ލ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު މަސްރޭސް، ފޮނަދޫ އެންވަޔަރަމަންޓް ސަސްޓައިނަބަލް ޑިވަލޮޕްމަންޓް (ފެސްޑް) ޖަމިއްޔާގެ ލާމު މަސްރޭސް 2021ގައި 20 ޓީމު ބައިވެރިވެ، އަންނަ އަހަރު ޖަނަވަރީ 02 ވަނަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

މުބާރާތުގެ ފޯރި އިންތިހާއަށް ގަދަވެފައިވާއިރު، ލ. އަތޮޅުގެ ހަތް ރަށަކުން ވަނީ ޓީމުތައް ބައިވެރިވެފައެވެ. ޙާއްސަކޮށް އަންހެން ކަނބަލުންގެ ޓީމުތައްވެސް މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ ލ. ފޮނަދޫގައެވެ. ހުރިހާ ކަމެއްގެ އެންމެފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ފެސްޑްގެ ރައީސް އަބްދުލް އަޒީޒް ވަނީ "ވަގުތު"އަށް ވިދާޅުވެފައެވެ.

"މުބާރާތަށް ހީކުރި ވަރަށްވުރެވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފި. އިރާދަކުރެއްވިއްޔާ މުބާރާތް ވެގެންދާނީ ލ. އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު އިވެންޓަށް. ހުރިހާ ޓީމުތަކުންވެސް ތައްޔާރުވާންވީ، އަގުހުރި އިނާމްތައް އޮންނާނެ. ފައިސާގެ އިނާމުގެ އިތުރުން އެތައް އިނާމްތަކެއް އޮންނާނެ. ޓީޝާޓް ފަދަ އެއްޗެހިވެސް ޓީމުތަކަށް އަޅުގަނޑުމެން ފޯރުކޮށްދޭނަން. ފެސްޑުގެ ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. އަޅުގަނޑުމެންގެ އޮފިޝަލުންގެ ޓީމުގައިވެސް ގާތްގަނޑަކަށް 35 މީހުން އެބައުޅޭ. އިރާދަކުރެއްވިއްޔާ ތަފާތު ވާނެ،" ފެސްޑްގެ ރައީސް އަޒީ ވިދާޅުވިއެވެ.

އަޒީ ވިދާޅުވީ މަސްރޭހުގެ ތެރެއިން ކަނޑުފަޅުގެ ދިރުންތަކަށް އިންސާނީ އިހުމާލުން ލިބެމުންދާ ގެއްލުންތަކަށް އަހުލުވެރިކުރުވުމުގެ ކެމްޕޭންތައް ކުރިއަށްދާނެ ކަމަށާއި، އޭގެ އިތުރުން މަސްރޭހުގެ އެންމެ ބޮޑު އެއް މަގުސަދަކީ ލ. އަތޮޅު ހުރިހާ ރައްޔިތުންގެ އެކުވެރިކަން ބަދަހިކޮށް، އެންމެން އެކުގައި އުފާވެރި ވަގުތަކެއް ހޭދަކުރުން ކަމަށެވެ.

އިވެންޓް ފެސްޑްގެ ފޭސްބުކް ޕޭޖުން ލައިވް ކުރަން ހަމަޖައްސާފައިވާއިރު، މުބާރާތުގެ މެއިން އިވެންޓް ކުރިއަށްދާ ގަޑީގައި މަސް ކިރާ ސަރަހައްދުގައި ބޮޑުބެރާއެކު ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އިވެންޓް އޮންނާނި ފޮނަދޫ ބަނދަރު ސަރަހައްދުގައެވެ. އިވެންޓްގެ ތެރެއިން ބެލުންތެރިންނަށް ހާއްސަ ލަކީޑްރޯތައް ހޮވުންވެސް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި އަގުހުރި ވައުޗާ ޕެކޭޖްތައްވެސް ހިމެނޭނެ ކަމަށް ފެސްޑުން މައުލޫމާތު ދީފައިވެއެވެ.

ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައިވާ މަސްރޭހުގެ ހުރިހާ ޓީމަކަށްވެސް އެތައް އިނާމެއް ލިބިގެންދާނެ ކަމަށް ފެސްޑުގެ ފަރާތުން ބުނެފައިވެއެވެ. އެންމެ ބޮޑުމަސް ބޭނި މީހާގެ އިތުރުން ރަނަރަޕް ޓީމާއި ތިންވަނަ ޓީމަށްވެސް ފައިސާގެ އިނާމް ހުށަހެޅިފައިވެއެވެ.

ފެސްޑުގެ ލާމު މަސްރޭހުގެ މީޑިއާ ޕާޓްނަރަކީ ވަގުތެވެ. އިވެންޓް އެމްބެސްޑަރަކީ ޒުވާން މަސްރިޔާ، ސަޖުވާން ނައީމެވެ. ކޮފީ ޕާޓްނާ އަކީ ޖެމްސް ކިޗަންއެވެ. ގްރެފިކްސް އެންޑް ޑިޒައިނިން ޕާޓްނަރަކީ އެކްސްވާޓައިޒްއެވެ. ޕްރިންޓިން ޕާޓްނަރަކީ ބްލޫޕްރިންޓް ހަބް އެވެ. އޭގެ އިތުރުން މާންދޫ ހޮރައިޒޯން ފިޝަރީޒް ކޮމްޕްލެކްސްއަކީ މުބާރާތުގެ ޕާޓްނަރެކެވެ.