(އައްޑޫ ސިޓީ، ހުޅުދޫ، މީދޫ) އައްޑޫ ސިޓީ މީދޫއާ ގުޅިފައިވާ ހުޅުދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ ނަރުދަމާގެ ހޮޅި ބިންދައިގެން ގޮސް ފަރުމައްޗަށް ނަޖިސް ބޭރުވާ މައްސަލަ ފެންމަތިވެއްޖެއެވެ.
ނަން ހާމަ ނުކުރުމަށް އެދި އާންމުންގެ ފަރާތަކުން "ވަގުތު" އަށް ބުނީ ހުޅުދޫ އަދި މީދޫ ނަރުދަމާގެ ނަޖިސް ހޮޅި ބިންދައިގެން ދިއުމުގެ ސަބަބުން އެރަށުގެ ފަރު މައްޗަށް އަންނަނީ ނަޖިސްތައް ބޭރުވަމުން ކަމަށާއި، މިއީ ރަށުގެ ނާޒުކު ފަރު ހަލާކުވާނެ ކަމެއް ކަމަށެވެ.
އަދި އެ ސަރަހައްދަކީ އާންމުން ގިނަ އަދަދަކަށް ނިކުމެ އުޅޭ ސަރަހައްދެއް ކަމަށާއި، މޫދަށް އެރުމަށްވެސް ނަރުދަމާ ހޮޅި އަޅާފައި އޮންނަ ސަރަހައްދަށް މީހުން ނިކުންނަ ކަމަށް އޭނާ ބުންޏެވެ.
މިހާރު ހޮޅި ބިންދައިގެން ގޮސްފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާކަން ފާހަގަކޮށް އޭނާ ބުނީ މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ރައްޔިތުންގެ ފަރާތުން ހުށަހެޅި ނަމަވެސް އަދިވެސް ޙައްލެއް ލިބިފައި ނުވާކަމަށެވެ.
"މިއީ އަހަރުމެންގެ ނާޒުކު ތިމާވެއްޓާއި ގުޅިފައިވާ ވަރަށް ދެރަ މައްސަލައެއް. މިކަމުގެ ސަބަބުން އާންމުންނަށް ވެސް ގެއްލުންވާނެ. އެ ސަރަހައްދަކީ އާންމުން ގިނަ އަދަދަކަށް ނިކުމެ އުޅޭ ސަރަހައްދެއް. ނަމަވެސް އަދިވެސް އެއްވެސް އިދާރާއަކުން އަޅައެއް ނުލާ މާ ބޮޑަކަށް މި މައްސަލައަކަށް" އޭނާ ބުންޏެވެ.
އަދި ކައުންސިލަށް ވެސް މައްސަލަ ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް އެފަރާތުން ވެސް މި މައްސަލަ ހައްލު ކުރުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް އޭނާ ބުންޏެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީ ވިދާޅުވީ މި މައްސަލަ ރަސްމީ ގޮތެއްގައި ކައުންސިލް އިދާރާއަށް މިހާތަނަށް ހުށަހަޅާފައިވާކަން އެނގިފައި ނުވާކަމަށެވެ. ނަމަވެސް ކައުންސިލުގެ ސަމާލްކަމަށް މި މައްސަލަ އައިސްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝުކުރީ ވިދާޅުވީ އެ ހޮޅިއަކީ އެއްވެސް ފަރާތެއްގެ އިޙުމާލުން ބިންދައިގެން ގޮސްފައިވާ ހޮޅިއެއް ނޫން ކަމަށެވެ.
އެ ހޮޅި ބިންދައިގެން ގޮސްފައި އޮންނަތާ މިހާރު ހަތަރު މަހެއްހާ ދުވަސް ވެއްޖެއެވެ. ޝުކުރީ ވިދާޅުވީ މީގެ ކުރިންވެސް އެ ހޮޅި ބިންދައިގެން ގޮސްފައިވާކަމަށެވެ.
"އެއީ ވަރަށް ރާޅުބާނި ބޮޑު ސަރަހައްދެއް. އެހެންވެ ހޮޅި ނެއްޓިފަ އެއޮތީ. އަޅުގަނޑުމެންވެސް މިހާރު ވާނީ ފެނަކަ އާއި ކޮންމެވެސް ވަރަކަށް ތި ވާހަކަ ދައްކާފައި" ޝުކުރީ ވިދާޅުވިއެވެ.
ފެނަކައިގެ ވޯޓާ ސުވަރޭޖް އެންޑް އެންވަޔަރަމެންޓު ޑިޕާޓްމެންޓުގެ ފަރާތުން މިކަމާއި ގުޅޭ ގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އަޘުހަރު ޙަލީމް ވިދާޅުވީ، މި މައްސަލަ އަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ނަރުދަމާ ހޮޅިތަކަށްވެސް ދިމާވާ މައްސަލައެއް ކަމަށެވެ.
މި މައްސަލަ ނަރުދަމާ އެޅުމުގެ ފަހުން އަހަރެއްހާ ދުވަސް ނުވަނީސް ވަނީ ދިމާވެފައި ކަމަށް އޭނާ ވިދާޅުވިއެެވެ.
"މިހާރުވެސް ގާތްގަނޑަކަށް ގަދަ މޫސުމާ ދިމާކޮށް އެބަ ކުރިމަތިވޭ މި މައްސަލަ ހުރިހާ ރަށަކަށްވެސް. މިހާރުވެސް 20 ނުވަތަ 30 ރަށުގަ އެބަހުރި އައުޓްފޯލްގަ މައްސަލަ ދިމާވެފަ. އަޅުގަނޑުމެން މިހާރު މިދަނީ އެ މައްސަލަތައް ހައްލު ކުރަމުން" އަތުހަރު ވިދާޅުވިއެވެ.
މި މައްސަލަ ދިމާވަމުން އަންނަނީ ޑިޒައިން މައްސަލައެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަން ދިމާވުމަށް މެދުވެރިވަނީ އަޅާފައި ހުންނަ ގާތައް ގަދަ މޫސުންތަކުގައި ހޮޅި ހިފަހައްޓާލެވޭ މިންވަރަށްވުރެ ހިމަވުމުންނެވެ.
މިކަން ހައްލުކުރުމަށް ބޮޑެތި ސައިޒުތަކުގެ ގާތައް ޑިޒައިންކޮށް އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގަދަ މޫސުން ނިމުމާއެކު އެ ހޮޅި އަލުން އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް އަތުހަރު ވިދާޅުވިއެވެ. މިހާރު އެ މަސައްކަތް ނުފެށި ދިގުލައިގެން އަންނަނީ ގަދަ މޫސުމަށް ވުމުން ކަމަށާއި، މޫސުން ރަނގަޅުވެ މަސައްކަތް ކުރެވޭ ހާލަތަކަށް ދިއުމުން އެ މަސައްކަތް ފަށާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް މި މައްސަލަ އަށް ހައްލެއް ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރުވެސް މިކަމާ ގުޅޭ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް "ވަގުތު" އަށް ވިދާޅުވީ، މިފަދަ މައްސަލައެއް ރަސްމީކޮށް އެ އިދާރާއަށް ހުށަހަޅާފައި ނުވާކަމަށެވެ. އަދި އީޕީއޭ އިން މިފަދަ މައްސަލަތައް ހުށަހަޅާ މިންވަރަކުން ކަމާ ގުޅޭ އިދާރާ ތަކާއި ގުޅިގެން މައްސަލަތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިފަދަ މައްސަލައެއް އަޅުގަނޑުމެންނަށް ހުށަހަޅާފައިވާ ކަމެއް ނޭނގެ. މައްސަލަތައް ހުށަހަޅާ މިންވަރަކުން ކަމާގުޅޭ އިދާރާތަކާއި އެކު ތިފަދަ މައްސަލަތައް ބަލަމުން މި އަންނަނީ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ ފެނަކައިން ތިކަން ބަލާ ވީ އެންމެ އަވަހަކަށް މައްސަލަ ހައްލުކުރާނެ" ނައީމް ވިދާޅުވިއެވެ.
ޝުކުރިއްޔާ ރައީސް ޔާމީން
ޔާންޓެއާ ނުބެހި ހުރޭ ޔާންޓެ މިގައުމައް ގެނަހާ ކުރިއެރުން ނަޝީދު މެންނަކައް މުޅިއުމުރު ވެރިކަން ކުރިޔަސް ނުގެނެވޭނެ.
އެކަން އެބަ ފެނޭ ހޮޅިއެއް ވިއްޔާ ބިނދިފަ ބުރިޖެއް ވިއްޔާ ވެއްޓިފަ