ދިވެހިރާއްޖޭގެ މިނިސްޓީރިއަލް ކޮމިޓީގެ ބޭފުޅުން، ޗީފް އޮފް ދަ ރޫލް އޮފް ލޯ، އީކުއަލިޓީ އެންޑް ނޮން ޑިސްކްރިމިނޭޝަން ބްރާންޗް އޮފް ދަ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ދަ ހައި ކޮމިޝަން ފޮރ ހިއުމަން ރައިޓްސް، މިސް މޯނާ ރިޝްމާވީ އާއި، ރެޒިޑެންޓް ކޯޑިނޭޓަރ ފޮރ ދަ ޔުނައިޓެޑް ނޭޝަންސް އިން މޯލްޑިވްސް، މިސް ޝޯކޯ ނޯޑާއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޙާލަތާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު، ކުރިއެކޭވެސް އެއްފަދައިން ދެފުށްފެންނަގޮތަށް، ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދަވާނެކަމުގެ ޔަޤީންކަން ޔޫ.އެންގެ ފަރާތުން ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ވަފްދަށް ރާއްޖޭގެ މިނިސްޓީރިއަލް ކޮމިޓީއިން ވަނީ ދެއްވާފައެވެ. މިގޮތުން، ޔޫ.އެން ވަފްދުގެ ބޭފުޅުން ބޭނުންފުޅުވާ ނުވަތަ ސާފުކުރައްވަން ބޭނުންފުޅުވާ އެއްވެސް މަޢުލޫމާތެއް ވާނަމަ އެ މަޢުލޫމާތެއް މިނިސްޓީރިއަލް ކޮމިޓީއިން އެބޭފުޅުންނަށް ފޯރުކޮށްދެއްވާނެކަމަށާއި، ރާއްޖޭގެ ޙާލަތު މިވަގުތު ނާޒުކު ފައްތަރެއްގައި ވީނަމަވެސް، ޔޫ.އެން ވަފްދުގެ ބޭފުޅުން ބޭނުންފުޅުވެއްޖެ ހިނދެއްގައި، ސަރުކާރުގެ ކޮންމެ މުޢައްސަސާއަކުންވިއަސް، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވުމާއި ގުޅިގެން އޭގެ އަސަރު ނުކުރާ ކޮންމެ ފަރާތަކާ ބައްދަލުކުރައްވައި މަޢުލޫމާތު ހޯއްދެވުމުގެ ފުރިހަމަ އިޚްތިޔާރު ޔޫ.އެންގެ ވަފްދަށް އޮތްކަމުގައިވެސް މިނިސްޓީރިއަލް ކޮމިޓީއިން ވިދާޅުވިއެވެ.

ބައްދަލުކުރެއްވުމުގައި، ޔޫ.އެންގެ ފަރާތުން ރާއްޖެއަށް ޒިޔާރަތްކުރައްވަމުންގެންދަވާ ވަފްދުގެ ބޭފުޅުންނާއެކު ރާއްޖޭގެ މިނިސްޓީރިއަލް ކޮމިޓީއިން ވަނީ 1 ފެބުރުވަރީ 2018 ވަނަ ދުވަހު ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރާއްޖޭގެ މަސްރަޙަށް އައި ބަދަލުތަކާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވުނު ސަބަބުތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވުނީ ޤައުމީ ސަލާމަތީ ކައުންސިލުގެ ލަފާފުޅުގެމަތިން ޑިމޮކްރަސީއާ ރާއްޖޭގެ ޤާނޫނު އަސާސީގެ ޙިމާޔަތުގާ ރައީސުލްޖުމްހޫރިއްޔާ ނަންގަވަންޖެހިވަޑައިގަންނަވާ އެންމެ ފަހު ފިޔަވަޅުގެގޮތުގައިކަން މިނިސްޓީރިއަލް ކޮމިޓީއިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި މިނިސްޓީރިއަލް ކޮމިޓީއިން ވަނީ ޤާނޫނު ނަގަހައްޓާނެކަމުގެ ޔަގީންކަން ޔޫ.އެން ވަފްދުގެ ބޭފުޅުންނަށް އަރުވާފައެވެ. އެހެންނަމަވެސް މިހާރު ކުރެވެމުންދާ ކޮރަޕްޝަން ފަދަ މައްސަލަތަކުގެ ތަހުޤީގުތަކަށް ހުރަސްއެޅުނަ ނުދިނުމުގެ ގޮތުން ޤާނޫނީ ގޮތުން ބައެއްކަންކަން ހިފެހެއްޓިފައިވާ ކަމުގައި މިނިސްޓީރިއަލް ކޮމިޓީއިން ވަނީ ވިދާޅުވެފައެވެ. އަދި ޝަރުއީ ދާއިރާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ހަމަހަމަކަން ދެމެހެއްޓުމާއެކު ތަހުޤީގު ހިނގަމުންދާއިރު ޤާނޫނާ އެއްގޮތަށް ހުރިހާ ހައްޤެއް ލިބިދެވޭނެ ކަމުގެ ޔަޤީންކަން ވެސް ވަނީ މިނިސްޓީރިއަލް ކޮމިޓީއިން ޔޫ.އެން ވަފްދުގެ ބޭފުޅުންނަށް އަރުވާފައެވެ.

