ލޯނު ފައިސާ ލިބުނު ކަމުގެ ލިޔުން (ލޯނު އެވޯޑް ލެޓަރ) ލިބުމުން ދަރިވަރުން ސަމާލުކަން ދޭންވީ ކަންތައްތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

އެމިނިސްޓްރީން އާއްމު ކުރި ލިޔުމެއްގައި ވަނީ ދަރިވަރުން ސަމާލުކަންދޭން ޖެހޭ މައިގަނޑު ނުވަ ކަމެއް ފާހަގަ ކޮށްފައެވެ. އޭގެތެރޭގައި މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ފައިސާ ދޫކުރުމުގެ އިދާރީ ކަންކަން ހަމަޖެއްސުމަށްޓަކައި ލިޔުމާއިއެކު ދެވޭ ފޯމު ފުރިހަމަ ކުރުމަށްފަހު އޮފީސް ބަންދުނޫން ދުވަސްތަކުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅުއްވުމަށް ސަމާލުކަން ދިނުން ހިމެނެއެވެ.

މީގެ އިތުރުން ލިޔުމާއެކު ހަވާލުކޮށްފައިވާ "މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ފައިސާ ދޫކުރުމަށް އެދޭ ފޯމް" އާއި އެފޯމާއިއެކު ހަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް، ފައިސާ ލިބެން ބޭނުންވާ ދުވަސްޖެހުމުގެ، ބަންދުނޫން 20 ދުވަސް ކުރިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ. ލޯނުގެ ފައިސާ ދޫކުރެވޭނީ ލިޔެކިޔުންތައް ފުރިހަމަކުރުމުންނެވެ. ލިޔެކިޔުންތައް ފުރިހަމަނަމަ، 20 ދުވަހުގެ ތެރޭގައި އިގްރާރުގައި ސޮއިކޮށް، ފައިސާ ޖަމާކުރެވޭނެއެވެ.

ލިޔެކިޔުން ހުށަހެޅުމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިޤްރާރު ތައްޔާރުކުރާއިރު މަޢުލޫމާތެއް އިތުރަށް ސާފުކުރަން ބޭނުންވެއްޖެނަމަ، ދަރިވަރުގެ އީ.މެއިލް އެޑްރެހަށް މެއިލް ކުރެވޭނެ ކަމަށާއި އިޤްރާރު ތައްޔާރުވުމުން ދަރިވަރާއި ގެރެންޓަރއާއި ހެކިން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އިޤްރާރުގައި ސޮއި ކުރަންޖެހޭނެ ކަމަށް މިނިސްޓްރީން މިއަދު އާއްމު ކުރި ލިޔުމުގައި ވެއެވެ.

ލޯންގެ ޖުމްލަ އަދަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައި ދަރިވަރާއިއެކު އިޤްރާރުގައި ސޮއިކުރުމަށްފަހު ދެން އެއަދަދު ފަހުން ބޮޑުކޮށްދޭ ގޮތަށް ހަމަޖެހިފައި ނޯންނަ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ. އެހެންކަމުން އެފޯމު ފުރާއިރު ކޯސް ފުރިހަމަކުރުމަށް ކޮންމެހެން ބޭނުންވާ ހުރިހާ ޚަރަދުތަކެއް ހިމެނުމަށް މިނިސްޓްރީން އެދެއެވެ.

އިންސްޓޯލްމަންޓް ދޫކުރާ ތާރީޚުތައް ކަނޑައެޅިފައިވިޔަސް ފުރަތަމަ އިންސްޓޯލްމަންޓަށްފަހު ދެވަނަ އިންސްޓޯލްމަންޓެއް ދޫކުރާނީ ދަރިވަރު ކިޔަވާތަނުގެ އަސްލު ލިޔުމަކުން (އީމެއިލް އަކުންވިއަސް) ދަރިވަރު ކިޔަވާކަން މިމިނިސްޓްރީއަށް އެންގުމުން ކަމަށާއި މިގޮތުން މިލިޔުން ކިޔަވާތަނުން އީމެއިލް ކުރާނަމަ ކުރާނީ [email protected] އަށް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިނިސްޓްރީއަށް ފޮނުވާ އީމެއިލްގައި އީމެއިލް ފޮނުވާފަރާތުގެ ނަމާއި، މަޤާމް އޮންނަން ޖެހޭނެއެވެ.

ފުރަތަމަ އިންސްޓޯލްމަންޓަށް ފަހު ދެވަނަ އިންސްޓޯލްމަންޓެއް އެންމެ އަވަހަށްވެސް ދޫކުރާނީ އެ އިންސްޓޯލްމަންޓް ދޫކުރުމަށް ކަނޑައެޅިފައިވާ ތާރީޚް ދެމަސް ދުވަހަށް ކައިރިވުމުންމުނެވެ. ތިންވަނަ އަދި އޭގެ ފަހުގެ އިންސްޓޯލްމަންޓްތައްވެސް ދޫކުރާނީ ހަމަ މިއުސޫލުންނެވެ.

ލޯނު އެވޯޑް ލެޓަރގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކޯސް ފަށަންޖހޭނެއެވެ. މިގޮތުން އަވަހަށް ޕްލޭސްމަންޓް ހޯދާ، ކޯހަށް ފުރުމަށް ވިސާ ބޭނުންވާނަމަ ދުރާލާ އެކަންކަންވެސް ހަމަޖެއްސުމަށް މިނިސްޓްރީން އެދެއެވެ. ކިޔަވަމުން ދާ ދުވަސްވަރު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހުއްދަ ހޯދަންޖެހޭ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވާ ކަމެއް ދިމާވެއްޖެނަމަ، ދަރިވަރުގެ ސޮއި ހިމެނޭ ސިޓީއަކުން އެކަން މިނިސްޓްރީއަށް ލިޔުމަކުން ހުށަހަޅަން ޖެހޭނެއެވެ. އީމެއިލްކުރާނަމަ، އެޓޭޗްމަންޓެއްގެ ގޮތުގައި [email protected] އަށް އީމެއިލް ކުރެވިދާނެ ކަމަށާއި މިގޮތުން ފޮނުވާ ސިޓީގެ ޖަވާބު ލިބުނު ކަމުގައި ބަލަންވާނީ ލިޔުމުން ޖަވާބު ލިބުމުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ ރާއްޖެއިން ބޭރަށް ކިޔަވަން ދިޔުމަށްފަހު ދަރިވަރާ ގުޅޭނެ ފޯނުނަމްބަރެއް އަދި އީމެއިލް އެޑްރެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާފައިބޭއްވުން ވަރަށް މުހިއްމު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ލޯނު , ޖޫރިމަނާ ، ފައިސާ ނޫން އެއްޗެއް ކިޔަން ވެސް މިސަރުކާރުގަ ތިބި މީހުން ނަށް ހަމަ ނޭންގެނީ އޭ ދޯ ؟ ކީއްކުރާނީ؟

    1
    1
  2. ނުދައާ

    ތިބުނާ ލޯނު ދޫކުރީ ޕާޓީގެ ބޮޑެތިމީހުނަށް

    1
    1