އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދު ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ދެ ބޭފުޅުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ދިފާއުގައި ހެކި ހުށަހަޅަން އެކަށީގެންވާ ވަގުތު ދިނުމަކާ ނުލައިކަމަށް ދެ ފަނޑިޔާރުންގެ ވަކީލުން މިއަދު ހައި ކޯޓުގައި ވިދާޅުވެއްޖެއެވެ.

ދެ ފަނޑިޔާރުންގެ ވަކީލުން މިހެން ވިދާޅުވެފައިވަނީ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ ދެ ފަނޑިޔާރުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން، ހައިކޯޓުގައި ބޭއްވި މިއަދު ބޭއްވި ދެވަނަ އަޑުއެހުމުގައެވެ.

ދެ ފަނޑިޔާރުންގެ ވަކީލުން ވިދާޅުވީ، ހެކި ހާމަކުރުމުގެ ފުރުޞަތު ޝަރީއަތުން ދިފާއަށް ދީފައިވަނީ 2018 އެޕްރީލް 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ކަމަށާއި، ހެކި ހުށަހެޅުމުގެ ސުން ގަޑިއެއްގެ ގޮތުގައި ދީފައިވަނީ ޖެހިގެން އައި 24 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށެވެ. އެހާ ކުޑަ ވަގޮތުކޮޅެއް (ގާތްގަނޑަކަށް 18 ގަޑިއިރު) ދިންއިރު، ދެ ފަނޑިޔާރުންގެ ޝަރީއަތް 23 ވަނަ ދުވަހު އިރު އޮއްސޭހާއިރު ނިމުމުން ދެ ފަނޑިޔާރުން ވަގުތުން ޖަލަށް ގެންގޮސްފައިވާ ކަމަށާއި، ހެކި ހުށަހެޅުމުގެ ސުންގަޑި ހަމަވުމާ ދޭތެރޭގައި ފަނޑިޔާރުންނާ ބައްދަލު ކުރުމަށް ވަކީލުންގެ ބައްދަލުވުމުގެ ފުރުޞަތު ލިބިފައި ނުވާ ކަމަށެވެ.

ދެ ފަނޑިޔާރުންގެ ވަކީލުން އިތުރަށް ވިދާޅުވީ، މި މައްސަލައާއި ގުޅޭ ހުރިހާ ތަހްޤީގު ބަޔާންތަކާއި، ލިޔުންތައް އަދި ތަހްޤީގަށް ހޯދިފައިވާ އޮޑިއޯ އާއި ވީޑިއޯވެސް ދިފާއަށް ލިބިފައި ނުވާއިރު، ކްރިމިނަލް ކޯޓުން އަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާއި، ހައިކޯޓުގެ ނިންމުންތަކުގައިވާ އުޞޫލުތަކާއި، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ކ) އާއިވެސް ހިލާފަށް ދިފާއީ ހެކިން ހާޒިރު ކުރުމެއް ނެތިކަމަށެވެ.

ދެ ފަނޑިޔާރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުޞަތު ދެ ފަނޑިޔާރުންނަށްވެސް ކްރިމިނަލް ކޯޓުން ދީފައިވާއިރު، އެ ފުރުޞަތު ދޫކޮށްލާފައިވާ ކަމަށެވެ.

ހެކި ހުށަހަޅަން އެކަށީގެންވާ ވަގުތު ނުދިނުމުގެ އިތުރުން ޤާނޫނީ ވަކީލުންގެ ޣައިރު ހާޒިރުގައި، 2018 މެއި 3 ވަނަ ދުވަހު މި މައްސަލައިގެ އަޑު އެހުމެއް ކްރިމިނަލް ކޯޓުން ކުރިއަށް ގެންގޮސްފައިވާ މައްސަލައެއްވެސް ދެ ފަނޑިޔާރުންގެ ވަކީލުން ފާހަގަ ކުރެއްވިއެވެ.

