ގައުމުގެ ދިފާއީ ބާރުން ކުރި ހުވައާއި، ގާނޫނު އަސާސީ ދެމެހެއްޓުމަީ ދިވެހި ސިފައިން ސިޔާސީ ވުމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މޭޖާ ޝިޔާމްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލައެއް ފޮނުވުމާއި ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ސިފައިންނަކީ ގަައުމަށް އިހްލާސްތެރި ބައެއްކަމަށް ތާރީޙުން ހެކި ދޭ ކަމަށެވެ.

"ދިވެހި ސިފައިންނަކީ ގައުމަށް އިހްލާސްތެރި ބައެއްކަން ތާރީޙުން ހެކިވޭ. ގައުމާއި ގާނޫނު އަސާސީ ހިމާޔައި ކުރަން ކުރެއްވި ހުވާ ދެމެހެއްޓެވުމަކީ ސިޔާސީ ކަމެއް ނޫން" ޣައްސާން ކުރެއްވީ ޓްވީޓްގައި ވިދާޅުވިއެވެ.

ޣައްސާން ވަނީ މޭޖާ ޝިޔާމް އަށް އުފުލި ދައުވާއަކީ އޭނާ "ގޮޅިއަށް ފެއްތުމަށް" ކުރާ ސިޔާސީ ދައުވާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެކަން ހަރުކަށި އިބާރާތުން ޣައްސާން ކުއްވެރި ކުރެއްވިއެވެ.

"ކުރީގެ ސީޑީއެފް އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ގޮޅިއަށް ފައްތަން ކުރާ މަސައްކަތް ކުއްވެރިކުރަން. އެކައުންޓަބިލިޓީއަކީ ވަކި ބަޔަކަށް އޮންނަ ކަމެއްތޯ؟" ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވަނީ މަގާމުުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަކީ ވަކި ބަޔަކަށް އޮންނަ ކަމެއްތޯވެސް ސުވާލު އުފައްދަވާފައެވެ.

ޝިޔާމްގެ މައްޗަށް ދައުވާ ކުރަން އޭސީސީން އިއްޔެ ޕީޖީ އަށް މައްސަލަ ފޮނުވީ ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު (ޝާކިރުބެ) ގިނަ ދުވަސްތަކެއް ވަންދެން ވިލިނގިލީގެ ސިފައިންގެ މަރުކަޒުގައި ދިރިއުޅުއްވުމުންނެވެ. އޭސީސީން އެމައްސަލަ ބެލުމަށްފަހު ފުރަތަމަ ނިންމީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށެވެ. ނަމަވެސް މައްސަލަ އަލުން ބަލަން ޕީޖީ އިން އެންގުމުން އަލުން ބެލުމަށްފަހު ޝިޔާމްގެ މައްޗަށް ދެދައުވާއެއް ކޮށްދިނުން އެދި އޭސީސީ އިން ވަނީ ޕީޖީ އަށް މައްސަލަ ފޮނުވާފައެވެ.

ބޮޑެތި އެތައް މައްސަލައެއް ހުއްޓާ ހާއްސަ ސަމާލުކަމެއް ދީގެން އޭސީސީން ޝިޔާމްގެ މައްސަލަ ނިންމުމުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

މޭޖާ ޝިޔާމް މަގާމުން ވަކިކޮށް އެމަގާމަށް މިހާރުގެ ޗީފް އަހްމަދު ޝަމާލް އައްޔަން ކުރެއްވީ ރައީސް ޞާލިހްގެ ވެރިކަމުގައި 2018 ޑިސެމްބަރ 11 ވަނަ ދުވަހު އެވެ. މޭޖާ ޝިޔާމް ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު 6 އަހަރާއި 10 މަސްދުވަހު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާލެ ބޭބެ

    ޝިޔާމް..ދޯ ރ.ޔާމިން ދަތުރުކުރެއްވި ލޯންޗްގަ 2015 އަހަރު ގޮވުމެއްގޮވާ ދުންގަޑުއެރި އިރު ޝިޔާމް ހުންނެވީ ޗީފް އޮފް ޑިފެންސްފޯސްގެ މަޤާމްގައިތޯ....