ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ޑައުން ކުރަން އެންގެވި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު ޝަރީޢަތް މާދަމާ ހައިކޯޓުގައި ފަށަން ތާވަލް ކޮށްފިއެވެ.

މި މައްސަލައިގެ ހުކުމް އުއްތަމަ ފަނޑިޔާރު ހައި ކޯޓުގައި އިސްތިއުނާފު ކުރެއްވިއިރު، އެމަނިކުފާނުގެ މައްޗަށް މި ކުށް ސާބިތުވެ ހަތަރު މަހާއި ސައްވީސް ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވެއެވެ. މި މައްސަލައިގެ އިސްއިއުނާފުގެ އަޑު އެހުން ހައިކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 10:15 އަށެވެ.

މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ޑައުން ކުރަން އެންގެވި މައްސަލައިގައި އިއްވި ހަތަރު މަހާއި ސައްވީސް ދުވަހުގެ ޖަލު ހުކުމުގެ އިތުރުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަން ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވެއެވެ.

ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ މައްސަލައިގެ އިސްތިއުނާފު މަރުޚަލާ މާދަމާ ފެށުމަށް ތާވަލުކުރިއިރު، ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލައިގެ އިސްތިއުނާފު އަޑު އެހުންތައް މިދިޔަ ބުރާސްފަތި ދުވަހު ފަށައިގެން އެ ކޯޓުގައި ކުރިއަށް ދާކަން ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ މައްސަލައާއި ނިރުބަވެރިކަމުގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާގެ ޝަރީއަތްތަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.