ކ.މާފުށީގައި މަސްތުގެ ހާލަތުގައި ހުރެ އެ ރަށުގެ މަގުމަތީގައި ނިވާކަން ކުޑަ ބިކިނީގައި ހުރި ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފުލުހުންގެ ފަރާތުން ގޯހެއް ހިނގާފައިވާ ކަން ފާހަގަކުރެވިފައި ނެތް ކަމަށް އެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވާލި ރިޕޯޓްގައި ބުނެފިއެވެ.

އެ ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން މައާފަށް އެދިވަޑައިގެންފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ފަތުރުވެރިޔާއަށް މައާފަށް އެދިވަޑައިގެންފައިވެއެވެ. އަދި މި މައްސަލަ ބަލައި ދިރާސާކުރަން 241 ކޮމިޓީއަށް ފޮނުވުނެވެ.

މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކަށް ފާރަވެރިވާން އޮންނަ 241 ކޮމިޓީއިން އެ މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައި ވަނީ ނިވާކަން ކުޑަ ހެދުމެއްގައި ފަތުރުވެރިޔާ އުޅެމުންދާ ކަމުގެ ޝަކުވާ ލިބިގެން ފަތުވެރިޔާއަށް ނަސޭހަތް ދޭން ދިޔަ ފުލުސް އޮފިސަރަކާ މެދު އެ ފަތުރުވެރިޔާ ވަރަށް ގޯސްކޮށް އަމަލުކޮށްފައިވާ ކަމަށެވެ.

އެ ގޮތުން އެ ތަނަށް ދިޔަ ފުލުސް އޮފިސަރެއްގެ އައިނު އަތުލައި، ކުލަ ހެދުމުގައި ހުރި ފުލުސް އޮފިސަރެއްގެ އަތުގައި އޮތް ފުލުހެއްކަން އަންގައިދޭ ކާޑޫ ދަމައިގަންނަން މަސައްކަތްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން ފުލުހެއްގެ އަތުގައި ދަތް އަޅާފައިވާ ކަމަށް އެނގިފައިވާ ކަމަށް ކޮމިޓީ ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން އެ ފަތުރުވެރިޔާ ފުލުސް އޮފީހަށް ގެންދިޔައީ ހައްޔަރުކުރުމަށް ނޫން ކަމަށް ވެސް ކޮމިޓީ ރިޕޯޓްގައިވެއެވެ. އެއީ އެވަގުތު އެކަން ހިނގި ސަރަހައްދަށް އެއްވެ ތިބި އާންމުންގެ ފަރާތުން ފަތުރުވެރިޔާއަށް އަދި ފަތުރުވެރިޔާގެ ފަރާތުން އާންމުންނަށް ނުވަތަ ފުލުހަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރަން ކަމަށް ވެސް ކޮމެޓީން ބެލިބެލުމުން ވަނީ ހޯދާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑޮން

    އެފެންވަރުގެ މީހުންގެ ފައިބުޑަށް ވެއްޓި ދިވެހި ދައުލަތުން މައާފަށް އެދުނީ ގައުމުހެ އަގު ވައްޓާލަންތޯ.

  2. އަހްމަދު

    ތިޔަމައްސަލަ ދިރާސާ ކުރިލެއް އަދި މާއަވަސް. އިއްޔެ ހިނގިކަމެއް މިއަދު ދިރާސާކޮށް ރިޕޯޓް ނެރުނީ. ހާދަ އަވަހޭ.