މާލޭގައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ އެއް ދުވަސް ފަހުން ދިރިއުޅޭ ގޭގެ ސިޑި މަތީގައި އޮއްވައެވެ. ޝިރުމީނާއާ ހަވާލާދީ އާއިލާ އިން ކުރިން ބުނި ގޮތުގައި، ބަޔަކު މީހުން، ޝިރުމީނާ ރަހީނުކޮށް އަނިޔާ ކުރީއެވެ. އަދި ގިނަ އަދަދެއްގެ ފައިސާ އަތުލުމަށް ފަހު، ޝިރުމީނާ ދޫކޮށްލީ ވަރަށް ބޮޑަށް އަނިޔާކޮށްފައި ކަމަށް އާއިލާ އިން ތުހުމަތު ކުރެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ 31 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝިރުމީނާ ރަހީނު ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރު ކުރި 31 އަހަރުގެ ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި ހައްޔަރު ކުރި 18 އަހަރު ނުފުރޭ ކުޑަ ކުއްޖާ ކޯޓުން ދޫކޮށްލީ ޝަރުތުތަކެއްކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، އެ ކުޑަކުއްޖާ ދޫކޮށްލާފައި ވަނީ ކޯޓުން ކޮން ޝަރުތުތަކެއް ކުރުމަށް ފަހުގައި ކަމެއް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅެއް ނުވެއެވެ.

ޝިރުމީނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ގައެވެ. އަދި ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނުނީ ނޮވެމްބަރު އެއް ވަނަ ދުވަހުއެވެ. ޝިރުމީނާ ފެނިފައި ވަނީ، އޭނާ ގެއްލިގެން ހޯދަން އާއްމުންގެ އެހީއަށް ފުލުހުން އެދުނު ފަހުންނެވެ.

ޝިރުމީނާގެ އާއިލާ މީހަކު "ވަގުތު"އަށް ބުނީ ޝިރުމީނާ ކައިރިން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭނާ ބަޔަކު ރަހީނު ކުރީ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ފައިސާ ނުދީފި ނަމަ، މަރާލާނެ ކަމުގެ އިންޒާރު ވެސް ދިން ކަމަށް އާއިލާ އިން ބުނެއެވެ.

ރަހީން ކުރި މީހުން ފައިސާ އަށް ޑިމާންޑް ކުރި އިރު، ޝިރުމީނާ އެމީހުންނަށް 20،000ރ. ދީފައިވާ ކަމަށްވެއެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ޝިރުމީނާ ރަހީނުކޮށް އޭނާއާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގައި، ބްލެކްމެއިލްކޮށްގެން ފައިސާ އަތުލާފައިވާ ކަމަށް ބުނާތީއެވެ.