ސިވިލް ސާވިސްގެ އިދާރީ މުވައްޒަފުންގެ ވަޒީފާގެ އާ އޮނިގަނޑާއި އެކު އެމުވައްޒަފުންނަށް މުސާރައިގެ ބޮޑު ކުރިއެރުމެއް ދޭން ފާސްކޮށް، ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) އިން ޕޭ ކޮމިޝަނަށް ފޮނިވައިފިއެވެ.

ސިވިލް ސާވަންޓުންގެ މުސާރަ އަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ 2018 ގެ ފެބްރުއަރީ މަހުގައެވެ. މި ބަދަލާއި އެކު ޓެކްނިކަލް މަސައްކަތް ކުރާ މުވައްޒަފުންނަށާއި އެ މުވައްޒަފުންގެ އެހީތެރިންގެ އިތުރުން ސަޕޯޓް ސާވިސް މުވައްޒަފުންނަށް ޓެކްނިކަލް ކޯ އެލަވަންސްގެ ނަމުގައި މުސާރައިގެ އިތުރުން އެހެން އެލަވަންސެއް އޭރު ދީފައިވެއެވެ. އެގޮތުން އެ މުވައްޒަފުންނަށް އަސާސީ މުސާރައިގެ 28 ޕަސެންޓް ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ލިބިފައިވެއެވެ.

ސިވިލް ސާރވިސް ވަޒީފާތަކުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ތިބީ އިދާރީ ބައިގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނެވެ. އެގޮތުން އިދާރީ މުވައްޒަފުންގެ އޮނިގަނޑު ސީއެސްސީއިން ފާސްކޮށްފައިވާއިރު އެ އޮނިގަނޑުގެ ތެރޭގައި އިދާރީ މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ގެނައުމަށް ނިންމާފައިވެއެވެ. އިދާރީ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށް ޕޭ ކޮމިޝަނަށް މިހާރު ހުށައަޅާފައި ވާއިރު ސީއެސްސީއިން ހުށަހެޅީ އިދާރީ މުވައްޒަފުންގެ މުސާރަ އެންމެ ދަށްވެގެން 30 ޕަސެންޓަށް މުސާރަ ބޮޑުކޮށް ދިނުމަށެވެ.

މިކަމާއި ގުޅިގެން ސީއެސްސީގެ އެކްޓިންގް ސެކެކްޓްރީ ޖެނެރަލް އަބްދުﷲ ސައީދު "ވަގުތު" އަށް ވިދާޅުވީ ސީއެސްސީއިން އިދާރީ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ގެނައުމަށް ހުށަހެޅިޔަސް މި އޮނިގަނޑާ މެދު ގާނޫނީ ގޮތުން ގޮތެއް ނިންމުމުގެ ބާރު ލިބިގެން ވަނީ ޕޭ ކޮމިޝަނަށް ކަމަށެވެ.

"ގާނޫނީ ގޮތުން މުވައްޒަފުންގެ މުސާރަ ކަނޑައެޅުން އޮންނަނީ ޕޭ ކޮމިޝަނަށް. އަޅުގަނޑުމެން އޮނިގަނޑު އެކުލަވާލުމަށްފަހު، މުސާރާއިގެ އޮނިގަނޑު ފާސްކުރުމަށްޓަކައި އަބަދުވެސް ފޮނުވަނީ ޕޭ ކޮމިޝަނަށް" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި ސީއެސްސީއިން ހުށަހެޅީ އިދާރީ ހަތަރު ގުރޫޕެއްގެ މުސާރަ ބޮޑުކޮށްދޭށެވެ. އޭގެ ތެރޭގައި އެއީ، ކްލެރިކަލް ސަޕޯޓް ވޯކާސް އާއި އެސޯސިއޭޓް ޕްރޮފެޝަނަލްސް އާއި ޕްރޮފެޝަނަލްސްގެ އިތުރުން ޑިރެކްޓާސް ގްރޫޕް ހިމެނެއެވެ.

ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެންމެ ކުޑަ އުޖޫރައެއް ލިބޭ ބަޔަކީ، ސިވިލް ސާވިސްގެ މުވައްޒަފުންނެވެ. ކުރާ މަސައްކަތް އެއްވަރުވި ނަމަވެސް ދެވޭ އުޖޫރައިގައި ބޮޑު ފަރަގެއް ހުރުމަކީ ސިވިލް ސާވެންޓުން އަބަދުވެސް ޝަކުވާ ކުރަމުންދާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކީލި

    މިއީ ކުރެވޭ ވަރުގެ ކަމެއް ކަމަކަށް ނުފެނޭ !

    16
    3
  2. ވެރިން

    ވޯޓު ކާރި ވާހެން ހާދަ އެބަ ހީވެޔޭ

    32
    1
  3. ސްނޭޕް

    ޝުކުރިއްޔާ ރައީސް.. ތިޔައީ އިހުސާސްތައް ދަންނަ ރައީސް..
    ޔާމީން އާ ގާސިމް މީ މުއައްޒިފުން އަޅުންނަށް ހަދައިގެން އުޅޭ ބައެއް

    2
    14
  4. ޑިމޮކްރަސީ

    ތީވާނެ ކަމެއްނޫން ވާނެކަންތަކާ ނުވާނެ ކަންތައްއެގޭނެ ކޮންމެމީހަކަށްވެސް ސިވިލްސަރވިސް މުވައްޒަފުންނަށް ރަގަޅުގޮތެއްވުމަކީ ކުރާނެކަމެއްނޫން

  5. ފޫކޮޅުބުޅާ

    ޙުސް ފޭކް