މިނިސްޓީރިއަލް ކޮމިޓީއިން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިގޮތުގައި، ބޭރުގެ ބައެއް ފަރާތްތަކުން ނެރެމުންދާ ދޮގު ބަޔާން ތަކުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރައްވާކަމަށާއި، އިދިކޮޅު ސިޔާސީ ލީޑަރުން ދޮގު މަޢުލޫމާތު ހިއްސާކޮށް ހަޤީގަތާ ޚިލާފަށް ވާހަކަތައް ފެތުރުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި، ވިޔަފާރިވެރިންނަށް ހުއްޓުމެއްނެތި ތަފާތު އެކި އުނދަގޫތައް ކުރިމަތިވަމުން ދާ ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި މިނިސްޓީރިއަލް ކޮމިޓީއިން ވަނީ ޔޫ.އެން އިން ވަރަށް ގާތުން ސަރުކާރާއެކު ވަރަށް ޒިންމާދާރު ކަމާއެކީ މިކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް ވިދާޅުވެފައެވެ.

ޔޫ.އެންގެ ވަފްދުގެ ބޭފުޅުން ވަނީ ދިވެހި ސަރުކާރުން ޔޫ.އެންއާއިއެކު މިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމުންނާއި ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންނާ މެދު ބަހައްޓަވާ އަޅާލުމާއި ޖަލުގައި ތިބި މީހުންގެ ޙައްޤުތައް ރައްކާތެރިކުރަމުން ގެންދާތީ ދިވެހި ސަރުކާރަށް ތައުރީފުކުރައްވާ މަރުޚަބާ ވިދާޅުވެފައެވެ.

ރާއްޖޭގެ މިނިސްޓީރިއަލް ކޮމިޓީގެ އިސްވެރިޔަކަށް ހުންނެވީ އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ އާއިޝަތު ޝިހާމްއެވެ. މިކޮމިޓީގައި ހިމެނިވަޑައިގެންނެވި އިތުރު ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތޯރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހީމާއި، މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މި ކޮމިޓީއަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝަރިއްޕެ

    މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމަކީ ވަރަށް ޤާބިލް ހިންގުންެތެރި ވަޒީރެއްކަން ފާހަގަކުރެވޭ. އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ޞިއްޙީ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތައް ހަމަ ގައިމުގައިމުވެސް މިދަނީ ފެންނަމުންނެވެ. އެކިކއެި މެޝިންތަކާއި ވަޞީލަތްތައް އިތުރުވެ ޞިއްޙީ ނިޒާމު މިދެކުނު އޭޝިޔާގެ ނިސްބަތުން ކުރިއަރައިދާކަން އެބަ އެނގެއެވެ. މިނިސްޓަރ ނާޒިމަކީ އެންމެންނާއިވެސް ވަރަށް ގާތްގުޅުމެއްބާއްވަވާ ވަރަށް ހިތްހެޔޮ ޒުވާނުންނާއި ގުޅޭ އަދި މުސްކުޅިންނަށް ކަމޭހިއްތަވާ ކުޑަކުދިންނަށް އޯގާތެރި ވަޒީރެކެވެ. މިފަދަ ވަޒީރުން ރައީސް ޔާމީން އިޚްތިޔާރުކުރައްވާކަން އެއީ ރައީސް ޔާމިންގެވެސް ޤާބިލްކަމެވެ.

  2. ޙަފްޞާ / މާލެ

    ތިޔަ ބައްދަލުކުރުންތަކުގައި އިދިކޮޅުފަރާތްތައް އޮރިޔާންވުން އެއީ ކާމިޔާބީއަކީ!