މިފްކޯ އުވާލުމުގެ ވިސްނުމަކީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދަން އޮތް އެންމެ އެދެވޭނެ ހައްލެއް ނޫން ކަމަށާއި އެ ކަން ވެގެން ދާނީ ސިނާއަތަށް ކުރިމަތިވާނެ އިތުރު ގެއްލުމަކަށް ކަމަށް މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

މަސް ނުކިރި ގިނަ ދުވަސްވުމާއި މަހަށް ފައިސާ ލިބުން ލަސްވުން ފަދަ މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ނުލިބި ދިގުދެމެމުން އަންނަ އިރު، މިފްކޯ އުވާލައި މަސްވެރިކަމުގެ ސިނާއަތް އަމިއްލަ ފަރާތްތަކަށް ދޫކޮށްލުމަށް ގޮވާލައި އަޑުތައް ވެސް ގަދައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަދަ ސިޔާސީ ގޮތުން ފުންނާބު އިސް ބޭފުޅުން ވެސް އެކި ފަހަރު މަތިން މި ވިސްނުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފައިވެއެވެ.

"ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ބައިވެރިވެވަޑައިގެން މިފްކޯގެ އުވާލުމުގެ އަޑުތަކަށް ރައްދު ދެއްވަމުން އެ ކުންފުނީގެ ސީއީއޯ ފައުޒީ ވިދާޅުވީ މިފްކޯ އުވާލައިނަމަ ފުރަތަމަ ވެސް އެ ކަމަކީ މަސްވެރިން ބޭނުންވާ ކަމެއް ކަން ބަލަން ޖެހޭ ކަމަށެވެ. މިފްކޯ އޮންނަހާ ހިނދަކު މަސް ގަންނާނެ ކުންފުންޏެއް އޮންނާނެ ކަމުގެ ޔަގީން ކަން މަސްވެރިންނަށް އަބަދުވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފްކޯ އުވާލަންޏާ ފުރަތަމަ އަހަންވީ މަސްވެރިން ކައިރީ. ހަމަ ޔަގީނުން ވެސް މިފްކޯ އޮންނަހާ ހިނދަކު މަސްވެރިންނަށް އެ އޮންނަ ޔަގީންކަން ކޮންމެ ދުވަހަކު ވެސް އަބަދުވެސް އޮވޭ. މަސް ގަންނަ މިންވަރަށް ބަލާއިރު މިފްކޯއަށް ވުރެ އިތުރަށް މަސް ގަނެވޭ އެހެން ކުންފުންޏެއް އަދި ނެތް." ފައުޒީ ވިދާޅުވިއެވެ.

ރާއްޖޭގައި ދެކުނުގައި ދުވާލަކު ގާތްގަނޑަކަށް 534 ޓަނުގެ މަސް މިފްކޯއަށް ގަނެވޭނެ ކަމަށާއި އުތުރުގައި 600 ޓަނާ ހަމައަށް މިހާރު ވެސް ގަނެވޭ ކަމަށް ފައުޒީ ވިދާޅުވިއެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ސްޓޯރޭޖް މައްސަލަ ދިމާވާކަން ގަބޫލު ކުރައްވާ ކަމަށާއި މިފްކޯގެ ވަސީލަތްތައް ތަރައްގީކޮށް ސްޓޯރޭޖް ބޮޑު ކުރުމުގެ މަސައްކަތް ނިމުމުން އެ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މި އަހަރުގެ މިހާތަނަށް މަސްވެރިންގެ އަތުން 47،000 ޓަނުގެ މަސް ގަނެ 845 މިލިއަން ރުފިޔާ މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި މަސްވެރިކަމުގެ ސިނާއަތަކީ ބިލިއަން ޑޮލަރުގެ ސިނާއަތަކަށް ހެދޭނެ ކަމަށެވެ. އެ ކަން ކުރާނީ މަސްވެރިންނާ ގުޅިގެން މިފްކޯ އިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި މަސްވެރިން ބާނާ މަސް ނުގަނެވޭ ކަމުގެ ޝަކުވާއަކީ އަބަދުވެސް މަސްވެރިންގެ ބޮޑު ޝަކުވާއެކެވެ. މަސް ނުކިރި ކިއޫގައި ގިނަ ދުވަހަކު ތިބުމަށް ފަހު، ކިރާ މަސްކޮޅަށް ވަގުތުން ފައިސާ ނުލިބޭތީ ކަންބޮޑުވުންތައް އިންތިހާއަށް އޮވެއެވެ. އެންމެ ފަހުން މި ހަފުތާގައި މި ޝަކުވާތަކާ އެކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލު ކުރަން ޑިމާންކޮށް މަސްވެރިންތަކެއް ފެލިވަރުގައި އިހްތިޖާޖް ކޮށްފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ގުއިދައިތަ

  ސިނާއަތަށް ލިބޭނެ ގެއްލުމަށް ވުރެ ކަލޭމެނަށް ލިބޭ ގެއްލުން މާ ބޮޑުވާނެ. ބަނޑުފުރާ ކައިނުލެވޭނެ ދޯ؟

 2. ރާއްޖެ

  ތިހެންވެސް ބުނީ ރައީސް މީހާ. މިއީ ވާނުވާ ނޭގޭ ސަރުކާރެއް.

 3. ހުޅު ހުޅު ވައްޅެން ޖެހިޔާ

  މިރުސް ކޮތަޅު ވަގު ފައުޒީ

 4. ކިހިނެއްތަ މިވަނީ

  ހެހެހ ހުޅު ހުޅު . . . . ކޮންމެ ތަނެއްގައިވެސް ނަމުގެ ކުރިޔަށް ތިކަހަލަ އިތުރެއް ލާންޖެހޭމީހުން ތަންތަނުގެ ވެރިންނަށްލާން ވައުދުވި ސަރުކާރަކީތަ: