ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 64 އިންސައްތަ ނިމިއްޖެއެވެ.

އެމްޓީސީސީ އިން މިއަދު ވިދާޅުވި ގޮތުގައި އެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 64 އިންސައްތަ ނިމިފައިވާއިރު އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އާ ގޮނޑުދޮށް ސަރަހައްދުގެ ނެރު ފުން ކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއު މޮބައިލައިޒް ކުރެވިފައިވަނީ ޖޫން 8، 2020 ގައި ކަމަށް އެމްޓީސީސީ އިން ވިދާޅުވެއެވެ.

ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ އޮކްޓޯބަރު 19، 2019 ގައެވެ. އެއީ 349 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 18.5 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގައި 156 މީޓަރުގެ ބޭރު ތޮއްޓަކާއި 74 މީޓަރުގެ ރިވެޓްމެންޓް އަދި 164 މީޓަރުގެ އެއްގަމު ތޮށި ލާނެއެވެ. 8 މޫރިން ބޮއެ ހަރުކޮށް 8 ބަނދަރު ބައްތި ހަރުކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ދެ ނެރި ބައްތި ހަރުކޮށް ބަނދަރާއި ނެރު ފުންކޮށް، ބަނދަރުގެ އެއްގަމު ތޮށީގައި ފަސް މީޓަރު ފުޅާ މިނުގައި ޕޭވްމަންޓް ހަދަން ވެސް ވަނީ ނިންމާފައެވެ.

ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތައް މި ސަރުކާރުގައި ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މީގެ ސަބަބުން އެމްޓީސީސީގެ މާލީ ހާލަތު ރަނގަޅުވެގެން ދިޔަ ކަމަށް އެ ކުންފުނިން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު