މިފްކޯގެ ވަސީލަތްތައް ތަރައްގީކޮށް މަސްވެރިންނާއި އާންމުން ބައިވެރިވެވޭ ގޮތަށް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް އެ ކުންފުނި ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް" ގެ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ފައުޒީ ވިދާޅުވީ މިފްކޯގެ ވަސީލަތްތައް ތަރައްގީ ކުރުމަށް އަންނަ އަހަރު ގިނަ މަޝްރޫއުތަކެއް ރާވާފައިވާ ކަމަށެވެ. އެ މަޝްރޫއުތަކުގެ އަގު 50 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގޮތުން އުތުރުގައި އިތުރު އައިސް ޕްލާންޓްތައް ގާއިމް ކުރުމާއި، ކޯލްޑް ސްޓްރޭޖް ފެސިލިޓީތަކާއި ބްރައިން ފެސިލިޓީތައް ގާއިމް ކުރުން އެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މަސްވެރިން އަތުން މަސް ގަނެ މަސް ޕްރޮސެސް ކުރެވޭނެ ގޮތަށް މުޅި ކުންފުނި ބަދަލުކޮށް ޕްރައިވެޓް ލިމިޓެޑް ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި ބަދަލު ކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އުންމީދަކީ އަންނަ އަހަރު މި ޕްރޮޖެކްޓްތައް ނިމޭއިރު މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެ ޒުވާން މަސްވެރިން ބޭނުންވާ ކަހަލަ ކުންފުންޏަކަށް ހެދުން. އެންމެ މުހިންމު ކަމަކަށް އިސްކަން ދޭނީ ވަސީލަތްތައް ތަރައްގީކުރަން. އޭގެ ފަހުން މިފްކޯއަކީ ޕަބްލިކް ކުންފުންޏަކަށް، މަސްވެރިންގެ ބައިވެރިވުން އޮންނަ ގޮތައް އަދި އާންމުންގެ ވެސް ހިއްސާ އޮންނަ ގޮތަށް ތަރައްގީ ކުރެވުން،" ފައުޒީ ވިދާޅުވިއެވެ.

މިފްކޯއަކީ އެސްޓީއޯގެ 99.99 ޕަސަންޓް ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ 0.01 ޕަސަންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި މަސްވެރިން ބާނާ މަސް ނުގަނެވޭ ކަމުގެ ޝަކުވާއަކީ އަބަދުވެސް މަސްވެރިންގެ ބޮޑު ޝަކުވާއެކެވެ. މަސް ނުކިރި ކިއޫގައި ގިނަ ދުވަހަކު ތިބުމަށް ފަހު، ކިރާ މަސްކޮޅަށް ވަގުތުން ފައިސާ ނުލިބޭތީ ކަންބޮޑުވުންތައް އިންތިހާއަށް އޮވެއެވެ. އެންމެ ފަހުން މި ހަފުތާގައި މި ޝަކުވާތަކާ އެކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލު ކުރަން ޑިމާންކޮށް މަސްވެރިންތަކެއް ފެލިވަރުގައި އިހްތިޖާޖް ކޮށްފައި ވެސް ވެއެވެ.

މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ނުލިބި ދިގުދެމެމުން އަންނަ އިރު، މިފްކޯ އުވާލައި މަސްވެރިކަމުގެ ސިނާއަތް އަމިއްލަ ފަރާތްތަކަށް ދޫކޮށްލުމަށް ގޮވާލައި އަޑުތައް ވެސް ގަދައެވެ.

މިފަދަ އަޑުތަކަށް ރައްދު ދެއްވަމުން ފައުޒީ ވިދާޅުވީ މި އަހަރުގެ މިހާތަނަށް މަސްވެރިންގެ އަތުން 47،000 ޓަނުގެ މަސް ގަނެ 845 މިލިއަން ރުފިޔާ މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި މަސްވެރިކަމުގެ ސިނާއަތަކީ ބިލިއަން ޑޮލަރުގެ ސިނާއަތަކަށް ހެދޭނެ ކަމަށެވެ. އެ ކަން ކުރާނީ މަސްވެރިންނާ ގުޅިގެން މިފްކޯ އިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރައްޔިތުން

    ތިޔަ ކުންފުނި. އުވާލާ. . މަސްގަނެ ދެން އެކްސްޕޯޓް ކުރާނީ. އާންމު ވިޔަފާރިތަކުން

    9
    1
  2. ރައްޔިތުން

    ހުވަދޫ ކަ އުންސިލްތަކުން ކޫ އްޑޫ އާ ހަވާލުވުމަށް ގޮވާލަން.

  3. ރައްޔިތުން

    ރައ އްޔިތުންގެ އިންޖީނުގެ ތަ އް ސަރުކާރަށް ނެގި ވީމާ ސަރުކާރުން މަސްގަންނަ ކުންފުނި ރަ އްޔިތުން ނަގާ ހިންގަންވި

  4. ނުތަނަވަސް

    ގެއްލުން ވަމުން އަންނަ ކުންފުންޏެއްގައި ޕަބްލިކް ހިއްސާވިއްކުމުގެ ބޭނުމެއް ނުވިސްނޭ: އަނެއްކާވެސް ބޯކައުމުގެ ޕްރޮގްރާމެއް: