ނ.އަތޮޅުގެ ރަށްތަކަކީވެސް ރާއްޖޭގެ ނިސްބަތުން ގުދުރަތީ ރީތިކަމެއް ލިބިފައި އޮންނަ ފުރިހަމަ އަތޮޅެކެވެ. އެގޮތުން އެއަތޮޅު ލަންދޫއަކީ ފާހަގަކޮށްލެވޭ ރަށެކެވެ.

ލަންދޫގައި މިއަދު ވަނީ ނޭޗާޕާކެއް ގާއިމްކޮށް އެެތަން އާންމުންނަށް ހުޅުވާލާފައެވެެ. ލަންދޫ ނޭޗާ ޕާކު ގާއިމްކޮށްފައި ވަނީ އެރަށުގެ ބަނދަރު ކައިރީގައި އޮންނަ ޗަކަ ކަނޑޫފަލެއްގެ ތެރޭގައެވެ. މި ޕާކަށް ދީފައިވާ ނަމަކީ ''ކުޅިދޮށުޕާކް''އެވެ. އެކަނޑޫފަލަކީ ވިއްސާރަ އާއި އެކު ފެންހެދި ޗަކަވާ، ގުދުުރަތީ ގޮތުން ރީތި ހިތްގައިމު ގަސްތަކަކާއި އެކު އުފެދިފައި އޮންނަ ބޮޑު ސަރަހައްދެކެވެ. ލަންދޫ އަކީ ރަށުގެ ބިމުގެ ބޮޑު ބައެެއްގައި މިފަދަ ކަނޑޫފާތައް އުފެދިފައިވާ ހިތްގައިމު ރަށެކެެވެ.

މި ނޭޗާ ޕާކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ލަންދޫ ކައުންސިލްގެ ނައިބު ރައީސް އިސްމާއީލް އިބްރާހިމް "ވަގުތު"އަށް ވިދާޅުވީ، މި ޕާކުު ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާނީ މީގެ ދެމަހެއްހާ ދުވަސް ކުރިން ކަމަށެވެ. މި ޕާކު ހެދުުމުގައި އިސްކޮށް ހަރަކާތެެރިވެފައިި ވަނީ އެރަށުގެ ޒުވާނުންނާއި، ކައުންސިލުންނެވެ.

"އިސްކޮށް ފުރަތަމަ ހަރަކާތްތެރިވީ ޒުވާނުންގެ ތެރެއިން މަދު ކުދިންކޮޅެެއް. ކައުންސިލާ ޒުވާނުންކޮޅަކާ ގުޅިގެެން މަސައްކަތް ފެށީ. އެެހިސާބުން ހަމަ ރަށުގެ ޒުވާނުންގެެ ބޮޑު ތަރުހީބެއް ލިބިިގެން ދިޔަ." އިސްމާއީލް ވިދާޅުވިއެވެ.

ލަންދޫގައި ހުޅުވި ''ކުޅިދޮށުޕާކު'' - ފޮޓޯ: ކުޅިދޮށު ޕާކު (ފޭސްބުކް)

އޭނާ ވިދާޅުވި ގޮތުގައި މި ޕާކު ހެދުމަށް ރަށުގެ އާންމު ރައްޔިތުންގެ ފަރާތުން ވަނީ ބޮޑު އެއްބާރުލުމެއް ލިބިފައެވެ. އެގޮތުން ޒުވާނުންނާއި ކައުންސިލުން ގުޅިގެން މަސައްކަތް ކުރަމުން ދިޔައިރު، ރަށުގެ އަންހެންވެރިން ކެއުންތައް ތައްޔާރުކޮށް މަސައްކަތް ކުރާ މީހުންނަށް ދޭ ކަމަށާއި، އަދި ލަކުޑި ކީހުން ފަދަ ކަންކަމަށް ރަށުގެެ ހަރު އުމުރު ފުރައިިގެ މީހުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެެވެ.

"މި މަސައްކަތް ފައްޓައިގެން ދިހަވަރަކަށް ދުވަހު މަސައްކަތް ކުރެވުނު ތަނާ ރައްޔިތުންގެ ތެރެއިިން ވަރަށް ބޮޑަށް މިކަމަށް ތަރުހީިބު ލިބިގެން ދިޔަ. ރައްޔިތުން ބަލައިގަތީ މިއީީ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި. އަނެއްކޮޅުން އަޅުގަނޑުމެން ޒުވާނުން މިކޮޅުގައި މަސައްކަތް ކުރަމުން ދިޔައިރު ރަށުގެ އަންހެން ބޭފުޅުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" އިސްމާއީީލް ވިދާޅުވިއެވެ.

