110 ބައިވެރިންނާއެކު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން އޭދަފުށީގައި "ނަމާދު ވޯކްޝޯޕް"އެއް ފަށައިފިއެވެ.

މި ވޯކްޝޮޕް އިފްތިތާހު ކުރުމަށް އިއްޔެ ހަވީރު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ބޭއްވި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އޭދަފުއްޓަށާއި ބ.އަތޮޅަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އޭދަފުށީ އޯކިޑްވިލާ އަބްދުއްރައްޒާގް މުހައްމަދެވެ.

ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރައްޒާގް ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ބޮޑެތިވަމުން އަންނަ ދަރިންނަށް ދީނުގައިވާ ގޮތަށް ނަމާދު ކުރަން ދަސްކޮށްދިނުމަކީ ކޮންމެވެސް ބަޔަކު އިސްނަގައިގެން ކުރަންޖެހިފައިވާ ކަމެއްކަމަށެވެ. އެކަމަށް އިސްނެގީތީވެ ޒުވާނުންގެ ޖަމިއްޔާއަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. "އަދި މިކަމަށްޓަކާ ރަށުގެ ބެލެނިވެރިންގެ ފަރާތުން ލިބުނު އިޚްލާސްތެރި ތަރުހީބުން ދައްކައިދެނީ އޭދަފުށީ ރައްޔިތުންގެ ހިތުގައި ދީނަށް އޮތް ލޯބީގެ މަތިވެރިކަމާ ދަރިން ހެޔޮމަގަށް ތަރުބިއްޔަތު ކުރުމަށް ފެންބޮވައިގެންވާ މިންވަރު" އަބްދުއްރައްޒާގު ވިދާޅުވި އެވެ.

ޒުވާނުންގެ ޖަމިއްޔާއިން ވޯކްޝޯޕާބެހޭ މައުލޫމާތުދެމުން ހާމަކުރި ގޮތުގައި 8 އަހަރާ 14 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި ވޯކްޝޯޕްގެ ބޭނުމަކީ ދީނުގައި އަންގަވާފައިވާ ގޮތަށް އެއްވެސް ޝައްކެއްނެތި ރީތިކޮށް ނަމާދުކުރަން ދަސްކޮށްދޭ ޖީލެއް އުފެއްދުމެވެ.

"އަޅުގަނޑުމެންގެ ޅަދަރިންނަށް މިހާރު ފެންނަމުން ދަނީ އެކި މީހުން އެކިގޮތްގޮތަށް ނަމާދުގެ ހަރަކާތްތައް ގެންގުޅޭތަން. މި ތަފާތުގެ ސަބަބުން ބޮޑެތިވަމުންދާ ކުދިންނަށް ރަނގަޅު ގޮތްވެސް އޮންނަނީ މުޅިން އޮޅިފައި. އެހެންވީމާ އަޅުގަނޑުމެންގެ ބޭނުމަކީ ވުޟޫކުރަން ފެށުމާހަމައިން ނަމާދުކޮށް ނިމެންދެން ކުރަން ޖެހޭ ހަރަކާތްތަކާ ދުއާތަކާ ޒިކުރުތައް އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އަމަލީ ގޮތުން ދަސްކޮށްދިނުން. "ޖަމިއްޔާގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު ރިޒާ ވިދާޅުވިއެވެ.

މި ވާކްޝޮޕްގައި މައުލޫމާތު ދެއްވާނީ އައްޝައިޚް އަބްދުލް މަޖީދު މުހައްމަދެވެ. ވޯކްޝޮޕްގެ އަމަލީ ބައި މިއަދު ވަނީ އޭދަފުށީ މަސްޖިދު މުއީދުއްދީންގައި ކުރިއަށްގެންދަން ފަށާފަ އެވެ. މި ވޯކްޝޮޕް ނިމޭނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕާޓޭ

    މިކަމާ ހިތްޕުޅަށް ތަދުވެގެން މި ސަރުކާރުގެ ބައެއް ބޭފުޅުންނަށް މިރޭ ނިދޭނެބާ

    18
  2. ކޮއިފުޅު

    އޭދަފުށީގަ ނަމާދުކުރަން ދަންނަބައެއްނޫޅެނީބާ

    8
    1
  3. ޙަވަރު

    ނަމާދުކުރަންދަސްކުރަން އެމްޑީޕީކުދިން ދާންވީ މަޖުލީހުގެ ރައީސްކައިރިޔަށް .

  4. އަރީ

    އަޖައިބެއްކަހަލަ ކަމެއް. ނަމާދުކުރަން ނޭގޭ މީހުން މިމުޖުތަމައުގަ އުޅޭތީ