ދިވެހި ރާއްޖޭގެ ކަންކަން ޒަމާނުއްސުރެ ހަމަޖެހިފައިވާ ގޮތުން ރަސްރަސްކަލުން ގިނަފަހަރަށް ފަސްދާނުލާފައި ވަނީ ފުރަ މާލެގައެވެ. އެހެންކަމުން އިހު އެވޭލާ ޒަމާނުގައި އެއްވެސް ސަބަބަކާއި ހުރެ ރަސްކަލަކު އެ ރަށެއްގެ ފަސްގަނޑުގައި ފަސްދާނު ލުމަކީ މުޅި ރަށުގެ ކުދިބޮޑު އެންމެންނަށް ލިބޭ ބޮޑު ފަޙުރަކާއި ޝަރަފެއް ކަމަށް އޮތީ ވެފައެވެ. އަމުދުން ރަސްކަލެއްގެ ޒިޔާރަތެއް ހުރިކަން އެނގޭނަމަ، ދިވެހިންގެ ބޯދާ އާދަކާދަ އާއި އެއްގޮތަށް ޒިޔާރަކަށް ހުނިލާން ދިއުމާއި ނަދުރު ބުނުން ފަދަ ކަންކަމަކީ ވަރަށް ފޯރި އާއި އެކު އހު ދިވެހިން ކޮށް އުޅުނު ކަމަކަށް ވެފައެވެ.

ތާރީޚީ ލިޔެކިޔުންތަކުން އެނގޭގޮތުން ރާއްޖޭގައި މާލެ ފިޔަވާ ރަސްކަލެއްގެ ޒިޔާރަތް ހުރީ ދެ ތަނެއްގައެވެ. އޭގެ ތެރެއިން އެއްތަނަކީ އދ. ހަންޏާމީދޫގައި ހުންނަ އައްސުލްތާން އިބްރާހިމް ކަލާފާނުގެ ޒިޔާރަތެވެ. ދެވަނަ ތަނަކީ އައްޑޫސިޓީގެ ހިތަދޫގައި ހުންނަ އިސްދޫ ދަރިކޮޅަށް ނިސްބަތްވާ އައްސުލްޠާން ޙަސަން (ދިހަވަނަ)ގެ ޒިޔާރަތެވެ.

އައްޑޫސިޓީގެ ހިތަދޫގައި ހުންނަ އިސްދޫ ދަރިކޮޅަށް ނިސްބަތްވާ އައްސުލްޠާން ޙަސަން (ދިހަވަނަ)ގެ ޒިޔާރަތް

ހިތަދޫގައި ރަސްކަލަކު ފަސްދާނުލެވިފައިވާ ކަމާއި ހިތަދޫގައި އެ ރަސްކަލަށް ނިސްބަތްވާ ޒިޔާރަތެއް ހުރިކަން މިއީ އައްޑޫގެ ގިނަ ރައްޔިތުންވެސް ނުދަންނ ބީރައްޓެހި ހަގީގަތެކެވެ. މި ރަށު ބައެއް މީހުންނާއި ސުވާލުކުރުމުން ވެސް ހަސަން ރަސްގެފާނާއި ގުޅޭ މައުލޫމާތާއި، ހަސަން ރަސްގެފަނުގެ ޒިޔާރަތާއި ގުޅޭ މައުލޫމާތު ގިނަ މީހުންނަށް ނޭނގޭކަން ފާހަގަވިއެވެ.

ހަސަން ރަސްގެފާނުގެ ޒިޔާރަތް ހުރި އެ ރަށު ތަކުރުފާނު މިސްކިތުން ވަދެގެން ދާއިރު ވާއަތްފަޅިއަށް ވާގޮތަށް މިސްކިތާއި ދާދި ކައިރީގައެވެ. ހަސަން ރަސްގެފާނު ނިސްބަތްވަނީ އެންމެ ކުރު މުއްދަތަކަށް ރާއްޖޭގައި ރަސްކަން ކުރެއްވި އިސްދޫ ދަރިކޮޅަށެވެ. ސަރުނަ ވެބްސައިޓްގައި ހިމަނާފައިވާ އައިޝަތު އަލީ ލިޔުއްވި ދިރާސާ ލިޔުއްވުމުގައި ވަނީ އިސްދޫ ދަރިކޮޅުގެ ބޭކަލުން ރާއްޖޭގައި ރަސްކަން ކުރެއްވި ގޮތަށް އަލިއަޅުއްވާލައްވާފައެވެ. އެ ދަރިކޮޅުން ރާއްޖޭގެ ރަސްކަން ކުރައްވާފައި ވަނީ ހަތަރު އަހަރުގެ މުއްދަތުގައި ތިން ރަސްކަލެއް ކަމަށް ވެސް އޭނާ ވަނީ ލިޔުއްވާފައެވެ.