1100 އެއްހާ މީހުން ދިރިއުޅެމުން އަންނަ ލަންދޫ އަކީ އެއްބައިވަންތަކަމުގެެ މިސާލު ދައްކަމުން އަންނަ ރަށެކެވެ. އިސްމާއީލް ވަނީ މިކަން ފާހަގަކުރައްވާ ރަށުގެ ރައްޔިތުންނަށް ޝުކުރު ދަަންނަވާފައެވެ.

އޭނާ ވިދާޅުވީ މިތަން ނޭޗާ ޕާކެއްގެ ގޮތުގައި ހެދުމަށް ބޮޑަށް ބަލާފައި ވާނީ އެ ކަނޑޫފަލުގެ އަސްލު ނުގެއްލޭނެހެން އެެތަން އެތަނުގެެ ގޮތުގައި ދެމެހެއްޓޭނެ ގޮތަކަށް ތަރައްޤީ ކުރުމަށް ކަމަށެވެ. ކަނދޫފަލުގެ އެއްވެސް ގަހަކަށްވެސް މި ޕާކު ގާއިމްކުރުމަށް ގެއްލުން ދީފައި ނުވާނެކަން އޭނާ ފާހަގަކުރިއެވެ.

ކަނޑޫފަލުގެ އަޑި ހިސާބުތަކުުގައި ކައުންސިިލުންނާއި ރަށުގެ ޒުވާނުން ގުޅިގެން ވަނީ ކުދި ބްރިޖުތަކެއް ގާއިމްކޮށްފައެވެ. ޕާކުގެ ތެރޭގައި ގާއިމްކޮށްފައިވާ އެހެން ތަންތަނަށް ބަލާއިރު، މީހުންނަށް ތިބެވޭނެ ގޮތަށް ގާއިމްކޮށްފައިވާ ހަޓުތަކާއި، އިށީީންދެވޭނެހެން ބުރު، އަދި އުނދޯލިިގެއެއް ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުދި އުނދޯލިތަކެއްވެސް އެތަނުގެ ތެރޭގައި ވަނީ އެެލުވާފައެވެ.

ލަންދޫގައި ހުޅުވި ''ކުޅިދޮށުޕާކު'' - ފޮޓޯ: ކުޅިދޮށު ޕާކު (ފޭސްބުކް)

އިސްމާއީލް ވިދާޅުވީ، އެ ޕާކުގެ ތެރޭގައި ގާއިމްކޮށްފައިވާ ބްރިޖުގައި ފަސް ފޫޓު ހުންނާނެ ކަމަށެވެެ. އަދި ހަޓުގައިވެސް 15 ފޫޓު 15 ފޫޓު ހުންނާނެ ކަމަށް އިސްމާއީލް ފާޙަގަކުރެއްވިއެވެ. އެތަނުގައި ގާއިމްކޮށްފައިވާ އުނދޯލިގޭގެ ބޮޑު މިނުގައި 20 ފޫޓު 10 ފޫޓު ހުންނާނެ އެވެ. އެއީ އާންމުންނަށް ގޮސް އުފަންދުވަހުގެ ޕާޓީތައް ފަދަ އާއިލީ ޕާޓީތައްވެެސް ބޭއްވޭނެހެެން ހުރި ބްރިޖުތަކެއް ކަމަށާއި، ގާތްގަނޑަކަށް 20 މީހުން އެއްފަހަރާ އެސަރަހައްދަށް ގޮސް ކުދި އެއްވުންތަކާއި ހަފްލާތައް ބޭއްވޭނެ ކަަމަށް އޭނާ ވިިދާޅުވިއެވެ. މިކަމަށް ކައުންސިލްގެ ހާއްސަ ހުއްދައެއް ބޭނުން ނުވާނެ ކަމަށާއި ނަމަވެސް މިތަންތަން ބޭނުން ކުރުމުގައި ތަނަށް ގެއްލުން ނުވާގޮތަށް އަމަލުކުރުމަށް އޭނާ އިލްތިމާސްކުރިއެވެެ.

