މިއަދު ވެސް މެދުރާއްޖެތެރޭގެ އަތޮޅުތަކުން ފެށިގެން ދެކުނުގެ ރަށްތަކަށް ވައިގަަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ނެރުނު ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފިއެވެ.

މެޓް އޮފީހުން ދެންމެ ނެރުނު ސަމާލުގައި ބުނެފައި ވަނީ، ގަޑިއަކު 19 މޭލާއި،24 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

އަދި ކަނޑުތައް ގަދަވާނެ ކަަމަށްވެސް ލަފާ ކުރެވޭ ކަމަށް ބުނެފައި ވެއެވެ.

މިއަދާއި މާދަމާ ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވެއެވެ،

ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރު އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކުރެވިއެވެ.

މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި އަދި އުތުރުއަތޮޅުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގައެވެ. ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވެއެވެ.

ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދުވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.