އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް ސާބިތުކޮށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ޣައިރު ޤާނޫނީ ބަންދެއްގައި ބަހައްޓައިގެން، ޣައިރު ޤާނޫނީ ތަހްޤީގެއް ހިންގައި، އިސްލާމީ ޝަރީއަތާ ހިލާފަށް ހެކި ހުށަހަޅައި، ޤާނޫނާ ހިލާފަށް ހެކިބަސް ނަގައިގެން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލުން މިހެން ވިދާޅުވެފައިވަނީ، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން އުފުލި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ސާބިތުވެ އެމަނިކުފާނު ހަތަރު މަހާއި ސައުވީސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން، ހައިކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި މިއަދުއެވެ.

މި މައްސަލަ އުއްތަމަ ފަނޑިޔާރުގެ ފަރާތުން އިސްތިއުނާފުކޮށް އެމަނިކުފާނުގެ ވަކީލުން ވަނީ 13 ނުކުތާއެއް ފާހަގަކޮށްފައެވެ. މިއަދުގެ އަޑު އެހުމުގައި އޮތީ މި ނުކުތާތަށް ޝަރީއަތަށް ހުށަހެޅުމެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ވަކީލުން ފާހަގަ ކުރެއްވީ، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް ސާބިތުކޮށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ޣައިރު ޤާނޫނީ ބަންދެއްގައި ބަހައްޓައިގެން ހިންގާފައިވާ، ޤާނޫނާ ހިލާފު ތަހްޤީގެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ވަކީލުން ވިދާޅުވީ، މިއަހަރުގެ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރިއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަސްޕެންޑް ކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 12 އަދި 14 ވަނަ މާއްދާ ކަމަށާއި، އެ ޤާނޫނުގެ 9 ވަނަ މާއްދާ ސަސްޕެންޑް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ފުލުހުން އަމަލު ކޮށްފައިވަނީ 9 ވަނަ މާއްދާއާ ހިލާފަށް ކަމަށްވާއިރު، ބާތިލު އިޖުރާއަތެއްގެ މައްޗަށް މުޅި ތަހްޤީގު ހިންގާފައިވާތީ މި މައްސަލައިގެ ހުރިހާ ކަމަކީ ބާތިލުވާނެ ކަންކަން ކަމަށް ވަކީލުން ވިދާޅުވިއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑު އެހުން ގާޒީ ހައިލަމް ކުރިއަށް ގެންދެވުމަށްފަހު، ދެވަނަ އަޑުއެހުމާ ހަމައިން ގާޒީ އިބްރާހިމް ޢަލީ މައްސަލަ ބައްލަވަން ފެއްޓެވި ކަމަށާއި، ނަމަވެސް ގާޒީ ބަދަލު ކުރިކަން ޤާނޫނުގައި ބަޔާންކުރާ ގޮތަށް އަންގާފައި ނުވާކަމަށް އަދި ގާޒީ ބަދަލުކޮށްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށް އުއްތަމަ ފަނޑިޔާރުންގެ ވަކީލުން ވިދާޅުވިއެވެ. ވަކީލުން ވިދާޅުވީ މިއަދާ ހަމައަށްވެސް ގާޒީ ބަދަލުވިކަމާއި، ބަދަލުވި ސަބަބު އަންގާފައި ނުވާ ކަމަށާއި، މި އިޖުރާއަތު ފުރިހަމަ ނުކޮށް ހުރެގެން އެ ކޯޓުން ބަލާ އެހެން މައްސަލަތައް މަޑު ޖައްސާލާފައި ހުރިކަމަށާއި، އެހެންކަމުން މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަމަލު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 152 ވަނަ މާއްދާ އާއި ހިލާފަށް ކަމަށެވެ.

މި މައްސަލައިގެ ދައުވާ އާއި، ދައުވާ އާއި ގުޅޭ ގިނަ ލިޔެކިޔުންތަކެއް ދައުވާ ރައްދުވާ ފަރާތަށް ސިއްރުކޮށް، ލިޔެކިޔުންތައް ނުދީ ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށާއި، ބައެއް ލިޔުންތައް 13 މާރިޗު އިން 22 އެޕްރީލް އަށް ދައުލަތުން ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްވެސް ނެތި ކަމަށް އުއްތަމަ ފަނޑިޔާރުންގެ ވަކީލުން ވިދާޅުވިއެވެ.

ވަކީލުން ވިދާޅުވީ، މިއަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހު މި ދައުވާ އުފުލިއިރު ގިނަ ލިޔުންތަކެއް ދީފައި ނުވާ ކަމަށާއި، ލިޔުންތައް ސިއްރު ކޮށްދިނުމަށް ދައުލަތުން ފުރަތަމަ ވަގުތީ އަމުރަކަށް ކޯޓުގައި އެދިފައިވަނީ އެޕްރީލް 22 ވަނަ ދުވަހު ކަމަށާއި، އެ ދުވަހު ގާޒީ ނެރެފައިވަނީ ދައުލަތުން ނުވެސް އެދެނީސް ހެކި ސިއްރު ކުރުމުގެ ދާއިމީ އަމުރެއް ކަމަށެވެ. އަދި އެޕްރީލް 24 ވަނަ ދުވަހު ހެކި ސިއްރު ކުރުމުގެ ދާއިމީ އަމުރަކަށް ދައުލަތުން ކޯޓުގައި އެދިފައިވާއިރު އެކަމަށް އެއްވެސް ފަރުވާލެއް ދީފައި ނުވާކަމަށާއި، ދާއިމީ އަމުރު ނެރުނު އިރު ހެކި ސިއްރު ކުރަން ދައުލަތުން އެދޭ ސީދާ ސަބަބު އަދި އެކަމަށް ބާރުދޭ އެއްވެސް ހެއްކެއްވެސް ހުށަހަޅާފައި ނުވާ ކަމަށާއި ޝަރީއަތުން އަމަލުކޮށްފައިވާ ގޮތަކީ ބާތިލު އިޖުރާއަތެއްކަމަށް ވަކީލުން ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ޝަރީއަތަށް ހާޒިރު ކުރުމެއްނެތި ތިން މީހެއްގެ ހެކިބަސް ސިއްރުން ނަގާފައިވާ ކަމަށާއި، އެގޮތަށް ސިއްރުން ހެކިބަސް ނެގޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައ ބަޔާންކޮށްފައިވާ ގޮތަށް ނަމަވެސް، ޝަރީއަތުން އަމަލު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 147 ވަނަ މާއްދާއާއި، 149 ވަނަ މާއްދާއާ ހިލާފަށް ކަމަށް އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ދައުވާ ފޯމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް، ފޯމުގައި ސޮއި ކުރި ފަރާތަކީ ޕީޖީގެ ހުއްދަ ލިބިގެން ސޮއި ކޮށްފައިވާ ފަރާތެއްކަން ބަޔާންކުރުމެއް ނެތި ދައުވާ ކޮށްފައިވާ މައްސަލައެއް ކަންވެސް ވަކީލުން ފާހަގަކުރިއެވެ.

މި މައްސަލައިގައި ދައުވާ ކުރިއިރު އުއްތަމަ ފަނޑިޔާރު ދައުލަތުން ބުނާ ކުށް ކުރި ސީދާ ވަގުތާއި ތަން އެނގެން އޮންނަން ވާނެ ކަމަށާއި، މި މައްސަލައަކީ ސަރވަރ އަކާ ގުޅުންހުރި މައްސަލައަކަށްވާއިރު، ދައުލަތުގެ ބަހުންވެސް މި މައްސަލައިގައި މިބުނާ ކަންކަން ހިނގާފައި ހުރި ވަގުތު ހޯދޭނެކަން އެނގެން އޮންނަ ކަމަށާއި، ނަމަވެސް ދައުވާ ކޮށްފައިވަނީ ކުށުގެ ވަގުތު ބަޔާންކުރުމެއް ނެތިކަމަށް ވަކީލުން ފާހަގަ ކުރިއެވެ. ވަކީލުން ވިދާޅުވީ، ދައުލަތުން އަމަލު ކޮށްފައިވާ ގޮތުން ހާމަވަނީ މި ދައުވާ އުފުލާފައިވަނީ އެކަށީގެންވާ ތަހްޤީގެއް ކުރުމެއް ނެތި ކަމަށާއި، ދައުލަތަށް މިއީ ހިނގާފައިވާ ކަމެއްކަން ނޭނގޭކަމަށް ކަނޑައަޅަންޖެހޭ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ޤާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ކުށެއް ކުރިކަމަށްބުނެ ކަމަށާއި، ނަމަވެސް މި ދައުވާގައި ބުނާ ކުށް ކުރި ފަރާތަކީ މި މައްސަލައިގައި ސިއްރުން ހެކިބަސްދިން މީހާ ކަމަށާއި، މި މައްސަލައިގައި ދައުވާ އުފުލޭނީ ޤާނޫނުލް އުޤޫބާތުގެ 81 ވަނަ މާއްދާއާއި، 86 ވަނަ މާއްދާގެ ދަށުން ކުށެއް ކުރުމަށް އަމުރު ކުރުމުގެ ކުށުގައި ކަމަށް ވަކީލުން ވިދާޅުވިއެވެ.