އެ ސަރަހައްދަށް ގެެއްލުމެއް ނުލިބޭނެހެން ދެމެހެއްޓުމަށްޓަކައި، އެެތަން ވަކިވާނެހެން ޗެންޗޭނެއް ޖެހުމަށް ވިސްނަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެެ. މީގެ އިތުރުން ގަސްކެނޑުން މަނާތަނެެއްގެ ގޮތުގައި ކަނޑައަޅައި އެެ ސަރަހައްދުގައި ބޯޑު ޖަހާފައި ހުންނާނެެ ކަމަށް އޭނާ ވިދާޅުވިއެވެ. ގަވައިދާ ހިލާފަށް ތަނަށް ގެއްލުން ދޭ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ފިިޔަވަޅު އެޅުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ލަންދޫގައި ހުޅުވި ''ކުޅިދޮށުޕާކު'' - ފޮޓޯ: ކުޅިދޮށު ޕާކު (ފޭސްބުކް)

"އެެތަނުގަ އެއޮންނަ އުސޫލާ ހިލާފު ވެއްޖެ ނަމަ އަޅުުގަނޑުމެން އެކަން ބަލާނަން. އެ ސަރަހައްދަކީ މޫސުމީ ދޫނިފަދަ އެއްޗެހިވެސް ވަރަށް ގިނައިން އަންނަ ސަރަހައްދެއް. ފެންގަނޑު އޮންނަ ހިސާބުގައިި މަސްވެސް ގިނަ އަދަދަކަށް އުޅޭނެެ." އިސްމާއީލް ވިދާޅުވިއެވެ.

ކަނޑޫފަލުގެ ތެރޭގައި ދޫނިވެސް ގިނަ އަދަކަށް އުޅެެއެވެ. އެގޮތުން އެކި މޫސުންތަކުގައި އިރުވާ ހުދާއި، ފިނދަން، ފަދަ ތަފާތު ބާވަތް ބާވަތުގެ ދޫނި އެ ސަރަހައްދުގައި އުޅެެއެވެ.

މި ޕާކު ގާއިމްކޮށްފައި ވަނީ ލަންދޫ ބަނދަރު އޮންނަ ސަރަހައްދާ 800 ފޫޓެއްހާ ދުރުގައެވެ. މިއަދު ނޭޗާޕާކު ރަސްމީކޮށް އާންމުނަށް ހުޅުވާލާފައިވާއިރު، މިތަން ހުޅުވުމަށް ހާއްސަކޮށް ޕާޓީއެއް ބާއްވާފައިވެއެވެ. އެ ޕާޓީ ބާއްވާފައި ވަނީ މިއަދު ހަވީިރު 5:00 ހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަސަނު

    ވެ ހޭވާރޭގަެި ދޭ އަވީގައި ފީ ނުވާނެތަ؟

    6
    11
  2. Anonymous

    ޝުކުރިއްޔާ ރައީސް ޔާމީން.
    މަނިކުފާނު ގެ ބުރިޖްގެ ނަމޫނާ ބުރިޖް

    25
    6
  3. ވިދާލު

    ތީ ފަޅު ރަށެއް ހަލާކު ކޮށްގެން ހެދި ތަނެއް.. ފިޔަވަޅު އެޅުމަށް ގޮވާލަން..ނޭޗަރ ހަލާކު ކޮށްގެން ނޭޗާ ޕާކު ...

    6
    14
  4. މައިތިރި

    ތިކަހަލަ ތަން ތަން ގިނައިން ހަދާފަ ހުންނަނީ ބޮޑެތި ގަސް ކަނޑައި ފެން ކަމަކަށް ބެލެވޭ... ތި މަސައްކަތް ވަރަށް ފުރިހަމަ..

    2
    2
  5. ބީން ިހޔުމަން

    ރީތި! ފުރިހަމަ މަސައްކަތެއް!ލަންދޫ ޒުވާނުން ނަށް ސާބަސް!

    6
    1
  6. DHONA

    ދެން ތިތަނަށް ދޫނިއައުން ނިމުނީ.....

  7. ވެމްކޯ

    ހޯދާ ހޯދާވެސް ޑަސްބިނެއް ނުފެނުން! ޕާޓީ ބާއްވާފަ މުޅި ތަނަށް ކުނި އަޅާފަ އެއްމެން ދާނީ!

  8. ދޯ

    ދުވަސްކޮޅަކުން ކުޅިދޮށު ޕާކުވާނެ ކުނިދޮށު ޕާކަށް ؟!