މި ސަރުކާރުން މުސްލިމުންގެ ހައްގުތައް ހޯދައިދިނުމުގެ ބަދަލުގައި މަސައްކަތް ކުރަނީ އެހެެން ސަރުކާރުތައް ރުއްސަން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވަމުން އަންނަ މީހުން އަންދަމުން އަންނަ މައްސަލަ އާއި ގުޅިގެން އެ ގައުމުގައި މަރުވާ މުސްލިމް ރައްޔިތުން ރާއްޖެ ގެނެސް ވަޅުލުން ބޮޑު ބަހުސަކަށް ވެފައި ވަނިކޮށެވެ.

އާދަމް ޝަރީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މީގެ ކުރިން ރާއްޖެއަކީ މުސްލިމުންގެ ހައްގުތަކާއި ގުޅޭ ކަންކަމުގައި އެންމެ ފުރަތަމަ ބަސް އިއްވާ ލިސްޓުގެ ކުރީގައި އޮންނަ ގައުމެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ މަންޒަރު ފެންނަނީ އެހެން ސަރުކާރުތައް ރުއްސަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު ލަންކާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމަށް އެގައުމުގެ ސަރުކާރުން އެދޭ މައްސަލަ އަށް ސަރުކާރުގެ ބައެއް އިސްވެެރިން ވަނީ ތާއިދުކޮށްފައެވެެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަދި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވެސް ހިމެނެއެވެ.

ފޮރިން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ވިދާޅުވީ ކޮވިޑް-19 ގައި ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެ ގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، ރާއްޖޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ހޯއްދެވުމަށް، ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސް ސޯލިހަށް ސިޓީފުޅެއް ފޮނުއްވާ ކަމަށް ބަޔާނުގައިވެއެވެ.

މިހާރު އެކަމާއި ގުޅޭ މަޝްވަރާތައް ކުރަމުންދާކަަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.