ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ގެއްލިގެން ދިޔަ ދުވަސްތައް ހޯދުމަށް އަންނަ އަހަރު އައު އަޒުމެއްގައި މަސައްކަތްކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ކީރިތި ގުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތުގައި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަދައްކަމުންނެވެ.

އެގޮތުން މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި އަހަރު ކޮވިޑް-19 ގެ ސަބަބުން ތަޢުލީމީ ދާއިރާއިން ގެއްލިގެން ދިޔަ ދުވަސްތައް އަނބުރާ ހޯދުމަށް އައު އަހަރާއެކު އައު އަޒުމެއްގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި މި ކަމުގައި ހުރިހާ ބެލެނިވެރިން، ދަރިވަރުންނަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގަނެފައި ވެއެވެ.

މީގެ އިތުރުން، މި އަހަރުގެ މުބާރާތް ވާޗުއަލްކޮށް ކުރިއަށް ގެންދިއުމުގެ ކަންކަން އިންތިޒާމުކޮށް، މުބާރާތުގެ އެންމެހައި ކަންކަމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނު ވަނީ މުޅި މުބާރާތުން އެއްވަނަ އަދި ދެވަނަ ހާސިލުކުރި ފަރާތްތަކަށް މި ރަސްމިއްޔާތުގެ ތެރެއިން އިނާމު ހަވާލުކޮށްދެއްވާފައެވެ. އަދި ގުރުއާން ހިތުދަސްކުރި ފަސް ހާފިޒުންނަށް ވެސް އެ މަނިކުފާނު އިނާމު ހަވާލުކޮށްދެއްވާފައިވެއެވެ.

ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވަރޗުއަލް ޤައުމީ މުބާރާތް އިންތިޒާމުކޮށްފައި ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވެސް މުބާރާތުގައި ބައިވެރިވެވޭ ގޮތަށެވެ. މިއީ ވާޗުއަލްކޮށް މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވިގެން ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯޑް

    ގެއްލިގެން ދިޔަ ދުވަސްތަކެއް ކީކުރަން ގެއްލިގެން ދިޔަ އެންމެ ސިކުންތެއްވެސް އަނބުރާ ދެނެއް ނުލިބޭނެ. އޮތީ ލިބެން އޮތް އެންމެ ފަޅި ސިކުންތެއް ނަމަވެސް ހެޔޮޢަމަލުކުރުމުގައި ބޭނުންކުރުން.

  2. Anonymous

    މުބާރާތުގެ ވަނަ ލިބުނު ކުދިންގެ ލިސްޓުގަނޑުވެސް ތިޔަ ބޭފުޅުންނަށް ޖަހައިނުލެވުނު! އުތަ!!

  3. ނަައީމް

    ތިޔަބުނީ ގެއްލުނު ލޯބޮވެރިޔާ ޖައައިގަންނަވާހަކަތަ ކަލޭވެއް ވާކަމެއްހަރާން ހުސްއަގަ ކަމެއްނުވޭ ވެރިކަންލިބުނީމާ އޮރިޔާމުން މޫދައްއެރިތިބެ ގަޑެއްގައްއިރު ހީވީ މިގައުމު ފުށުންޖަހާލަފާނެހެން