މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާ މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

އެވޯޑު ދިނުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޓީވީއެމްގެ މަލްޓި ޕާޕަސް ހޯލްގައެވެ.

"ނޫސްވެރިކަމުގެ އިނާމު 2019" ގެ ކޮމިޓީގެ މުގައްރިރު އަހުމަދު އަމީން ވިދާޅުވީ އެވޯޑު ހަފްލާ ކުރިއަށް ދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ހޯދައިގެން އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ވީޑިއޯ މެސެޖެއް ގެނެސްދޭނެއެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަކުން އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ 11 ދާއިރާއަށް 80 މީހަކު ނަން ހުށަހެޅިއެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ ޕްރިންޓް، އޮންލައިން ކެޓެގަރީން ތަހްގީގީ ނޫސްވެރިކަން، އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަމުގެ ދާއިރާ، ސިއްހީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގްތިސާދާއި، ކުޅިވަރުގެ ދާއިރާ އާއި ފީޗާގެ ދާއިރާއެވެ.

ބްރޯޑްކާސްޓިން ކެޓަގަރީން ހޮވަނީ ވިޔަފާރި އާއި އިގްތިސާދު، ފީޗާގެ ދާއިރާ، ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ އިންނެވެ.

މީގެއިތުރުން ކުރީ ފަހަރުތަކެކޭ އެއްގޮތަށް އުންމީދޫ ނޫސްވެރިޔާ ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

އަމީން ވިދާޅުވީ ބައެއް ކެޓަގަރީތަކަށް ހުށަހަޅާފައިވާ ލިޔުންތަކަށް އެކަށީގެންވާ މާކްސް ލިބިފައިނުވާތީ، އެ ދާއިރާތަކަށް އެވޯޑް ނުދޭން ނިންމާފައިވާ ކަމަށެވެ. އަދި ބައެއް ދާއިރާތަކަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ދާއިރާތަކަކީ ބްރޯޑްކާސްޓިން ކެޓެގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އާއި އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަމުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ސިޔާސީ ދާއިރާގެ އިތުރުން ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއެވެ.