1953 ވަނަ އަހަރުން ފެށިގެން 2018 އަށް ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އިންތިޒާމުވެގެން ހިންގާފައިވާ އަނިޔާވެރި އިންސާފުން ބޭރު އިންސާނީ ކަރާމާތާ ހިލާފް މައްސަލަތައް ތަހުގީގު ކުރާ ގޮތަށް އިންތިގާލީ އިންސާފުގެ ގާނޫނެއް ވުޖޫދު ކުރެވުނު އިރު އެ ގާނޫނުގެ ދަށުން މާޒީގެ މައްސަލަތައް އަލުން ހުޅުވާލަނީ ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން ކަމަށް ގަބޫލު ކުރައްވާ ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނާ ގުޅޭ ގޮތުން "ވަގުތު" އާ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ބިލް އޮތް ގޮތުން ސަރުކާރާއި އެމްޑީޕީގައި އޮތީ ސިޔާސީ މަގްސަދެއްކަން ސާފުވާ ކަމަށެވެ. އެއީ އެމްޑީޕީއާ ވާދަވެރި ސަރުކާރުތަކުގައި ހިނގި ކަންކަން ތަހުގީގު ކުރުމުގެ ނަމުގައި، އެމްޑީޕީގެ ބޭފުޅުން ތިއްބަވާ އިދާރާއަކުން، އެމްޑީޕީއާ ވާދަވެރި ފަރާތްތަކަށް ފިޔަވަޅުތަކެއް އެޅުމެވެ. އަދި އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓުންނަށް ބަދަލުގެ ނަމުގައި ފައިސާތައް ދިނުން ކަމުގައި އޭނާ ތުހުމަތު ކުރައްވައެވެ.

އެންމެ ފުރަތަމަ އެ ބިލްގައި އޮތީ ޖެނުއަރީ 2012 އިން ނޮވެމްބަރު 2018 އާއި ދެމެދުގެ މައްސަލަތައް ބަލާ ގޮތަށެވެ. އެއީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފަހު ދުވަސްކޮޅާއި، އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމާއި، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރެވެ. ހަމައެކަނި އެ ތާރީހުގައި ހިނގާފައިވާ މައްސަލަތައް ތަހުގީގު ކުރަން އޮތުމުން ގިނަ ފާޑުކިއުންތަކާއި އާންމުންގެ ކަންބޮޑުވުންތައް ވެސް އަމާޒުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ އިދިކޮޅު މެންބަރު އާދަމް ޝަރީފް ވިދާޅުވީ މިހާރު އޮތް ގޮތަށް ބަދަލު ކުރީ ވެސް ސިޔާސީ މަގްސަދެއްގައި ކަމަށެވެ. އެއީ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކަމަށް އޭނާ ތަކުރާރުކޮށް ތުހުމަތު ކުރެއްވިއެވެ. ރައްޔިތުންގެ މެދުގައި ސިޔާސީ ހަމަނުޖެހުން އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒަމާނުއްސުރެން އޮތް ކަމެއް އެއީ ރާއްޖޭގެ ސިޔާސީ ޚާންދާނުގެ މެދުގައި ބަދަލު ހިފުމުގެ ރޫހެއްގައި ވާދަވެރި ކަމަށް ބެލެވޭ ފަރާތްތަކަށާއި ކުރީގެ ވެރިންނަށް އަނިޔާ ދިނުން، މިހާރު އޮތް އެ ތާރީހު ގެނައުމުގެ ބޭނުމަކީ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުން، އަން ޒަމާނު ކަރައިގައި ހިނގި އެ ކަންކަމުގެ ވާހަކަ އަލުން ފެންމަތި ކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުން، ސިޔާސީ ކޯޅުންތަކެއް އަލުން ގެނައުން، އޭގެ ސަބަބުން އާންމު މަސްލަހަތު އެބަ ގެއްލޭ، ބޮޑު ސިޔާސީ ހަމަނުޖެހުމަށް އަނެއްކާ ވެސް ދިއުމަކީ ގާތް ކަމެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވިއިރު، މީގެ ކުރީގައި ހިނގާފައިވާ ބައެއް މައްސަލަތައް ތަހުގީގު ކުރަން ގޮވާލުމުގެ އަޑުތައް ވަރަށް ގަދައެވެ. މި ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު ކަމުގައިވާ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލަ އަލުން ތަހުގީގު ކުރަން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އެކަމަކު، އެ މައްސަލައަކީ އިންތިގާލީ އިންސާފުގެ ގާނޫނު މަފްހޫމްގައި ހިމެނޭ މައްސަލައެއް ނޫން ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަނަމަނަ

    ހުރިހާވެރިން ގޮޅިއައްލާ

  2. ބޭކާރު

    އެއުޅެނީ ގާޒީ ވަގަށްނެގި މައްސަަލަ އަލުން ބަލައި އެއީ ނަށީދު ކުއްވެރިވާކަމަކށް ނުވާގޮތަށް އެކޭސް ކްލޯޒްކޮށްލަން.