ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިކަމުގެ ޝަރަފު މ.މަހްމާވިލާ، އިބްރާހީމް އިސްމާއިލް އަލީއަށް، އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިކަމުގެ ޝަރަފު މއ.ވިލުވެލި، ބަދުރުއްނަސީރަށް އަރުވައިފިއެވެ.

ކުޅިވަރުގެ ދާއިރާ އާއި ތައުލީމީ ދާއިރާ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މ.މަހްމާވިލާ، އިބްރާހިމް އިސްމާއިލް އަށް ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް އަރުވާފައި ވާއިރު، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމާއި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް އޭނާ ވަނީ ކުރައްވާފައެވެ.

އޭނާގެ ކުޅިވަރުގެ ހަޔާތް ފެއްޓެވީ މަޖިީދިއްޔާ ސްކޫލްގެ ދަރިވަރަކަށް ހުންނެވި އިރުގައެވެ. އޭރުވެސް ފުޓްބޯޅަ އާއި ޓީޓީ، އެތްލެޓިކްސް އަދި ހޮކީ ފަދަ ކުޅިވަރުތައް ކުޅުއްވުމަށް އޭނާ ޚާއްސަ ޝައުގެއް ބެހެއްޓެވިއެވެ.

އަދި 1971ގައި ވިކްޓްރީ ސްޕޯޓްސް ފެށުނު ހިސާބުން އެކި ކުޅިވަރުތަކުން އޭނާ ފެނިގެން ގޮސްފައި ވާއިރު، އިބްރާހިމް އިސްމާޢިލް އަކީ އޭރު ރާއްޖޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރ ވެސް މެއެވެ. އަދި 1970-1976 ދެމެދުގެ އަހަރުތައް ހިމެނޭ ގޮތަށް 8 އަށް އަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް އޭނާ ޚާސިލްކުރެއްވިއެވެ.

ފުޓްބޯޅަ ފިޔަވާ އެހެނިހެން ކުޅިވަރުތައް ވެސް ކުޅުއްވި އިބްރާހިމް އިސްމާއިލް އަކީ އުމީ ޓެނިސް ސިންގަލްސް އާއި ޑަބަލްސްގެ ޗެމްޕިއަން ކަމާއި، ކްރިކެޓްގެ ދާއިރާއިން ވެސް ރަނގަޅު ވަނަތަކެއް ހާސިލްކުރެއްވި ބޭފޫޅެކެވެ.

ހަމައެެހެންމެ 1990 ވަނަ އަހަރު ރެފްރީ ކަމުގެ ބެޖް ލިބުނު 2 މީހުންގެ ތެރެއިން އެއްބޭފުޅަކަށް އެމަނިކުފާނު ވާއިރު ބައެއް އިންޓަރނޭޝަލް މެޗްތަކުގައި ރެފްރީކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށާއި ފުޓްބޯލް އެސޯސިއޭޝަނަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އެވެ.

2012 ވަނަ އަހަރު އިންޑިއަަން އޯޝަން އައިލެންޑް ގޭމްސްގެ އެވޯޑާއި، 2013 ވަނަ އަހަރު އޯސީއޭ ރީޖަންގެ ސްޕޯޓްސް އެވޯޑު ހާސިލުކުރެއްި އިބްރާިމް އަކީ 1982 ވަނަ އަހަރު ކުޅިވަރުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2007 ވަނަ އަހަރު ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ހާަސިލްކުރެއްވި ބޭފުޅެކެވެ.

ތައުލީމީ ދާއިރާ އަށް ވެސް ގިނަ ޚިދުމަތް ކުރެއްވި އިބްރާހިމް އިސްމާއިލް ވަނީ ހިންގުމުގެ ދާއިރާގައި މުހިންމު އެތައް މަޤާމެއް ފުރުއްވާފައެވެ. އެގޮތުން މާލޭގެ ސްކޫލްތައް ހިނގާ ނުހިނގާ ގޮތް އޭނާ ވަނީ ވަރަށް ގާތުން ބައްލަވާފައެވެ.

އޭނާ ވަނީ 44 އަހަރު ސަރުކާރުގައި އޭނާ ވަނީ ޚިދުމަތްކުރައްވާފައެވެ.

ނިޝާން ދިޔަމިގިލީގެ އިއްޒަތް ލިބިވަޑައިގަތް ބަދުރުއް ނަސީރު އަކީ 1991 ވަނަ އަހަރު ރޭޑިއޯގެ ޚިދުމަތަށް ނުކުމެވަޑައިގަތް ކުޅަދާނަ ހުށަހެޅުންތެރިއެކެވެ. ރޭޑިއޯ ބްރޯޑްކާސްޓިންގެ ތާރީޚުގައި ވެސް ފެނުނު އެންމެ ގާބިލް އެއް ޕްރެޒެންޓަރ އަދި ޕްރޮޑިއުސަރ ބަދުރު އަކީ ތަފާތު އެތައް ރޭޑިއޯ ޕްރޮގްރާމްތަކެއް އުފައްދަވަން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެެވެ.

އެގޮތުން އަޑުގެ މުވައްޒަފުންނާއި އެކު 1980 ވަނަ އަހަރު އޭނާ ފެއްޓެވި ސިލްސިލާ ޝޯ ބާއްޖަވެރި ހެނދުނެއް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އަޑުގެ ޕްރޮގްރާމްތަކަށް ބޭނުންވާ މެޓީރިއަލް ހޯއްދަވަން ވެސް އޭނާ ވަރަށް ޚާއްސަ އިސްކަމެއް ދެއްވިއެވެ. އެގޮތުން ރަށްރަށް ވަޑައިގެން މީހުންނާއި ވާހަކަދައްކަވާ އާ ވާހަކަަ އެއްކުރެއްވިއެވެ.

28 އަހަރު ރޭޑިއޯގައި މަސައްކަތް ކުރެއްވުމަށް ފަހު 28 މޭއި 1995ގައި އެހެން ދާއިރާ އަކަށް އޭނާ ބަދަލުވެވަޑައިގަތް އިރު މަސައްކަތުން މުސްކުޅިކުރެއްވީ އުމުރުން 65 އަހަރު ވުމުންނެވެ. ބަދުރު ވަނީ މީޑިއާ ކައުންސިލްގައި ވެސް ޚިދުމަތް ކުރައްވާފައެވެ. ބަދުރުއްނަސީރަށް ވަނީ މިނިވަން 25ގެ އާންމު ހިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.