ބީއެމްއެލް އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތައް ހިންގުމަށް ގްރީން ފައިނޭންސިންގ ތައާރަފްކޮށްފިއެެވެ.

މިއީ އެނާރޖީ އެފިޝަންޓް މުދާ ގަތުމަށް އިންވެސްޓްކުރުމަށާއި ސޯލާ ޕަވަރ ޖެެނެރޭޓް ކުރުންފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ތައާރަފްކުރެވުނު އައު ފައިނޭންސިންގ ފެސިލިޓީއެކެވެ.

ބީއެމްއެލް އިސްލާމިކް އިން ބުނީ، ގްރީން ފައިނޭންސިންގ މެދުވެރިކޮށް ޝަރުތު ފުރިހަމަވާ ކަސްޓަމަރުންނަށް ރަހުނަކާ ނުލައި %12 ގެ ރޭޓުގައި 50،000 ރުފިޔާ އިން ފެށިގެން 500،000 ރުފިޔާ އާ ހަމަޔަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ފައިނޭންސް އަނބުރާ ފައިސާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު މި ފައިނޭންސް އަށް އެދި ހުށަހަޅާއިރު އަމިއްލައަށް އެއްވެސް ޚަރަދެއްކުރާކަށް ނުޖެހޭނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

"މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން 20 މިލިއަން ރުފިޔާއާ ހަމަަޔަށް ކުރާ ބޮޑެތި އިންވެސްޓްމަންޓްތައް ހިންގުމަށް %10 ގެ ރޭޓުގައި ރަހުނާއެކު ގްރީން ފައިނޭންސިންގ ދޫކުރުމަށް ވަނީ ހަމަޖެހިފައި. މި ފެސިލިޓީ އަށް އެދި ހުށަހަޅާ ކަސްޓަމަރުން ޖުމްލަ ޚަރަދުގެ %15 އަމިއްލަ އަށް ޚަރަދު ކުރަން ޖެހޭނެ. އަދި ފައިނޭންސްކޮށްދޭ އަދަދުގެ % 150 އަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހޭނެ. މިފައިނޭންސިންގ އަށް އަނބުރާ ފައިސާދެއްކުމުގެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 20 އަހަރު ވަނީ ކަނޑައެޅިފައި". ބީއެމްއެލް އިސްލާމިކް އިން ބުންޏެވެ.

ބީއެމްއެލްގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ސުރީ ހާނިމް މުޙައްމަދު ވިދާޅުވީމި ތައާރަފް ކުރެ ވުނު ގްރީން ފައިނޭންސިންގ އަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އަދި ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައާރަފް ކުރެވުނު ފެސިލިޓީއެއް ކަމަށެވެ.

އަދި މިއަދު މި ތައާރަަފްކުރެވުނު ފެސިލިޓީއާއެކު ފަރުދުންނާއި ވިޔަފާރިތަކަށް ރަނގަޅު ޕްރޮޑަކްޓް ޕޯޓްފޯލިއޯއެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެ ކަަމށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ގްރީން ފައިނޭންސިންގ އަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެއެވެ. އަދި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެއެވެ. ބީއެމްއެލް އިސްލާމިކް ގްރީން ފައިނޭންސިންގއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް https://link.bml.com.mv/green-financing އިން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު