މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމްގެ ބައެއް އަމަލުފުޅުތަކާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، އޭނާ މަޤާމުގައި ހުރުން ރަނގަޅު ނޫންކަމަށް ފެންނާތީ، ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެެވެ.

އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 51 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގަތީ 45 މެމްބަރުންނެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 4 މެމްބަރުން ވޯޓުދެއްވި އިރު އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 41 މެމްބަރުން ވޯޓު ދެއްވިއެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން އިންސާފުން ބޭރުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ވައުދުވެފައިވާ ކަމަށެވެ. އެހެން ނަަމަވެެސް އެ ވައުދާއި ޚިލާފަށް ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެ ކުންފުނީގެ މުވައްޒަފުން ވަކި ކުރަމުންދާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާޒިމް ބޭނުންވާ ބަޔަކަށް އެމްޑަބްލިއުއެސްސީއިން ވަޒީފާ ދިނުމާއި އަމިއްލަ އަށް އެއްވެސް ކުށެއް ނެެތް ބައެއް މުއައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނާތީ އެކަމާއި މެދު ކަންބޮޑުވާ ކަމަށެވެ. އަދި އެ ކުންފުނީގައި 23 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ އަހްމަދު އިޔާޒު ނަަމަކަށް ކިޔާ ފަރާތެއް ކުންފުނީގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި، އެެއީވެސް ސަރުކާރުން ވެފައއިވާ ވައުދާއއި ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވަނީ އާޒިމް ހިންގަމުންދާ އަމަލުތަކަކީ ނޭއްގާނީ އަމަލުތަކެއް ކަމަށް ވެސް ސިފަކުރައްވާއެވެ.

މީގެ އިތުރުން އޭނާ އެސްޓީއޯ ހިންގެެވުމާއ ހަވާލުވެގެން ހުންނެވި އިރު އެސްޓީއޯގެ ހަތަރު މުވައްޒަފެެއް ބޭ އިިންސާފުން ވަޒީފާއިން ވަކިކޮށްފައިވާކަމަށާއި، އެެ ހަތަރު ފަރާތަށް ހަތަރު މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހޭ ކަމުގެ ސައްހަ މައުލޫމާތު ހުރި ކަމށް ޖާބިރު ވިދާޅުވިއެވެ.

އަދި އެމްޓީސީސީގެެ މުވައްޒަފެއް މަގާމުން ވަކި ކުރި މައްސަލައެއްވެސް ކޯޓު މަރުހަލާގައި އޮތުމުން އާޒިމް އަކީ އެފަދަ މަގާމެއްގައި ބަހައްޓައިގެން ނުވާނެ ފަރާތެއް ކަމަށް ވިދާޅުވެ އޭނާ މަގާމުން ދުރުކުރުމަށް ޖާބިރު ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    ޖާބިރު އަޅެ މޮޔައީތަ ރީނދޫ ވެރި ކަމެއްގަ ތިޔަ އުޅެނީ އަހަރެމެންގެ މީހުންނާ ބެހެން.

    5
    2
  2. ައަހާ

    ތިޔަ އާޒިމަކީވަރަށް ކޮރަޕްޓް މީހެއް

    2
    1
  3. އަލްޖިބްރާ

    ކަލެއަށް ކަމުނުދާ ކޮންމެ މީހަކު ވަޒީފާއިން ވަކިކުރާ ކަށް ނުޖެހޭ !