ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ ފްލެޓްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ފަރާތްތަކަށް ޚާއްސަ ކެޓަގަރީން، ޕޮއިންޓް ލިބިފައިވާ ގޮތުގައި ވަގުތީ ލިސްޓް ރައީސް އޮފީހުން އާއްމުކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ސިވިލް ސަރވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާއްމުކޮށްފައިވާ ކަމަށެވެ.

އަދި މި ލިސްޓު އެކުލަވާލެވިފައިވަނީ، މި ކެޓަގަރީއަށް ފޯމު ހުށަހެޅިއިރު ހުރި މިނިސްޓްރީތައް ވަކިވަކިން އެނގޭނެގޮތަށް ކަަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި މިހާރު އައު މިނިސްޓްރީތައް އުފެދި، މި ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެކި އިދާރާތަކަށް ބަދަލުވެފައިވީނަމަވެސް، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އެކުލަވާލާފައިވާ މި ލިސްޓުގައި، ކޮންމެ ފަރާތެއްވެސް ހިމެނިފައިވާނީ އެ ފަރާތެއް ފޯމު ހުށަހެޅި މިނިސްޓްރީއެއްގެ ދަށުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

"އެގޮތުން މި ލިސްޓުގައި ބޭނުންކޮށްފައިވާނީވެސް އޭރު މިނިސްޓްރީތަކަށް ކިޔަމުންދިޔަ ނަންތައް ކަމުގައި ދަންނަވަމެވެ". ރައީސް އޮފީހުން ވިދާޅުވިއެެވެ.

އަދި ސިވިލް ސަރވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީއަށް ޕޮއިންޓް ދިނުމުގައި ބަލާފައިވާނީ ޝަރުތުތަކަށް ބަލާފައި ކަމަށާއި، އަދި ޕޮއިންޓް ދެވިފައިވާނީ 15 ޖަނަވަރީ 2018 ގެ ނިޔަލަށް ހިދުމަތް ކޮށްފައިވާ މުއްދަތާއި، ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކަށް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދި މި ކެޓަގަރީއަށް ފޯމު ހުށަހެޅުމަށްފަހު ފޯމު ހުށަހެޅި ފަރާތް، ފްލެޓްގެ ތަޅުދަނޑި ލިބުމުގެ ކުރިން، ވަޒީފާއިން ވަކިވެފައިވާނަމަ އެ ފަރާތެއްގެ ފޯމު ބާޠިލްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި ފްލެޓް ލިބުމަށް ދެމަފިރިން ހޮވިއްޖެނަމަ، ހަވާލުކުރެވޭނީ 1 ފްލެޓް ކަމުގައި ކަނޑައަޅާފައިވާ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައިސް އޮފީހުން ވަނީ އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، 3 ޖަނަވަރީ 2021 ގެ 15:00 ނިޔަލަށް ހުޅުވާލާފައެވެ. މިގޮތުން https://hcp.presidency.gov.mv/ މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށަހެޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަދުރޭ

    މާލޭގައި ބޮޑެތި ގެދޮރު ހުރި މީހުންނަށް ވެސް ފުލެޓް ލިބުނު

    11
  2. ރަންނަމާރި

    މިދައުރުނިމޭނީ ވަގުތީލިސްޓްއަދި އެކިޕުރޮޖެކްޓްތަކުގެ ބަތީލްއިއުލާންތައް ނެރެނެރެތިއްބާ

  3. ޓޮމީ

    ލިސްޓު ނަގައިފި

  4. ހަޖަމު

    ގެޒެޓަކުން ނުފެނޭ، ޕަބްލިޝް ނުކުރާކަމަށް އަރަނީ،

    4
    1
  5. ގޯހެއް އެބައުޅޭ

    ފަންނީ ކެޓަގަރީ އިން 1 ގެއަކަށް 8 ފްލެޓް.