(އައްޑޫ ސިޓީ، ހުޅުދޫ، މީދޫ) އައްޑޫ ސިޓީ މީދޫ އާއި ގުޅިފައިވާ ހުޅުދޫގައި ސަރުކާރުން ގާއިމްކޮށްފައިވާ ނަރުދަމާގެ ހޮޅި ބިންދައިގެން ގޮސް ފަރުމައްޗަށް ނަޖިސް ބޭރުވާ މައްސަލަ ފެންމަތިވެއްޖެ އެވެ.
ނަން ހާމަ ނުކުރުމަށް އެދި އާންމުންގެ ފަރާތަކުން "ވަގުތު" އަށް ބުނީ ހުޅުދޫ އަދި މީދޫ ނަރުދަމާގެ ނަޖިސް ހޮޅި ބިންދައިގެން ދިއުމުގެ ސަބަބުން އެރަށުގެެ ފަރު މައްޗަށް އަންންނަނީ ނަޖިސްތައް ބޭރުވަމުން ކަމަށާއި، މިއީ ރަށުގެެ ނާޒުުކު ފަރު ހަލާކުވާނެ ކަމެއް ކަމަށެެވެ.
އަދި އެ ސަރަހައްދަކީ އާންމުން ގިނަ އަދަދަކަށް ނިކުމެ އުޅޭ ސަރަހައްދެެއް ކަމަށާއި، މޫދަށް އެެރުމަށްވެސް ނަރުދަމާ ހޮޅި އަޅާފައި އޮންނަ ސަރަހައްދަށް މީހުން ނިކުންނަ ކަމަށް އޭނާ ބުންޏެެވެ.

މިހާރު ހޮޅި ބިންދައިގެން ގޮސްފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާކަން ފާހަގަކޮށް އޭނާ ބުނީ މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ރައްޔިތުންގެ ފަރާތުން ހުށަހަޅައި، އަދިވެެސް ހައްލެއް ލިބިފައި ނުވާކަމަށެެވެ.
"މިއީ އަހަރުމެންގެ ނާޒުކު ތިމާވެއްޓާއި ގުޅިފައިވާ ވަރަށް ދެރަ މައްސަލައެއް. މިކަމުގެ ސަބަބުން އާންމުންނަށް ވެެސް ގެއްލުންވާނެ. އެެ ސަރަހައްދަކީ އާންމުން ގިނަ އަދަދަކަށް ނިކުމެ އުޅޭ ސަރަހައްދެއް. އެެހެން ނަމަވެސް އަދިވެސް އެއްވެސް އިދާރާއަކުން އަޅައެއް ނުލާ މާ ބޮޑަކަށް މި މައްސަލައަކަށް" އޭނާ ބުންޏެވެ.
އަދި ކައުންސިލަށްވެސް މައްސަލަ ހުށަހަޅާފައިވާނެެ ކަަމަށާއި ނަމަވެސް އެފަރާތުންވެެސް މި މައްސަލަ ހައްލު ކުރުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް އޭނާ ބުންޏެެވެެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އައްދޫ ސިޓީ ކައުންސިލްގެ ހުޅުދޫ ދާއިރާގެެ ކައުންސިލަރު އިބްރާހިމް ޝުކުރީ ވިދާޅުވީ މި މައްސަލަ ރަސްމީ ގޮތެެއްގައި ކައުންސިލް އިދާރާއަށް މިހާތަނަށް ހުށަހަޅާފައިވާކަން އެނގިފައި ނުވާކަމަށެެވެެ. އެހެން ނަމަވެސް ކައުންސިލުގެެ ސަމާލްކަމަށް މި މައްސަލަ އައިސްފައިވާކަމަށް އޭނާ ފާހަގަކުރިއެވެ.
ޝުކުރީ ވިދާޅުވީ އެ ހޮޅިއަކީ އެއްވެެސް ފަރާތެއްގެ އިހުމާލަކުން ބިންދައިގެެން ގޮސްފައިވާ ހޮޅިއެއް ނޫން ކަމަށެވެ.
އެ ހޮޅި ބިންދައިގެން ގޮސްފައި އޮންނަތާ މިހާރު ހަތަރު މަހެއްހާ ދުވަސް ވެއްޖެެ އެވެ. ޝުކުރީ ވިދާޅުވީ މީގެ ކުރިންވެސް އެ ހޮޅި ބިންދައިގެން ގޮސްފައިވާކަމަށެވެ.
"އެއީ ވަރަށް ރާޅުބާނި ބޮޑު ސަރަހައްދެއް. އެެހެންވެ ހޮޅި ނެއްޓިފަ އެެއޮތީ. އަޅުގަނޑުމެެންވެސް މިހާރު ވާނީ ފެނަކަ އާއި ކޮންމެވެސް ވަރަކަށް ތި ވާހަކަ ދައްކާފައި" ޝުކުރީ ވިދާޅުވިއެވެ.

