ހުޅުމާލެ 14 ސަރަހައްދެއްގައި 1330 މަގުބައްތި ހަރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވީ ހުޅުމާލޭގައި އަލަށް އަބާދުވާ ބައެއް ސަރަހައްދުތަކުންނާއި ފުރަތަމަ ފިޔަވަހީގައި ކުރިން ވެސް އާބާދުވެފައިވާ ބައެއް ސަރަހައްދުތަކުގެ މަގުތައް އަނދިރިކަމުގެ ޝަކުވާ އަބަދުވެސް ލިބޭ ކަމަށެވެ.

މި ގޮތުން، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެ މައްސަލަ ހުރި ސަރަހައްދުތައް ދެނެގަނެ، އެ މައްސަލަ ފާހަގަ ކުރެވުނު 14 ސަރަހައްދެއްގައި ހުރި މައްސަލަ ޖެހިފައިވާ މަގު ބައްތިތައް ބަދަލުކޮށް ކަނޑައެޅިފައިވާ ހަމަތަކަށް ފެތޭ ގޮތަށް އާ ބައްތި ހަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްޑީސީއިން ވިދާޅުވިއެވެ.

އެ 14 ސަރަހައްދުގައި ޖުމުލަ 1330 މަގު ބައްތި ހަރު ކުރާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގުއަންގެޒޯ ޔުއަން މެކޭނިކަލް އެންޑް އެލެކްޓްރިކް ކޯ ލިމިޓެޑްއާ ގުޅިގެން ކަމަށް އެޗްޑީސީއިން ވިދާޅުވިއެވެ.

މީގެ އިތުރުން މަގު ބައްތި ޖަހަން ކަނޑައަޅާފައިވާ ސަރަހައްދުތަކެއް ގަސްތަކަކާ ދިމާވާތީ އެ ގަސްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީއިން ވިދާޅުވިއެވެ. އެ ގަސް ނަގާނީ އީޕީއޭގެ ގަވާއިދާ އެއް ގޮތަށް ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މި ގޮތުން ނަގާ ކޮންމެ ގަހެއްގެ ބަދަލުގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި ނުވަތަ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށުގައި ގަހެއް އިންދާނެ ކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.

މަގުބައްތި ހަރުކުރުމުގެ މަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައި ވަނީ މި އަހަރުގެ ޖޫން އެއްވަނަ ދުވަހާއި ހަމައަށް ކަމަށް އެޗްޑީޕީސީއިން ވިދާޅުވިއެވެ.