އިންތިގާލީ އިންސާފުގެ ގާނޫނު ތަސްދީގު ކުރި ފަހުން، ޝަރުއީ ނިޒާމުގެ ތެރެއިންނާއި ސިޔާސީ ލީޑަރުން ކުރައްވާފައިވާ އެކި ކަންކަން އަލުން ބަލަން ގޮވާލުމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ޓްވީޓާގައި ބަހުސް ކުރައްވަން ފަށްޓަވައިފިއެވެ.

ފެބްރުއަރީ 1، 2018 ގައި އޭރު ޖަލު ހުކުމްތަކާއި ޖަލު ބަންދުގައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަން ކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް ފެބްރުއަރީ 5، 2018 ގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރު ކުރީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް އެ ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ގާނޫނުތަކުގެ ބޭރުން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މިކަން ދޮގު ކުރައްވައި އޭރު އެ އަމުރުގައި ވެސް ސޮއިކުރައްވައި ފަހުން އަމުރު ބާތިލް ކުރަން ނެރުނު އަމުރުގައި ވެސް ސޮއިކުރެއްވި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވާހަކަ ދެއްކެވުމުން އެމްޑީޕީގެ ބައެއް މެންބަރުން އެއަށް ރައްދު ދެއްވާފައިވެއެވެ. އެ ގޮތުން އިންތި ވެސް ވަނީ އެ ވާހަކަ ދައްކަވަނީ އެކުވެރި ފަނޑިޔާރުންނަށް ޣައްދާރުވެ "ބަޣާވާތް" ކޮށްގެން އުއްތަމަ ފަނޑިޔާރު ކަން ހޯއްދެވި ފަނޑިޔާރު ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައިވެއެވެ.

އިންތިގެ ވާހަކައަށް ރައްދު ދެއްވަމުން ހައިލަމް ޓްވީޓް ކުރެއްވީ މީގެ ކުރިން ފަނޑިޔާރު އަލީ ހަމީދަށް ފާޑުވިދާޅުވެ އިންތި ދައްކަވާފައިވާ ވާހަކައިގެ މަންޒަރު ހިމެނޭ ވީޑިއޯ ކްލިޕެއް އެޓޭޗް ކުރައްވާފައެވެ. އެ ޓްވީޓްގައި ހައިލަމް ލިޔުއްވާފައިވަނީ އިންތިއަކީ ފަނޑިޔާރެއްގެ މައްޗަށް ޒިނާ ކުރި ކަމުގެ ތުހުމަތު ކުރެއްވުމަށް ފަހު، ފަހުން އަމިއްލަ މަސްލަހަތުގެ ކަމެއް އައުމުން އެ ފަނޑިޔާރު ހިމާޔަތް ކުރައްވަން އުޅުއްވި މަޖިލީހުގެ މެންބަރު ކަމަށެވެ.

އަލީ ހަމީދަކީ ވެސް އެކެއް ފެބްރުއަރީގެ އަމުރުގައި ސޮއިކުރެއްވި ފަނޑިޔާރެކެވެ. އެ އަމުރު ނެރުމުގައި ރިޝްވަތު ނަންގަވައި އިދިކޮޅު ފަރާތްތަކާ އެކު ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އަލީ ހަމީދާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރިއެވެ. އޭރު އެ ދެ ފަނޑިޔާރުން ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް އިންތި ހިމެނޭހެން އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދެވިއެވެ.

އެކަމަކު 2013 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ އިސް ބޭފުޅުން އެންމެ ބޮޑަށް ފާޑުވިދާޅުވެފައިވަނީ ވެސް އެ ފަނޑިޔާރަށެވެ. އެއީ އޭނާ ފެންނަ ބަދު އަހްލާގީ ވީޑިއޯއެއް މީސް މީޑިއާއަށް ލީކް ވުމާ ގުޅިގެނެވެ. އަދި އެ ދުވަސްވަރަކީ އެމްޑީޕީއާ ވާދަވެރި ފަރާތްތައް ބޭނުންވާ ގޮތަށް ރިޔާސީ އިންތިހާބުގެ މައްސަލަތައް ސުޕްރީމް ކޯޓުން ނިންމަމުން ދިޔަ ދުވަސްވަރެވެ. މި ގޮތުން އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން އެ އަހަރު ބާތިލް ކުރިއެވެ.

ހައިލަމް މި ކަން ފާހަގަކުރެއްވުމުން އިންތި ވިދާޅުވީ އޭރު ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އަލީ ހަމީދާއި އަހުމަދު އަބްދުﷲ ދީދީގެ އިތުރުން ހައިލަމަކީ ވެސް ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަން އެކަށީގެންވާ ބޭފުޅުން ނޫން ކަމަށެވެ. ދެން ދައްކަވަން އޮތީ ކޮން ވާހަކައެއްތޯ ވެސް އިންތި ސުވާލު ކުރެއްވިއެވެ.

ރައްދުގައި ހައިލަމް ވިދާޅުވީ ފަނޑޔާރު ކަމުގައި ތިބެވެން ޖެހޭނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަަކަށް ވާގިދީ، އެ ކަންކަމަށް މަގުފަހިވާނެ ގޮތަށް "ސިޔާސީ ޑީލް" ހައްދަވާ ބޭފުޅުންނަށް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. މި ގޮތުން އެކެއް ފެބްރުއަރީގެ އަމުރުން ވެސް އެމްޑީޕީއިން ބޭނުންވާ ނަތީޖާ ހާސިލްވިނަމަ އަލީ ހަމީދު މިއަދު ވެސް ހުންނަވާނީ އެ މަގާމުގައި ކަމަށް ހައިލަމް ވިދާޅުވިއެވެ.

މި ގޮތުން ހައިލަމް ވެސް މި ސަރުކާރު އައި ފަހުން ގާޒީގެ މަގާމުގައި ހުންނެވިއެވެ. އެކަމަކު އޭނާ ގާޒީގެ މަގާމުން ސަސްޕެންޑް ކުރަން މިހާރު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އޭރު އޭނާ ބައްލަވަމުން ގެންދެވި، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގި ޝަރީއަތުގެ ހުކުމާ ހަމައަށް އައިސްފައިވަނިކޮށެވެ. އެއީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭން ޖަހާފައި ހުރި މަންޒަރު ފެންނަ ފޮޓޯއެއް ކޯޓުގެ އެތެރޭގެ ގްރޫޕްއަކަށް ފޮނުވި މައްސަލައިގައެވެ. ހައިލަމް ވިދާޅުވާ ގޮތުގައި އޭނާ މަގާމުން ވަކިކުރީ ރައީސް ޔާމީންގެ މައްސަލަ ސަރުކާރުގެ ބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ހުކުމް ކުރާނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢާއިޝާ

    އިންތިއަކަށް ނޫން އެގޭނީކީ ފަނޑިޔާރުންނަށް ތިބެން ޖެހޭ މީހުން. އިންތި ޤައުމު ފަސާދަ ކުރަން އުޅޭނެ ކަމެއް ނެތް. މުސްލިމުން ބިކަ ކުރަން އުލޭނެ ކަމެއް ނެތް. ހައިލަމް އަކީ ރަނގަޅު ބޭފުޅެއް.

    50
    2
    • ޒިޔަޒަން

      ދެން ހައިލަމަށްތަ އެނގެންވީ؟؟ ފަނޑިޔާރުކަމަށް ކުފޫހަމަ ނުވާވަރު މި އެނގެނީ.. ސިޔާސީ އެކްޓިވިސްޓުން އުޅޭހެން މި ތެޅެނީ.. މީގެން ދައްކައިދެނީ ޤާޞީކަމުން ވަކިކުރީ ހަމަ ރަނގަޅަށްކަމަށް. އަމިއްލަޔަށް ސާބިތުކޮށްދެނީއެ.. ކުދޫ ހަމަނުވާ ކަރަޕްޓު މީހުން މިއުޅެނީ މޭފުއްޕާފަ

