މަސްވެރިކަމަކީ ދިވެހިންގެ ލޭނާރޭ ބުނާ އަޑު އަހަމެވެ. އެހެންނަމަވެސް ދިވެހިންގެ ހަޤީޤީ ލޭނާރަށް މަސްވެރިކަން ވާނީ މަސްވެރިކަން އެންމެ ފައިދާ ހުރި ގޮތުގައި ކުރިޔަށް ގެންދެވޭނެ ގޮތްތަކެއް ދިވެހިން ބޭރުގެ ފަރާތްތަކަށްވެސް ދަސްކޮށްދީގެން ތާއެވެ. " މޯލްޑިވްސް - ނެޗުލަރީ ސަސްޓެއިނަބަލް" އަކީ މިފަދަ ކޮންސެޕްޓްއެކެވެ. މި ކޮންސެޕްޓްގެ މަޤްސަދަކީ މަސްވެރިކަން ދެން އަންނަން އޮތް ޖީލްތަކަށްވެސް އޭގެ އެންމެ ހެޔޮ ގޮތުގައި ފޯރުކޮށްދިނުމެވެ.

އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެވެސް ދިވެހިންގެ ތެރޭގައި އެންމެ އާއްމު އެއް މަސްވެރިކަމަކީ ދޮށީގެ މަސްވެރިކަމެވެ. ދިވެހިން އޭރުވެސް އަދި މިހާރުވެސް ޤަބޫލު ކުރާ އެއް ކަމަކީ ދޮށީގެ މަސްވެރިކަމަކީ މަސް މަހާ މެއްސަށާއި ތިމާވެއްޓަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. މިއީ ހަމަ ކަމުގެ ހަޤީޤަތެވެ. ކަމުގެ މާހިރުންވެސް ހަމަ ދެކެނީ މިހެންނެވެ. ދޮށީގެ މަސްވެރިކަން ކުރުމުގެ ސަބަބުން މަހުގެ އާއިލާ އިތުރުވެ، މަސްވެރިކަން އަންނަން އޮތް ޖީލްތަކަށް ފޯރުކޮށްދިނުމަށް އިތުރު ބާރެއް އެޅިގެންދެއެވެ. "މިފްކޯއިން" އިން އިސްނަގައިގެން ރާއްޖޭގެ މަސްވެރިންނާއެކު މިފެށި މަސައްކަތަކީ ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެގޮތަށް ބާނާ މަހުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލުމެވެ.

މިފެކޯގެ އެމްޑީ ވާހަކަފުޅު ދައްކަވަނީ

މި ކޮންސެޕްޓް އިފްތިތާޙްކޮށްދެއްވީ ބެންކޮކްގައި ބޭއްވި 16 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް ވަނީ އިންޑިޔާާގެ ކަޑުގައި އެކި އެކި އުކުޅުތައް ބޭނުންކޮށްގެން އެކިއެކި ޤައުމުތަކުން ތިމާވެއްޓަށް ގެއްލުންވާނެ ހެން މަސް ބާނަމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދުލީ ވިދާޅުވީ އިންޑިޔާ ކަނޑުގެ %60 މަސް ބާނަމުން ދިޔައީ ދިވެހިން ކަމަށާއި ނަމަވެސް، ބޮޑެތި ވިޔަފާރިތައް ކުރުމަށް ދާއަޅައިގެންނާއި މިފަދަ މިނޫންވެސް ގޮތް ގޮތަށް ބޭރުގެ ބައެއް ޤައުމުތަކުން އިންޑިޔާގެ ކަނޑުގައި މަސްވެރިކަން ކުރަމުންދާތީ ދިވެހިން ބާނާ މަހުގެ އިންސައްތަ ވަރަށް ބޮޑަށް ދައްވެފައިވާ ކަމަށެވެ.

އަދުލީ އިތުރަށް ވިދާޅުވީ ދިވެހިން ކުރާ ދޮށީގެ މަސްވެރިކަމުގެ ސަބަބުން ކަނޑުގެ އެހެން ދިރުމަކަށް ގެއްލުން ނުވާ ކަމަށާއި ހިމާޔަތް ކޮށްފައިވާ އެއްވެސް ބާވަތުގެ މަހަކަށް ދިވެހި މަސްވެރިން ގެއްލުމެއް ދީފައިނުވާކަމަށެވެ. އަދި ދިވެހިންގެ މަސްވެރިކަމަށް ކިތަންމެ ބޮޑު ތަރައްޤީއެއް އައިސްފައިވިޔަސް، ކިތަންމެ ޒަމާނީ ވަސީތަލެއް މަސްވެރިކަމުގައި ބޭނުން ކުރިކަމުގައި ވީނަމަވެސް ދިވެހިން އަބަދުވެސް ކުރަނީ ދޮށީގެ މަސްވެރިކަން ކަމަށް އަދުލީ ވަނީ ފާހަގަކޮށްފައެވެ.

މިފްކޯއަކީ ދިވެހި ރާއްޖޭގެ މަސްވެރިން ބާނާ މަސް ކިރާ އެންމެ ބޮޑު ފަރާތްކަން ފާހަގަކޮށް އަދުލީ ވިދާޅުވެފައިވަނީ ދިވެހި މަސްވެރިންގެ ޙައްޤުތަށް ދިފާޢު ކުރުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

" މިފްކޯއަކީ ދިވެހި ރާއްޖޭގައި އޮތް އެންމެ ބޮޑު މަސް ކިރާ އެ ޕުރޮސެސްކޮށް، އެކްސްޕޯޓް ކުރާ ކުންފުނި. މިފްކޯއިން ޤަބޫލު ކުރާ ގޮތުގައި ދިވެހި މަސްވެރިންގެ ޙައްޤުތަށް ދިފާޢުކޮށްދެން ނިކުންނަން ޖެހޭނީ ހަމަ މިފްކޯއިން. " އަދުލީ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ދިވެހިރާއްޖެ ތިމާވެށި ހިމާޔަތް ކުރުމަށް ކުރިޔަށް ގެންދަވާ މަސައްކަތްތަކާ ބެހޭ ގޮތުން އަދުލީވަނީ ވާހަކަ ދައްކަވާފައެެވެ. މިގޮތުން "ފަރު ކޮއެ" ގެ ނަމުގައި ސުކޫލްތަކަށް އަމާޒު ކުރެވިގެން ހިންގޭ ހަރަކާތަށްވަނީ އަލިއަޅުއްވާ ލާފައެވެ.