އައްޑޫސިޓީގެ ހިތަދޫގައި ހުންނަ އިސްދޫ ދަރިކޮޅަށް ނިސްބަތްވާ އައްސުލްޠާން ޙަސަން (ދިހަވަނަ)ގެ ޒިޔާރަތް

ތާރީޚު ދިރާސާކޮށް ލިޔުއްވާ ސަފްވާން ޝަފީގް "ވަގުތު" އަށް ކިޔާދެއްވި ގޮތުގައި ދިވެހިރާއްޖޭގެ ތާރީޚުގައި މަޝްހޫރު އިސްދޫ ދަރިކޮޅުން ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރައްވާފައި ވަނީ ދެބޭފުޅުންނެވެ. އެއީ އިސްވެ ދެންނެވުނު އިސްދޫ އަލިރަސްގެފާނާއި އެމަނިކުފާނުގެ ދަރިކަލުން އައްސުލްޠާނުލްޙާއްޖު ޙަސަން (ދިހަވަނަ ޙަސަން ރަސްގެފާނެވެ.)

ހަސަން ރަސްގެފާނު އައްޑޫ ހިތަދޫއަށް އަރުވާލެއްވީ އޭނާ ރަސްކަމުން އަޒުލުކުރެއްވުމުންނެވެ. އަދި އަޒުލު ކުރެވުނު ސީދާ ތާރީޚާއި ސަބަބު އެނގޭކަށް ނެތެވެ. އެހެންނަމަވެސް އެމަނިކުފާނު ވެރިކަމުން އަޒުލުކުރެއްވީ ހައްޖު ދަތުރުފުޅެއްގައި އުޅުއްވަނިކޮށްކަން ތާރީޚީ ލިޔުންތަކުން އެނގޭ ކަމަށް ސޮފްވާން ވިދާޅުވިއެވެ.

" އެދުވަސްވަރު މީހުން ހައްޖަށް ގޮސްފައި ގިނަ ދުވަސް ވާނެ. ބައެއް ފަހަރު އަހަރު ދުވަސްވެސް ވާނެ. އެގޮތަށް ވަޑައިގަތް ދަތުރަށް ފަހު އެނބުރި ވަޑައިގަތް އިރު އަޒުލުކުރައްވާފައިވީ. އެމަނިކުފާނު ރަސްކަމަށް އިސްވެވަޑައިގަތީ 1701 ވަނަ އަހަރު. ވަރަށް ކުޑަ ދުވަސްކޮޅެއްގައި ރަސްކަމުގައި ހުންނެވީ. ހައްޖަށް ވަދައިގަތީ ބޮޑުވަޒީރަކަށް ހުންނެވި މުޙައްމަދު ދޮށިމޭނާ ކަލޭގެފާނާއި ވެރިކަން ހަވާލުކުރައްވާފައި ކަމަށްވޭ." އޭނާ ވިދާޅުވިއެވެ.

އައިޝަތު އަލީގެ ތާރީޚީ ލިޔުއްވުމުގައި ވާގޮތުން ނަމަ މި ދަރިކޮޅުގެ ފުރަތަމަ ރަދުން ކަމަށްވާ އައްސުލްޠާން ޢަލީ (ހަތްވަނަ)ގެ ރަސްކަމުގައި ޢަދާވާތްތެރިކަމެއް ހިނގާފައެއް ނުވެެއެވެ. އެހެންނަމަވެސް އެ ރަދުންނަށްފަހު ރަސްކަމަށް ވަޑައިގަތް އައްސުލްޠާން ޙަސަން (ދިހަވަނަ)ގެ ރަސްކަމަށް ކުޑަ ދުވަސްކޮޅެއްވީތަނާ ބައްޕާފުޅު އަވަހާރަވެ އަދާވާތްތެރިކަމާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.

އައްޑޫސިޓީގެ ހިތަދޫގައި ހުންނަ އިސްދޫ ދަރިކޮޅަށް ނިސްބަތްވާ އައްސުލްޠާން ޙަސަން (ދިހަވަނަ)ގެ ޒިޔާރަތް

އެގޮތުން މި ރަދުންގެ ތުއްޕުޅުކަމުން ރަސްކަން ނުހިންގޭނެކަމަށް ބުނެ އިބުރާހިމް ވެލާނާ ތަކުރުފާނު ނުވަތަ އިބުރާހިމް މުޒުހިރުއްދީން ރަސްކަން އަތުލައްވަން އުޅުއްވި ވާހަކަވެސް އެ ލިޔުމުގައި ހިމަނުއްވާފައިވެއެވެ. ހަމައެހެންމެ ރަދުން ހައްޖަށް ވަޑައިގެން ގެއްލި ވަޑައިގަތް ޚަބަރު ލިބުމާއެކު ވެރިކަމަށް ދަހިވެތިކަން ފާޅުކުރީ ކޮއްކޯފުޅު ވެލާނާ ތަކުރުފާނު ކަމަށް މި ލިޔުމުން އެނގެން އޮވެއެވެ. އެހެންނަމަވެސް ފަހުން މުޙައްމަދު ދޮށިމޭނާ ތަކުރުފާނު ރަސްކަމަށް ގަދަވިކަން އެ ލިޔުމުން އެނގެއެވެ.

ބައެއް ލިޔުއްވުންތަކުގައި ހަސަން ރަސްގެފާނު ވެރިކަމުން އަޒުލުކުރެއްވީ ކަމަށް ވީނަމަވެސް، ތާރީޚީ ބައެއް ލިޔުއްުވުންތަކުގައި މިވާހަކަތައް ވަނީ ތަފާތުކޮށެވެ. އެގޮތުން ޤާނޫނީ ވަކީލް މުހައްމަދު ނާޖިހް ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގައި ހުންނަވާ ލިޔުއްވާފައިވާ ލިޔުއްވުމުގައި ވަނީ އިސްދޫ ދަރިކޮޅުން އެންމެފަހަށް ވެރިކަން ކުރެއްވި ރަދުން ހައްޖު ދަތުރުފުޅުގައި ތޫފާނެއްގައި ޖެހި ނައުކޮޅާއެކު ޣަރަގުވެގެންދިޔަ ޚަބަރު މާލެޔަށް ފޯރުމުން، ރަސްކަމުގެ ދާނުގައި ވެޑުވުނީ އެރަދުންގެ ބޮޑުވަޒީރަކަށް ހުންނެވި ދިޔަމިގިލީ މުހައްމަދު ދޮށިމޭނާ ތަކުރުފާނު ކަމަށެވެ.

އައްސުލްޠާނު ޙާއްޖު ޙަސަން (ދިހަވަނަ) ގެ ދަރިކަލުން ހިތަދޫ ޢަލިމަނިކުފާނުގެ ދަރިކަލުން ބަނޑޭރި ޙަސަން މަނިކުފާނު ވެސް ފަސްދާނުލާފައި ވަނީ ތަކުރުފާނު މިސްކިތުގައި ހުރި މި ޒިޔާރަތުގައެވެ. ބަނޑޭރި ހަސަން މަނިކުފާނުގެ މަންމަ އަކީ ޤާޟީ މުޙައްމަދު ޝަމްސުއްދީނުލް ކަބީރު (އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު) ގެ ދަރިކަލުން ޤާޟީ ޙުސައިން ޤުޠުބުއްދީނުގެ ދަރިކަލުން އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑުފުތް ތަކުރުފާނުގެ ދަރިކަނބަލުން ޙައްވާބީފާނުގެ ދަރިކަނބަލުން ފާޠިމާފާނެވެ. އެހެންކަމުން ބަނޑޭރި ޙަސަން މަނިކުފާނަކީ އައްޑޫއަށް އުފަން އައްޑޫ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަނގަޅު މަޢުލޫމާތު ކޮޅެއް

    މިހާރު އެ ޢާއިލާ މީހުން އައްޑޫގައި އުޅޭތޯ ދިރާސާގައި ހިމަނާލިނަމަ ...

    15
  2. ޝަބާނާ

    ނަޒީރު ޖަމާލް އަކީ ވެސް މިޢާއިލާގެ ބޭފުޅެއް ކަމަށްވޭ. ނަޒީރު އަރިހުން ސުވާލުކޮށްލުން ރަނގަޅު.