އެހެންކަމުން މި ކުށުގެ ދަރަޖަ ޖުނުބުގެ ދެވަނަ ދަރަޖައިގެ ކުށަކަށް ބަދަލުވެ، ކުށުގެ އަދަބު ދެ މަހާއި ބާރަ ދުވަހަށް ބަދަލުވާނެ ކަމަށާއި، ނަތީޖާއަކަށް ވެގެންދާނީ ހުކުމް ކުރި އިރުވެސް އެ މުއްދަތު ޖަލުގައި ހޭދަ ކޮށްފައިވާތީ އިތުރަށް ޖަލު ހުކުމެއް ތަންފިޒު ކުރަން ނުޖެހުން ކަމަށް ވަކީލުން ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައިގައި ދައުލަތުން ހެކި ހުށަހަޅާފައިވަނީ އިސްލާމީ ޝަރީއަތާއި ޤާނޫނާވެސް ހިލާފަށް ކަމަށް އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވިދާޅުވިއެވެ. ވަކީލުން ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ޖެމްސްގެ ވާގަނޑު ކަނޑާލަން އެނގިކަމަށް ހެކިބަސް ދީފައިވަނީ އެންމެ ފަރާތެއް ކަމަށާއި، އެއީ ސިއްރުން ހެކިބަސް ދިން މީހެއް ކަމުން އެއީ އަންހެނެއްކަން ނުވަތަ ފިރިހެނެއްކަންވެސް ނޭނގޭ ކަމަށެވެ. އަދި އެގޮތަށް ހެކިބަސް ދިން މީހަކީ ޖެމްސް ކަނޑާލަން އައިޓީ ސެކްޝަނުގެ މުވައްޒަފަށް އެނގި މީހާ ކަމަށާއި، އެހެންކަމުން އެއީ އިތުރު ހެއްކާ ނުލައި ނުނިންމޭނެ މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ކުށުގެ އުންސުރުތައް ފުރިހަމަވާ ގޮތް ބަޔާން ކުރުމެއްވެސް ނެތި ކަމަށާއި، މި ދައުވާއަކީ ޖިނާއީ ގޮތުން ތަޖުރީމް ކުރެވިފައިވެސް ނުވާ އަމަލެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާއެއްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ކަމަށާއި، ހުކުމް އިއްވާފައިވަނީ ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި ފަސް ހެކިންގެ ތެރެއިން ހަތަރު ހެކިން ހާޒިރު ކުރުމެއް ނެތި ކަމަށް ވަކީލުން ވިދާޅުވިއެވެ.

މި މައްސަލައިގައި ދެން އޮންނަ އަޑު އެހުމެއްގައި އޮންނާނީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ކަންކަމަށް ދައުލަތުން ޖަވާބުދާރީވުމެވެ. މިއަދުގެ އަޑު އެހުން ނިންމަވާލެއްވީ މި މައްސަލައިގައި ވަރަށް އަވަހަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ޝަރީއަތުން ވިދާޅުވުމަށް ފަހުގައެވެ.

މި މައްސަލައިގެ އިސްތިއުނާފު މަރުހަލާ މިއަދު ފެށިއިރު، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދު ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ދެ ބޭފުޅުންގެ މައްޗަށް އިއްވާފައިވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފު މަރުހަލާ ފެށިގެން ކުރިއަށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އުއްތަމަ ފަނޑިޔާރުގެ ވަކީލުންނަށް ބުނެވޭނީ ތިޔަހެނެއްނު؟

  2. ބުއްްަޅަބޭ

    އުއްތޭވެސް ނެރުނީ ގާނޫނާއި ޚިލާފު ހުކުމެއް! އެހެންވީމަ އުއްތޭ އަށްވެސް ހުކުން ކުރަންޖެހޭނީ ގާނޫނުންބޭރުން!

  3. ގާނޫނު އެގެނީ އިދިކޮޅަށް އެކަނިތަ؟

  4. ބަލަ ވަކީލުންނޭ! ކޮންމެވެސް ކަހަލަ ބާކޮޅެއް ހޯދައިގެން ސަލާމަތް ވެވޭތޯ ދޯ ތިޔަ އުޅެނީ؟ އިޚްލާޞްތެރި ބަޔަކަށްވެބަލަ! މާތްﷲ ގަންދީ ހުވާކޮށްގެން ތިބެ އެމީހުން އެ ކުރި ކަންތައް ކަލޭމެނަށްވެސް ހަމަ ކަމުދަނީތަ؟ ނޫނީވިއްޔާ ކިތައް މިލިއަން ލިބިގެން ތަ ތިޔައުޅެނީ؟

  5. ވީމާ ރިޝްވަތު އެއީ ޤާނޫނާ އެއްގޮތަށް ނެގި އެއްޗެއްތަ؟

  6. އުއްތަމަ ބެއްޔާ ސަލާމަތްކުރުމަށް ޓަކައި އެކަމަށް ކޮންމެފަދަ ޢަދަދެއް ވެސް ހޭދަކޮށްފާނެ. އޭގެދެގުނަ ތިންގުނަ އަނބުރާލިބޭނެތާ. މިއިން ޒަމާނެއްގައިވެސް ބަޔަކު ނުހިންގާ ވަރުގެ ނުބައި ހުތުރު ޖަރީމާއެއް އުއްތަމަ ބެއްޔާ އާއި ހުދުޖަނގިޔާ ބެއްޔާ އެހިންގީ.