ވަކީލުން ވިދާޅުވީ، 2018 އެޕްރީލް 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މި މައްސަލައިގެ އަޑު އެހުމެއް 2018 މެއި 3 ވަނަ ދުވަހު ބާއްވާނެކަމަށް ބުނިކަން އެއްވެސް ވަކީލަކަށް ޔަޤީންކަމާއެކު ނޭނގޭ ކަމަށާއި، އެ ދުވަހުގެ އަޑު އެހުމަށް ކްރިމިނަލް ކޯޓުން ވަކީލުންނަށް ޗިޓު ފޮނުވާފައިވެސް ނުވާ ކަމަށެވެ. ނަމަވެސް ވަކީލުންގެ ޣައިރު ހާޒިރުގައި އެދުވަހުގެ ޝަރީއަތް ގެންގޮސްފައިވަނީ އެފަދަ ހާލަތްތަކުގައި އެ ކޯޓުން ޢަމަލުކުރާ ޢާއްމު އުޞޫލާ ހިލާފަށް ކަމަށާއި، އެކަމުގެ ސަބަބުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުން މުވައަކިލުންނަށް ލިބޭ އަސާސީ ހައްގެއް ގެއްލިގެން ގޮސްފައިވާތީ އެ އަޑު އެހުން އަލުން އިއާދަ ކޮށްދިނުމަށް ކޯޓުގައި އެދުނު ނަމަވެސް އެކަމަށް ރިއާޔަތް ކުރައްވާފައި ނުވާކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

ދެ ފަނޑިޔާރުންގެ މި ވާހަކަތަކަށް ރައްދު ދެމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، އެދުވަހުގެ ޝަރީއަތަށް ވަކީލުން ހާޒިރު ނުވުމުން ކްރިމިނަލް ކޯޓުން ވަކީލުންގެ ފޯނަށް ގުޅުމުން އެއްވެސް ވަކީލަކު ފޯނަށް ޖަވާބުދީފައި ނުވާތީ، ގަސްތުގައި ކޯޓަށް ހާޒިރު ނުވީކަމަށް ބެލެވޭނެ ކަމަށެވެ.

މި މައްސަލައިގެ އިސްތިއުނާފު މަރުޚަލާގެ ދެވަނަ އަޑުއެހުން މިއަދު ނިންމާލާފައިވާއިރު، ދެ ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި 15 ހުށަހެޅުން ހުށަހަޅައި އަދި ދައުލަތުން އެ ހުރިހާ ހުށަހެޅުމަކަށް ރައްދުވެސް ވަނީ ދީފައެވެ. ދެން އޮންނަ އަޑު އެހުމެއްގައި އޮންނާނީ ދެ ފަރާތަށްވެސް ބަހުސް ވަކާލާތު ކުރުމަށް 3 މިނެޓުގެ ވަގުތު ކޮޅެއް ދިނުމަށްފަހު ފަހު ބަސް ބުނުމުގެ ފުރުޞަތު އެރުވުމެވެ.

މި މައްސަލައިގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ދެ ފަނޑިޔާރުންނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މަރުހަލާ ނިމޭއިރު، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ފަނޑިޔާރުންގެ މަޤާމު އޮޓޮމެޓިކުން ގެއްލޭނެއެވެ.

މީގެ އިތުރުން ސްޕްރީމް ކޯޓުގެ ޖެމްސް ހުއްޓުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ހަތަރު މަހާއި ސައްވީސް ދުވަހުގެ ޖަލު ހުކުމެއްވެސް އިއްވާފައިވެއެވެ. އެ މައްސަލަވެސް އިސްތިއުނާފަށް ހުށަހަޅާފައިވީ ނަމަވެސް އަޑުއެހުންތައް އަދި ނުފަށައެވެ.

ދެ ފަނޑިޔާރުންގެ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ މައްސަލައިގެ އިސްތިއުނާފު މައްސަލަގެ ރިޔާސަތު އިސް ފަނޑިޔާރު އަބްދުﷲ ދީދީ ބަލަހައްޓަވަމުންދާއިރު، ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނެނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.