ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ދިވެހި އަސްކަރިއްޔާއިން ހާމަނުކުރަން ނިންމީ ރަނގަޅަށް ކަމަށް ކަނޑައަޅައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމި ނިންމުން އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

އިންޑިއާ ސަރުކާރުން ދިވެހި އަސްކަރިއްޔާ، އެމްއެންޑީއެފްއަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއޯ މަތިންދާބޯޓުތައް ދުއްވަން ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބިއިރު، އެ އަދަދު ހާމަކޮށްދިނުމަށް އެދި ޑިފެންސް މިނިސްޓްރީއަށް ހުށަހެޅީ ރާއްޖޭގައި ހަރަކާތްތެރިވާ އޮންލައިން ނޫހެއް ކަމުގައިވާ "ދިޔަރެސް" ނޫހުންނެވެ.

އެކަމަކު ޑިފެންސް މިނިސްޓްރީއިން އެ މައުލޫމާތު ހާމަނުކުރުމުން މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދުމަށް ޓަކައި އައިކޮމްއަށް އެ ނޫހުން މައްސަލަ ވެސް ހުށަހެޅިއެވެ. އެ އޮފީހުގައި މި މައްސަލައިގައި އަޑުއެހުމެއް ބޭއްވުމަށް ފަހު އެމްއެންޑީއެފްއިން ދިން މައުލޫމާތުތަކުގެ މައްޗަށް އައިކޮމް އިން ނިންމީ އެއީ ކޮންމެހެން ހާމަކުރަން ޖެހޭ މައުލޫމާތެއް ނޫން ކަމާއި އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި ސިއްރު މައުލޫމާތެއް ކަމުގައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި "ދިޔަރެސް" ނޫހުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ އެ ކޯޓުން މިހާރު ބަލައިގެންފައިވެއެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.

"ދިޔަރެސް" އިން މައުލޫމާތު ދޭ ގޮތުގައި އެ މައްސަލައިގެ އެ ނޫސް ތަމްސީލް ކުރައްވާނީ "ދިވެހި ޗެމްބާސް" ގާނޫނީ ފާމްއެވެ. އެ ފާމްގެ ފަރާތުން ދިޔަރެސްއަށް ވާކަލާތު ކޮށްދެއްވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތެވެ.