އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދު ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ބޭފުޅުންނާ ދެކޮޅަށް ސިއްރުން ހެކިބަސް ދީފައިވާ ދެ ގާޒީންގެ ނަޒާހާތްތެރިކަން ގެއްލިފައި ނުވާ ކަމަށާއި، މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ހެކިވެރިން ޝަރީއަތުގައި ދިން ހެކިބަހަށް ރިއާޔަތް ކޮށްގެންކަމަށް ދައުލަތުގެ ވަކީލުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ވަކީލުން މިހެން ވިދާޅުވެފައިވަނީ، ގާޒީންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ ދެ ފަނޑިޔާރުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަމުން، ދެ ފަނޑިޔާރުންގެ ވަކީލުން ހުށަހެޅި ހުށަހެޅުންތަކަށް ރައްދު ދެއްވަމުންނެވެ.

ދެ ފަނޑިޔާރުންގެ ބައި ވަކިވަކިން ކުރިއަށް ގެންދެވި މި އިސްތިއުނާފުގެ ޝަރީއަތަށް ދެ ފަނޑިޔާރުންގެ ފަރާތުން 15 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، ދެ ފަނޑިޔާރުންގެ ވަކީލުންވެސް ހައި ކޯޓުގައި އެދިފައިވަނީ ކްރިމިނަލް ކޯޓުން ކޮށްފައިވ ހުކުމް ބާތިލު ކޮށްދިނުމަށެވެ. މިއަދުގެ އަޑު އެހުމުގައި އޮތީ ފުރަތަމަ އަޑު އެހުމުގައި އިސްތިއުނާފު ކުރި ފަރާތުން ހުށަހެޅި ކަންކަމުގެ ތެރެއިން ތަފްސީލުކޮށް ނުދެވުނު ކަންކަން ތަފްސީލު ކޮށްދިނުމުގެ އިތުރުން އެ ހުށަހެޅުންތަކަށް ދައުލަތުން ރައްދު ދިނުމެވެ.

އިސްތިއުނާފު ކުރި ފަރާތްތަކުގެ ހުށަހެޅުންތަކަށް ރައްދު ދެމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، މި މައްސަލައިގައި ހެކިބަސްދިން ގާޒީންގެ ނަޒާހަތްތެރިކަން ގެއްލިފައިވާކަމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނުވާ ކަމަށާއި، ބަޔަކު އެމީހުންގެ މައްޗަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަކީ އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ގެއްލޭނެ ކަމެއްވެސް ނޫން ކަމަށެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ، މި ދައުވާއަކީ ކުށުގެ އުންސުރުތައް ފުރިހަމަވެގެން ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުފުލާފައިވާ ދައުވާއެއް ކަމަށާއި، ސިއްރުން ހެކިބަސް ދިން ދެ ފަރާތުގެ ހެކިބަހުންވެސް ކުށުގެ އުންސުރުތައް ފުރިހަމަވާކަން އެނގޭ ކަމަށެވެ. އަދި ދައުވާ ފޯމުގައި ސޮއި ކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ހުއްދަ ދެއްވާފައިވާ ފަރާތެއްކަން ކޯޓުތަކަށް އަންގާފައިވާ ސަރކިއުލަރ އަކީ ސިއްރު ލިޔުމެއް ނޫން ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.

މި ދައުވާގައި ކުށުގެ އަމަލު ހިންގި ތާރީޚާއި ކުށުގެ އަމަލު އެނގެން އޮތް ކަމަށާއި، ކުށުގެ އަމަލު ހިންގާފައިވަނީ އެކި ވަގުތުތަކުގައި ކަމުން ޖުމްލަ ގޮތެއްގައި ވަގުތުވެސް ބަޔާންކޮށްފައި އޮތުމުން ކުށުގެ އަމަލު ހިންގި ތަނާއި ވަގުތު ބަޔާން ކުރަންޖެހޭނެ ކަމަށް ޤާނުނުގައި އޮންނަ އޮތުން ފުރިހަމަ ކުރެވިފައިވާކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. މީގެ އިތުރުން ގާޒީންގެ ރަސްމީ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން މުވާސަލާތު ކޮށްފައިވާކަން ހެކިބަހުން އެނގޭ ކަމަށާއި، މުވާސަލާތު ކުރި ފަރާތަތްކުގެ ހެކިބަސް ނެގުމުން ދެން އިތުރު ފަރާތްތަކުގެ ހެކިބަސް ނަގަން ޖެހޭކަމަށް ދައުލަތުން ނުދެކޭ ކަމަށާއި، މި މައްސަލަ ބައްލެވި ގާޒީ މައްސަލައިން ތަނާޒުލް ވާން ޖެހޭނެ ސަބަބެއް ނެތް ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ މި މައްސަލައިގައި ހެކިބަސް ދީފައިވަނީ އެކަށީގެންވާ ވަރަށް މައްސަލައިގެ މަޢުލޫމާތު ނޭނގޭ ފަރާތެއް ކަމަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނާ ބުނުން ދޮގު ކޮށްފައެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ ސިއްރުން ހެކިބަސް ދީފައިވާ ފަރާތްތަކުން ދީފައިވާ ހެކިބަހަކީ "ޔަޤީން ކަމާއެކު" ދީފައިވާ ހެކިބަސް ކަމަށެވެ.

ކޯޓު އަމުރެއް ނެތި މި މައްސަލައާއި ގުޅޭ ބައެއް ލިޔުންތައް ޝަރީއަތުގެ ވަކި ހިސާބަކާ ހަމައަށް ދައުލަތުން ހިފަހައްޓާފައިވާކަމަށް ބުނާ ވާހަކައަށް ރައްދު ދެމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، އެންމެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައިވެސް ހެކި ސިއްރު ކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދިފައިވާނެ ކަމަށެވެ.

ދެ ފަނޑިޔާރުންގެ ދިފާއުގައި ނަންގަވާފައިވާ ފާހަގަކޮށްލެވޭ އެއް ނުކުތާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޝަރީއަތުގެ ކުރިން 30 ދުވަސް ދިނުމެއް ނެތި ޝަރީއަތް ފަށާފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ހުށަހެޅުމެވެ. ދެ ފަނޑިޔާރުންގެ ވަކީލުން ހައިކޯޓުގައި ވިދާޅުވީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅުމަށްފަހު ޝަރީއަތާ ދެމެދުގައި 30 ދުވަހުގެ މުއްދަތެއް ދޭންޖެހޭނެ ކަމަށް އޮތް ނަމަވެސް އެ މުއްދަތު ދީފައި ނުވާ ކަމަށެވެ.

މި ވާހަކަތަކުގެ ރައްދުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ، މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފަށާފައިވަނީ ޤާނޫނުގައި ބަޔާން ކުރާ މުއްދަތު ދިނުމަށްފަހު ކަމަށެވެ. ދައުލަތުން ވިދާޅުވީ، މައްސަލައިގެ ލިޔުންތައް ހަވާލުކުރާ ތާރީޚުން ފެށިގެން 30 ދުވަސް ދިނުމަށްފަހު ޝަރީއަތް ފެށުމަށް ޤާނޫނުން ހުރަހެއް ނެތް ކަމަށާއި، ޝަރީއަތުގެ ކުރިން އެ މުއްދަތު ދީފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލުން މިއަދުގެ އިސްތިއުނާފު އަޑު އެހުމުގައި ހައިކޯޓުގައި ވިދާޅުވީ، މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ދެން އޮންނަ އަޑު އެހުމެއްގައި ދެ ފަރާތަށްވެސް ވަކާލާތު ކުރުމަށް 30 މިނެޓުގެ ފުރުޞަތަކާއި، ފަހު ބަސް ބުނުމަށް 10 މިނެޓުގެ ފުރުޞަތެއް އަރުވާނެކަމަށް ރިޔާސަތު ބެލެހެއްޓެވި އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވިއެވެ.