މ. މުލީގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށް އަންދާލައިފިއެވެ.

ފުލުހުން ވިދާޅުވީ މުލީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ރޯކޮށް އަންދާލާފައިވާ ކަމަށް މިއަދު ފަތިހު 5:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ނަމަވެސް ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ފަތިހު ރޯކޮށްލާފައި ވަނީ މުލީގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލުުގައެވެ.

މުލީ ކައުންސިިލަރު އަހުމަދު ޝާތިރު ވިދާޅުވީ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތެއް ރަސްމީކޮށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެެސް އެފަދަ ވާހަކައެއް ދެކެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހުންނާއި އާންމު ފަރާތަކާ މެދު ދެބަސްވުމެއް އޮތް ކަމެއް ވެސް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

މީގެ ކުރިންވެސް ރަށް ރަށުގައި މަސައްކަތް ކުރާ ފުލުހުންނަށް ގެއްލުން ދިނުމާއި އެމީހުން ގެންގުޅޭ ތަކެއްޗަށް ގެއްލުން ދިނުން ފަދަ ކަންކަން ހިނގާފައިވެއެވެ.