ކުރީގެ ރައީސް މަޢޫމޫނު ޢަބްދުލް ޤައްޔޫމް އަދި އުއްތަމަ ފަނޑިޔާރު ޢަބަދުﷲ ސަޢީދާއި ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ މަރުޚަލާ މާދަމާރޭ ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ތާވަލުކޮށްފިއެވެ.

މަޢޫމޫނު ޢަބްދުލް ޤައްޔޫމާއި ދެ ފަނޑިޔާރުންގެ މައްޗަށް ދައުލަތުން ކުރާ މި ދައުވާގެ އަޑު އެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާރޭ 21:30 އަށެވެ. މި ރަމަޟާން މަހު މީގެ ކުރިން ރޭގަނޑު ޝަރީއަތްތަށް ކުރިއަށް ގެންގޮސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ގާނޫނާ ހިލާފަށް ޤާނޫނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް މިދިޔަ ފެބްރުއަރީ މަހު މި ތިން ބޭފުޅުން ހައްޔަރުކޮށް، ތަހްޤީގަށް ފޯން ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ ދައުލަތުން ތިން ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާޢީ މަރުޚަލާ ނިންމާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

އިބްތިދާޢީ މަރުޚަލާގައި ހުށަހެޅި ހުށަހެޅުންތަކާމެދު ގާޒީ ހަސަން ނަޖީބު ނިންމެވި ނިންމެވުންތައް ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާން ނިންމަވައި، އިސްތިއުނާފުން ގޮތެއް ނިންމަވަންދެން ޝަރީއަތް ނުފަށާ މަޑުކޮށްލުމަށް މައުމޫނުގެ ވަކީލުން ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ. ނަމަވެސް އިސްތިއުނާފު ކުރިކަން ނުވަތަ ނުކުރާކަން ސާފެއް ނުވެއެވެ.

މި މައްސަލައިގެ ޝަރީއަތް މަޢުލޫޢީ ގޮތެއްގައި ކްރިނިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި މި މައްސަލައިގެ ޝަރީއަތް ތިން ބޭފުޅުން އެކުގައި 2018 މެއި 24 ވީ ބުރާސްފަތި ދުވަހު ފަށާނެކަމަށް ގާޒީ ނަޖީބު 22 ވަނަ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި އިޢުލާން ކުރައްވާފައިވީ ނަމަވެސް އެދުވަހު ޝަރީއަތް ފަށާފައެއް ނުވެއެވެ.

މަޢޫމޫނު ޢަބްދުލް ޤައްޔޫމާއި ދެ ފަނޑިޔާރުންގެ މައްސަލަ މާދަމާރޭ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާއިރު، މައުމޫނުގެ ޕްރައިވެޓް ސެކިއުރިޓީ އޮފިސަރެއް ކަމަށްވާ މުހައްމަދު އަޒްމީ އަދި މައުމޫނު އޮފީހުގެ މުވައްޒަފެއް ކަމަށްވާ ނަޖުމާ އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތްވެސް މާދަމާ ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފައިވެއެވެ.