މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް އިންޑިއާގެ ކޮޗިން އަށް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، މި ދަތުރުތައް އޮންނާނީ އަންނަ މަހުގެ 1،2،3،4 ގައެވެ. މި ދަތުރުތަކުގެ ޓިކެޓު އުޅެނީ ކޮޅަކަށް ކޮޅަކަށް 126 ޑޮލަރަށެވެ. މި ހާއްސަ ފްލައިޓުތަކުގައި ދަތުރު ކުރާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

މި ދަތުރުތައް އޮންނާނީ އިންޑިއާގެ ކޮޗިން އާއި މާލެއާ ދެމެދުގައެވެ.

މޯލްޑިވިއަން އިން ވަނީ މިދިޔަ މަހުގެ ތެރޭގައިވެސް ކޮޗިން އިން މާލެއަށް ހާއްސަ ދަތުރުތަކެއް ބާއްވައިފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އުޅުނު އިރު، މޯލްޑިވިއަނުން ވަނީ އިންޑިއާގެ ކޮޗިންގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ރާއްޖެ ގެނެސްފައެވެ. ކޮވިޑް19 އާ ގުޅިގެން ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް އައުމުގެ ކުރިން މޯލްޑިވިއަން އިން މާލެ އާއި ކޮޗިން އަދި ހަނިމާދޫއާ ދެމެދު ޝެޑިއުލް ދަތުރުތައް ބާއްވައިފައެވެ.

ކޮޗިން އަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށްދާ ސިޓީއެކެވެ. އަދި މޯލްޑިވިއަން އިން މިހާރުވެސް ދަނީ ދިވެހިން އާއްމުކޮށް ގޮސް އުޅޭ ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ކުރަމުންނެވެ.