    4
    1
  3. ޝަމްސު

    ވިދާޅުވިއިރު އެބޭފުޅާ ކުރެން އައްސަވާބައްލަވަ. އިބްރާހިމް މުޒުހިރުއްދީނަކީ ކޮން ދަރިކޮޅަކަށް ނިސްބަތްވާ ބޭފުޅެއްތޯއެވެ؟ ތާރީޚީ މައުލޫމާތުތަކަކީ އެކިފަހަރު އެކިގޮތްގޮތަށް ޝެއާރ ކުރަން ޖެހޭ އެއްޗެއް ނޫނެވެ.

  4. މައުލޫމާތު

    އެ އާއިލާއަށް ނިސްބަތްވާ މީހުން އައްޑޫ ގައި މަދު ނުވާ ވަރަށް އެބަތިބި. މި ނޫންވެސް ރަސްރަސްކަލުންގެ އާޢިލާ އަށް ނިސްބަތްވާ މީހުން އައްޑޫ، ފުވައްމުލައް އަދި ހުވަދޫ ގައި ވެސް އެބަތިބި. މިސާލަކަށް ދިޔަމިގިލީ އައްސުލްތާން މުޙައްމަދު ގިޔާސުއްދީންގެ އާއިލީ ދަރިކޮޅު

  5. ޝަމްސުއްދީން

    އާދެ އާދެ..! ޒިޔާރަތްތަކަށް ހުނިލާން ދާކަމެއް އައްޑޫ މީހުންނަށް އެނގިފައެއްނުވެއެވެ. އެއީ އެމީހުން ނުދަންނަ ބީރައްޓެހި ހަގީގަތެކެވެ. އިސްދޫ ދަރިކޮޅުން ދިވެހި ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރައްވާފައި ވަނީ ކިތައްބޭފުޅުންކަން ދިވެހިތާރީޚުން އެގެއެވެ. އެބޭފުޅުންނަކީ އައްޑުއާއި ފުވައްމުލަކުގެ ދަރިކޮޅުގެ ބައެއްކަންވެސް އައްޑޫ މީހުން ދަނެއެވެ.

  6. ބަލާމީހާ

    އިސްދޫ އަލިރަސްގެފާނު ފަސްދާނު ލެވިފައިވަނީ މާލޭ ހުކުރު މިސްކުތުގައި ކަމާއި، އަލި ރަސްގެފާނުގެ އަނބިކަނބަލުން ކަބޯވަތި އައިސާ ކަނބާފާނު ރަނިކިލެގެ ފަސްދާނުލެވިފައިވަނީ އައްޑޫ އަތޮޅު ގަމު ހުކުރުމިސްކިތުގައި ކަމާއި، އަލި ރަސްގެފާނުގެ ދަރިކަލުން ޙަސަން ރަސްގެފާނު ފަސްދާނު ލެވިފައިވަނީ ތަކުރުފާނު މިސްކިތުގައި ކަމާއި، ޢަލި ރަސްގެފާނުގެ ދަރިކަލުން ޙަސަން ރަސްގެފާނުގެ އަނބިކަބަލުން ކިލަވަތި އައިސާމަނިކެ ފަސްދާނު ލެވިފައިވަނީ ތަކުރުފާނު މިސްކިތުގައި ކަމާއި، ޙަސަން ރަސްގެފާނުގެ ދަރިކަކުން ޢަލި މަނިކުފާނު ފަސްދާނު ލެވިފައިވަނީ ތަކުރުފާނު މިސްކިތުގައި ކަމާއި، ޢަލި މަނިކުފާނުގެ ދަރިކަލުން ބަނޑޭރި ޙަސަން މަނިކުފާނު ފަސްދާނު ލެވުނީ ތަކުރުފާނު މިސްކިތުގައި ކަމާއ، ޢަލި ރަސްގެފާނުގެ ޙަސަންރަސްގެފާނުގެ އިބްރާހިމް މަނިކުފާނު ފަސްދާނު ލެވުނީ ގަމު ހުކުރު މިސްކިތުގައި ކަން އަހަރުމެން ދަންނަމެވެ. ހަގީގަތާއި ބީރައްޓެހި ގޮތަކަށް އިތުރު ބަޔަކު ޚަބަރު ގެނެސްދިނަސް އޮޅުވާނުލެވޭނެއެވެ.