      1
      14
  2. ލގަމު

    އިންތި ވިޔަސް ބިންތިވިޔަސް އެސޮރު ގެން ގުޅޭ މިންގަނ ޑު އެނގޭނީ ހަމަ އެސޮރަށް ހަގީގަތަކީ ޣާޒީ ހައިލަމް ފައްސާލީ ރައީސް ޔާމީން ބޮލުގައި އެމް ޑީޕީ ހިންގި ބޮ ޑު ޖަރީމާ ރައީޔާމީންގެ ބޮލުގައި އަޅުވައި ނުހައްޤުން ރައީސްޔާމީން ޖަލަލުމަށް ޓަކައި ޣާޒީ ހައިލަމް ފަހާދުވީ އެވަރުންވެސް އެރީނދޫ ބައިގަނ ޑަ މާތްﷲ ހަޖެހުމެއް ނުދެއްވިކަން އެނގިހާމަވަމުން މިދަނީ ވަގަށްނަމަވެސް ތިބައިގަނ ޑަ ށްވެރިކަންލިބި މަޖިލިސްލިބި ރާއްޖޭގެ ހުރިހާ ބާރެއްލިބި ތިމާމެން ކާނެވަރަކަށް ކާންލިބި ބޯނެވަރަކަށް ބޯންލިބި ނުބޮއެވިޔަސް ބޮއެގެންވިޔަސް ތިބައިގަނ ޑު ހަމައިގަތިބޭވަގުތެއް މަވާނުދެކެމޭ!

    16
    2
  3. އައިޝް

    ސާބަހޭ ހައިލަމް ތިހެންތިއްބަވާނީ ތަޤުވާވެރިން ތެދުވެރީންނާއިއެކު ﷲވޮޑިގެންވޭ ) އިންތި ލާދީނީ ވިޔަސް ތިއީ ބޮޑުވަރު އިނގޭ!

    16
    4
    • ރިސްތޭ

      ވަރަށް ތަޢުވާވެރިވާނެ ހުކުމް ވިއްކާ ހަރާމްފައިސާ ހޯދާ ޤާޞީން.. އަސްލު ސިފައާ ފެންވަރު މި ފެންނަނީ އެހެލީމަ.. ގެއްލުނު އެތީގެ ބޮޑުކަމުން ޖަހަމު ނުވެގެން ތެޅި ބާލަނީ.. ކުރިން ލިބުނު ރިޝްވަތު ބޮނޑި ކާން ނުލިބޭތީ

      2
      11
    • ރިސްތޭ

      ވަރަށް ތަޢުވާވެރިވާނެ ހުކުމް ވިއްކާ ހަރާމްފައިސާ ހޯދާ ޤާޞީން.. އަސްލު ސިފައާ ފެންވަރު މި ފެންނަނީ އެހެލީމަ.. ގެއްލުނު އެތީގެ ބޮޑުކަމުން ޖަހަމު ނުވެގެން ތެޅި ބާލަނީ.. ކުރިން ލިބުނު ރިޝްވަތު ބޮނޑި ކާން ނުލިބޭތީ..

      1
      7
  4. ޔާﷲ

    ރީނދޫ ޖާހިލުންގެ ޝައިތާނީ ވަސްވާހުގައި ނުޖެހި މާތްﷲ ހައިލަމް ސަލާމަތްކުރަށްވާށި ޔާﷲ

    8
    1
  5. ޝާޕް

    އެހެންވީމާ ޒިނޭ ކުރުމުގެ ކުރިން ފުރަތަމަ ނިންމަންވީ މިކުރަނީ ޤާނޫނީ ޒިނޭ ތޯ ނޫނީ ޝަރުޢީ ޒިނޭ ތޯ. ދޯ.

  6. އިބްރާ

    އިންތިއަކީ މިގައުމު ފަސާދަކުރި މީހުންގެ ލިސްޓުގައިވާ މީހެއް.