ފެނަކައިގެ ވޯޓާ ސުވަރޭޖް އެންޑް އެންވަޔަރަމެންޓު ޑިޕާޓްމެެންޓުގެ ފަރާތުން މިކަމާއި ގުޅޭ ގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އަތުހަރު ހަލީމް ވިދާޅުވީ، މި މައްސަލަ އަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ނަރުދަމާ ހޮޅިތަކަށްވެސް ދިމާވާ މައްސަލައެއް ކަމަށެވެ.
މި މައްސަލަ ނަރުދަމާ އެޅުމުގެ ފަހުން އަހަރެއްހާ ދުވަސް ނުވަނިސް ވަނީ ދިިމާވެފައި ކަމަށް އޭނާ ވިދާޅުވިއެެވެ.
"މިހާރުވެސް ގާތްގަނޑަކަށް ގަދަ މޫސުމާ ދިމާކޮށް އެބަ ކުރިމަތިވޭ މި މައްސަލަ ހުރިހާ ރަށަކަށްވެސް. މިހާރުވެސް 20 ނުވަތަ 30 ރަށުގަ އެބަހުރި އައުޓްފޯލްގަ މައްސަލަ ދިމާވެފަ. އަޅުގަނޑުމެން މިހާރު މިދަނީ އެ މައްސަލަތައް ހައްލު ކުރަމުން" އަތުހަރު ވިދާޅުވިއެވެ.
މި މައްސަލަ ދިމާވަމުން އަންނަނީ ޑިޒައިން މައްސަލައެއްގެ ސަބަބުން ކަމަށް ބެލެެވޭ ކަމަށް އޭނާ ވިދާޅުވިއެެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަން ދިމާވުމަށް މެދުވެރިވަނީ އަޅާފައި ހުންނަ ގާތަށް ގަދަ މޫސުންތަކުގައި ހޮޅި ހިފަހައްޓާލެވޭ މިންވަރަށްވުރެެ ހިމަވުމުންނެވެ.
މިކަން ހައްލުކުރުމަށް ބޮޑެތި ސައިޒުތަކުގެ ގާތައް ޑިޒައިންކޮށް އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގަދަ މޫސުން ނިމުމާއި އެކު އެ ހޮޅި އަލުން އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް އަތުހަރު ވިދާޅުވިއެވެ. މިހާރު އެ މަސައްކަތް ނުފެށި ދިގުލައިގެން އަންނަނީ ގަދަ މޫސުމަށް ވުމުން ކަމަށާއި، މޫސުން ރަނގަޅުވެ މަސައްކަތް ކުރެވޭ ހާލަތަކަށް ދިއުމުން އެ މަސައްކަތް ފަށާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް މި މައްސަލަ އަށް ހައްލެއް ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރުވެސް =މިކަމާ ގުޅޭ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް "ވަގުތު" އަށް ވިދާޅުވީ، މިފަދަ މައްސަލައެއް ރަސްމީކޮށް އެ އިދާރާއަށް ހުށަހަޅާފައި ނުވާކަަމަށެވެ. އަދި އީޕީއޭ އިން މިފަދަ މައްސަލަތައް ހުށަހަޅާ މިންވަރަކުން ކަމާ ގުުޅޭ އިދާރާ ތަކާއި ގުޅިގެން މައްސަލަތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިފަދަ މައްސަލައެއް އަޅުގަނޑުމެންނަށް ހުށަހަޅާފައިިވާ ކަމެއް ނޭގެ. މައްސަލަތައް ހުށަހަޅާ މިންވަރަކުން ކަމާގުޅޭ އިދާރާތަކާއި އެކު ތިފަދަ މައްސަލަތައް ބަލަމުން މި އަންނަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ފެނަކައިން ތިކަން ބަލާ ވީ އެންމެެ އަވަހަކަށް މައްސަލަ ހައްލުކުރާނެ" ނައީމް ވިދާޅުވިއެވެ.
ޝުކުރިއްޔާ ރައީސް ޔާމީން
ޔާންޓެއާ ނުބެހި ހުރޭ ޔާންޓެ މިގައުމައް ގެނަހާ ކުރިއެރުން ނަޝީދު މެންނަކައް މުޅިއުމުރު ވެރިކަން ކުރިޔަސް ނުގެނެވޭނެ.
އެކަން އެބަ ފެނޭ ހޮޅިއެއް ވިއްޔާ ބިނދިފަ ބުރިޖެއް ވިއްޔާ ވެއްޓިފަ