސް، މަސްތުގެ ޝިކާރައަކަށްވެފަވާ މީހުން ސަލާމަތް ކުރުމުގެ ނަމުގައި އެކި އެކި ކަންކަން ކުރެވޭ އިރު މަސްތުވާތަކެތީގެ ވަބާޔާ ކައިރި ނުވެ ތިބުމަށްޓަކައި ކުރެވުނީ ކޮންކަމެއްތޯ...ސަރުކާރުތަކުން ކަންކުރަމުން އަންނަ ގޮތަށް ވިސްނާލާއިރު ދޭހަވަނީ ތިމަންނަމެންނަށް އޯކޭޔޭ މަސްތުވާތަކެތީގެ ތެރެއަށް އަލަށް ބަޔަކު ވަނަސް ނުވަތަ ބޭނުން ކުރިޔަސް ބުނާހެންނެވެ...ބުއްދީގެ ހަމައިންވެސް ކޮންމެ މީހަކަށްވެސް ކަށަވަރު ކުރެވޭނެ ފަދައިން އެ ވަބާއިގައި ޖެހުމުގެ ކުރިން އެވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެ އެވެ... ޔަގީންވާ އެއްޗަކީ އެއްވެސް މަސްތުވާ އެއްޗެއްގެ ދައުރުވުމެއް އެއްވެސް މިންވަރަކަށް ގައުމުގައި ހިނގާ ނަމަ މަސްތުގެ ވަބާއިން ސަލާމަތެއް ނުކުރުވޭނެ ކަމެވެ...ރަލުގެ ވިޔަފާރިއާއި ހަކުރު ނޫން ގޮތެއް ހުއްދަ ކޮށްގެން ތިބެ ތިހިންގާ އެއްވެސް ޕްރޮގްރާމަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭނެއެވެ...އެންމެ ފަހު ބަހަކަށް ބުނެލާން އޮތީ ތިފަދަ ހުރިހާ ޕްރޮގްރާމްތަކަކީ ތިބޭފުޅުން މިތަނުގައި މަސްތުވާތަކެތި ފެތުރުމަށް ކުރާ މަސައްކަތް ފޮރުވުމަށް ރައްޔިިތުންގެ ލޮލުގައި އަޅުވާ އަނދުނެއްކަން ވިސްނޭ ޅަފުރާއިގެ ޒުވާނުންތަކެއް މިގައުމުގައިވެސް އުފެދި އަންނާނޭކަން ޔަގީންކުރާށޭ އިންޝާﷲ...އަދި އެދުވަހަކުން ﷲ ތިޔަބައިމީހުން ފަޟީހަތްކުރައްވާ ހައްގަށް ނަސްރުދެއްވާނެ ދުވަހެއްވެސް އަންނާނޭކަން ޔަގީންކުރާށޭ...

    7
    2
  2. ދަރުމަވެރިޔާ

    އެ ޒުވާނުންނަށް ހަނޑޫ ހަ އްދާ ވަޒީފާ ދީފަ އެމއިން ބޮޑު ރަށެ އްގާ އެކަން ކުރުވަންވި