މެދު ރާއްޖެ ތެރެއާއި ދެކުނަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރެފި އެވެ.

މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:15 އިން މެންދުރު ފަހު 15:30 އަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ އެލާޓް ނެރެފައިވާ ވަގުތުތަކުގައި މެދުރާއްޖެ ތެރެއަށާއި ދެކުނަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުން ގޯސްވާނޭކަމަށް ލަފާކޮށް މިއަދު ހެނދުނުވެސް ވައިޓް އެލާޓް ނެރުނެވެ. މި އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ދެމެދުގައިވާ ސަރަހައްދުތަކަށެވެ. މި ސަރަޙައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 09:30 އިން ހަވީރު 15:30 އަށެވެ.

މި އެލާޓާއެކު މޫސުމާ ބެހޭ ޤައުމީ އިދާރާ (މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ) އިން ވިދާޅުވެފައިވަނީ އެލާޓް ނެރެފައިވާ ސަރަޙައްދަށް ވައި ގަދަވެ ކަނޑު ގަދަވާނެކަމަށް ލަފާކުރެވޭކަމަށާއި އެވްރެޖް ގޮތެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 23 މޭލާއި 29 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ބާރު ވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ.

މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 30 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ޔެލޯ އެލާޓް: މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

ރެޑް އެލާޓް: މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

ގްރީން އެލާޓް: މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.