ހިނގަމުންދާ ހަފްތާގެ ކުރިޔަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ މިއަދު ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށެވެ. އަދި ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަން ފާހަގަކުރެއްވިއެވެ.

އެގޮތުން މިއަދު ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވި ނަމަވެސް ދެކުނުގެ އަތޮޅުތަކުގެ މޫސުން ރަނގަޅުވާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. އަދި މާދަމާ އުތުރާއި މެދުތެރެއަށް މޫސުން ރަނގަޅުވި ނަމަވެސް ހޯމަ ފެށިގެން ކުރިިޔަށް އޮތް ތިން ދުވަހާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"މިއަދަށް ތަންކޮޅަށް ވިއްސާރަ، ދެން މާދަމާ އިހާ ވިއްސާރައެއް ނޫން. އެހެން ނަމަވެސް މާދަމާ ދެކުނަށް ކުޑަކޮށް ވިއްސާރަކޮށް އުޅޭނީ. ދެން ހޯމަ އަންގާރަ ބުދަ މި ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އަނެއްކާވެސް ވިއްސާރަވާނެ" މޫސުމާއި ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ ވައިޖެހޭނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށްް ހުޅަނގުއުތުރާއި އުތުރުން، ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް އެއިދާރާއިން ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކަަށް މޫސުމް ގޯސްވެ، އުދައިގެ އަސަރުވެސް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ށ. ނަރުދޫ އަށް އުދަ އަރައި ބަނދަރާ ކައިރީގައި ހުރި ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު