ފަސް މިލިއަނަށްވުރެ ދަށުގެ ޕްރޮކިއުމެންޓްތަކުގެ މައުލޫމާތު ހާމަ ކުރަން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަންގަވައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސަކިއުލާއެއްގައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާގޮތުގެ މަތިން އޮފީސްތަކުގައި ގާއިމްކޮށްފައިވާ ބިޑް ކޮމެޓީގެތަކުގައި ހިމެނޭ މެންބަރުންގެ މައުލޫމާތު ޑިސެމްބަރު 31 ގެ ކުރިން ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އަންގާފައެވެ. އަދި ބަނޑޭރި ޕޯޓަލް ނުކުރާ އޮފީސްތަކުން [email protected]އަށް އީމެއިލް ކުރުމަށް އަންގާފައި ވެއެވެ.

އެ ސާކިއުލާގައި ވަނީ ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުވައްސަސާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ކަމުގައިވާނަމަ އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މައުލޫމާތު، އެ ޕްރޮކިއުމަންޓެއް އެވޯޑް ކުރެވުނު ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން ފަސް ދުވަހުގެ ތެރޭގައި ގެޒެޓްގައި ޝާއިރު ކުރަން ވާނެ ކަަމަށެވެ.

އަދި ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުއައްސަސާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ކަމުގައިވާނަމަ ކޮންމެ މަހެއްގައި އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މައުލޫމާތުވެސް، ދެން ފެށޭ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ގެޒެޓްގައި ޝާއިރު ކުރަން ވާނެ ކަމަށް އެ ސާކިއުލާގައި ވެއެވެ.

އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ފަނަރަ އިންސައްތަ އަށްވުރެ އިތުރަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމުގައާއި، އެއްފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެން ނެތް މުދަލާއި ހިދުމަތުގެ އަގު ތިރީސް ފަސް ހާސް ދިވެހި ރުފިޔާއަށްވުރެ ބޮޑުކަމުގައިވާނަމަ، އެ ފައިސާ އެއްފަހަރާ ދޫކުރުމުގެ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގގެ ހުއްދަ ހޯދުމަށް ބަނޑޭރި ޕޯރޓަލް މެދުވެރިކޮށް ހުށަހެޅަންޖެހޭގޮތަށްވެސް ވަނީ ނިންމާފައެވެ.