ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ޤައުމީ އިނާމު ދިނުމުގައި ދަރަޖަ ވަކިނުކޮށް ހަމަހަމަ ކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ޑރ.ޝަހީމް ވިދާޅުވެފައިި ވަނީ، ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ޤައުމީ އިނާމް ދޭންވީ ޤުރުއާން ހިތު ދަސްކުރީތީ އަދި ﷲގެ ކަލާމްފުޅު ދަސްކުރީތީ ކަމަށެވެ. އެކި ކުދިންގެ ކިޔެވުމުގެ ފެންވަރު ހުންނާނީ އެކި ވަރަށް ކަމަށް ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، އެކުދިންނަށް ޤައުމީ އިނާމު ދިނުމުގައި ދަރަޖަތައް ވަކިކުރުމަކީ ހެދޭ ބޮޑު ގޯހެއް ކަމަށެވެ.

"އެކިކުދިންގެ ކިޔެވުމުގެ ފެންވަރު ހުންނާނީ އެކިވަރަށެވެ. އެގޮތައް ދަރަޖަކޮށް އިނާމު ދޭނަމަ ވަރަށް ގިނަ ކުދިން ހިތުގައި ޖެހޭނެއެވެ. މިސާލަކަށް އޯޓިޒަމް ހުންނަ ކުއްޖަކު ޤުރުއާން ދަސްކޮށްފާނެއެވެ. އޭނާގެ ކިޔެވުން އެންމެ ކުޅަދާނަ ނުވެދާނެއެވެ. ކިޔެވުމުގެ ފެންވަރާއި ދަރަޖަ ވެސް ތަފާތުވެދާނެއެވެ." ޑރ.ޝަހީމް ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ ޤުރުއާން ހިތުދަސްކުރާ ކުދިންގެ ދަރަޖަތައް ތަފާތު ނުކުރަންވީ އެފަރާތްތަކުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުން ހާފިޒުންވެސް ތިބޭތީ ކަމަށާއި، އެކުދިން އެންމެ ކުޅަދާނަ ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އާދައިގެ ކުދިންނާއި އެކުދިިންގެ ފެންވަރާއި ދަރަޖަވެސް ތަފާތުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެއީ ހާފިޒުންނަށް ޤައުމީ އިނާމު ދިނުމުގައި ދަރަޖަތައއް ވަކި ނުކުރަންވީ ހަމައެކަނި ސަބަބު ނޫން ކަމަށާއި، އެކަމަށް އެތައް ސަބަބެއް އެބަހުރި ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

"މިފަދަ ކިތައްމެ ސަބަބަކާ ގުޅިގެން ޙާފިޒުންނަށް ޤައުމީ އިނާމު ދޭންވީ ފެންވަރަށް ބަލައިގެނެއްނޫންކަމަށް އަޅުގަނޑު ދެކެމެވެ. އިނާމު ދޭންވީ ﷲގެ މާތް ފޮތް ދަސްކުރި ކަމަށްޓަކައެވެ." ޑރ.ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ނިންމާފައިވާ ގޮތުން ޤައުމީ އިނާމު ދޭ ޙަފްލާގައި އެއްވަނަ ދަރަޖައަށް އިނާމު ދީފައި، ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރާ ޖަލްސާގައި ދެވަނަ ދަރަޖައަށް އިނާމު ދިނުމަކީ ޙާފިޒުން ހިތުގައި ޖެހޭނެ ކަމެއް ކަމަށް ޑރ.ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. އަދި އޭގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ތިބުމަކީ ވެެދާނޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ތަފާތުނުކޮށް، ޤުރުއާން ދަސްކުރިކަމަށްޓަކައި ޤައުމީ އިނާމު ދެއްވުމަށް ޝަހީމް ވަނީ އެދިވަޑައިގެންފައެވެ.

އަދި ހާޒިފުންނަށްޓަކައި ސަރުކާރުން ރަނގަޅުކަމެއް ކޮށްދޭނަމަ ބޭނުންފުޅު ނަމަ ޙާފިޒުންނަށް ދައުލަތުން ދޭ އެލަވަންސް ދެހާސް ރުފިޔާ ފަސްހާސް ރުފިޔާއަށް އިތުރުކޮށްދެއްވުމަށް ޝަހީމް ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތ

    ވިސްނާ ނުލާ މިސަރުކާރުން ތިޔަކަހަލަ ދޯހަޅި ސިޔާސަތު ތަންފީޒު ކުރަމުން ދަނީ އެކަމުން ސަރުކަޜާ މެދު ރައްޔިތުން ހިތުގައި އިތުބާރު ގެއްލެމުން ކޮންމެ ދުވަހަކު މިފަދަ ކަމެއް އެބަހިނގާ

  2. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    މާތް ﷲ ބާވާލެއްވި ކީރިތި ޤުރުއާން އަކީ އެންމެ ކީރިތި ވަންތަ، މޫރިތި ވަންތަ ފޮތް ކަމުގައި ކޮންމެ މުސްލިމަކު ވެސް ދެކޭނެއެވެ. އެ މާތް ވެގެންވާ ފޮތުގެ އަކުރުތައް ކިޔުމުގެ މަޙްރަޖަ އަށް ނޫންނަމަ ކިޔަވަންވާ ގޮތަށް އިންސާނުން އެއްވަނަ ދަރަޖަ، ދެވަނަ ދަރަޖަ، ތިންވަނަ ދަރަޖަ ދިނުމުގެ ޙައްޤެއް ލިބިގެނެއް ނުވެއެވެ. އޭގައި އޮންނާނީ ރަނގަޅު ގޮތާއި ނު ރަނގަޅު ގޮތެވެ. ތިންވަނަ ގޮތެއް ނޯންނާނެ ކަން ކަށަވަރެވެ. ޤުރުއާން ހިތުދަސް ކުރާ ކިތަންމެ ގިނަކުދިންނެއް ތިބި ކަމުގައި ވިޔަސް ސްޓޭޖް މަތިން ޢިނާމު ދެވެންވާނެއެވެ. މިކަމަކީ އިބޫ އަށް ކުރަން ނުފެންނަ އިބޫ އަށް އުނދަގޫ ކަމަކަށް ވަނީ ނަމަ ހުއްޓާލާނީ އެވެ. ކޮންމެހެން ޤުރުއާނަށް ދަރަޖަ ތަކެއްދީ، އެ މާތް ފޮތުގެ އަގުވައްޓާލަން އިބޫ އުޅޭނެ ކަމެއްނެތެވެ.

    12
  3. ޒައީމާ.

    ލޮލުން ބޮލުން ތާއީދު.

  4. ާއައިސްތު

    އޭ އެއީ ނާދިހު ދޯ