މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ "ޖަރނީ"އިން "ދުރާލާ ތައްޔާރުވެ ހުރަސް އެޅުން،" މި ނަމުގައި ޝާއިޢުކޮށްފައިވާ ފޮތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ނެރެދެއްވައިފިއެވެ.

އެކަމަނާ މި ފޮތް ނެރެދެއްވީ، މި ކަމަށްޓަކައި މުލީއާގޭގައި މިއަދު ހެނދުނު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

"ދުރާލާ ތައްޔާރުވެ ހުރަސް އެޅުން،" މި ފޮތް ބިނާކޮށްފައި ވަނީ ޕާޓްނަޝިޕް ފޮރ ޑްރަގް ފްރީ ކިޑްސްގެ "އިންޓަވެންޝަން އީބުކް" އަދި ނޭޝަނަލް އިންސްޓިޓުޓް އޮފް ޑްރަގް އެބިއުސް ގެ ސައިންސް އޮފް އެޑިކްޝަން އަދި ސަބްސްޓަންސް އެބިއުސް އެންޑް މެންޓަލް ހެލްތު ސާވިސަސް އެޑްމިނިސްޓްރޭޝަން އިން ޝާއިއުކޮށްފައިވާ އެކި މައުލޫމާތުތަކުގެ މައްޗަށެވެ.

އަދި މި ފޮތް ބައްޓަންކޮށްފައި ވަނީ، އެ މަޢުލޫމާތުތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ރާއްޖޭގެ މާހައުލާއި އާދަކާދަތަކާ ގުޅޭގޮތަށް، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މައުލޫމާތު އެކުލަވައިލައިގެންނެވެ.

"ޖާނީ"އަކީ، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ޒުވާނުންނާއި ކުޑަކުދިން ސަލާމަތްކޮށް ރައްކާތެރިކޮށްދީ، އެ ވަބާއިން ސަލާމަތްވާން މަސައްކަތްކުރާ މީހުންނަށް ފަރުވާ ހޯދުމާއި، މުޖުތަމައު އާއި އެނބުރި ގުޅުމަށް މަސައްކަތްކުރާ މީހުންނަށް އެހީތެރިވެދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި ޖަމުޢިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ 2005 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ.