ސިޔާސީ ޕާޓީތަކަށް ފައިސާއާއި ތަކެތި ހޯދޭ މިންވަރާއި ބާވަތް ލިމިޓް ކުރެވިފައި ނުވާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓެއްގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އޭސީސީގެ މި ރިޕޯޓަކީ، ސިޔާސީ ޕާޓީތަކުގެ މާލީ ނަޒާހަތްތެރިކަން ހަރުދަނާ ކުރުމަށް ހުރި ހުރަސްތަކާ ގުޅޭ ގޮތުން އެ ކޮމިޝަނުން ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. އެ ކަންކަން ދިރާސާކުރުމަށް ފަހު އެސީސީއިން އާންމު ކޮށްފައިވާ އެ ރިޕޯޓްގައި ކަންބޮޑުވުން ފާޅުކޮށްފައިވާ އެ މައްސަލައަކީ ސިޔާސީ ޕާޓީތަކަށް ފައިސާއާއި ތަކެތި ހޯދޭ މިންވަރު ލިމިޓްކޮށް އޭގެ އެންމެ މަތީ އަދަދެއް ގާނޫނުގައި ބަޔާން ކުރެވިފައި ނެތުމެވެ.

އޭސީސީގެ އެ ރިޕޯޓްގައި ވިދާޅުވެފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނީ އޮނިގަނޑުގައި މިފަދަ ކަމެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުން ޕާޓީތަކަށް ހުދޫދެއް ނެތި ފައިސާ ހޯދުމުގެ ފުރުސަތު ލިބި، ކޮރަޕްޝަނާއި ރިޝްވަތު މެދުވެރިކޮށް ފައިސާ ހޯދުމުގެ ފުރުސަތު ތަނަސްވެފައި އޮވެއެވެ.

މި ގޮތުން އިންތިހާބީ ގާނޫނުގައި ކެންޑިޑޭޓަކަށް ހަރަދު ކުރެވޭ ވަރު ލިމިޓް ކޮށްފައި އޮތަސް ޕާޓީތަކަށް އަދަދެއް ލިމިޓް ވެފައި ނެތުމުން ޕާޓީ މެދުވެރިކޮށް އިތުރު ހަރަދު ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނަ ކަމަށް ވެސް އެ ރިޕޯޓްގައިވެއެވެ.

މި މައްސަލަ ހައްލު ކުރުމަށް ތިން ކަމެއް އޭސީސީއިން ހުށަހަޅާފައިވެއެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ވަނީ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި، ހެޔޮ އެދޭ ފަރާތްތަކުންނާއި، ވިޔަފާރީގެ މުއާމަލާތްތަކުން ދަރަނީގެ ގޮތުގައި ސިޔާސީ ޕާޓީއަަކަށް ފައިސާއާއި އެހީ ދެވޭނެ އެންމެ މަތީ މިންވަރެއް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮވެއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ބިދޭސީ ފަރާތްތަކާއި ބައިނަލް އަގްވާމީ ޖަމާއަތްތަކާއި ނަން ހާމަ ކުރަން ބޭނުން ނުވާ ފަރާތްތަކުގެ ޕާޓީތަކަށް ގިނަވެގެން ދެވޭނެ ފައިސާ ނުވަތަ އެހީގެ މިންވަރެއް ނުވަތަ ލިމިޓެއް ކަނޑައަޅައި ގާނޫނުގައި ބަޔާން ކުރުމަށެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ވަނީ ކާކު ކަން ނެނގޭ ފަރާތްތަކާއި ދައުލަތުގެ ހިއްސާވާ ކުންފުނިތަކާއި ބިދޭސީ ފަރާތްތަކަށް ސިޔާސީ ޕާޓީއަކަށް ފައިސާއާއި އެހީ ނުހޯދޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ޞަރީހަ ނައްޞުން ކަނޑައަޅައި ބަޔާން ކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.

ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ފައިނޭންސް ކުރުމުގައި ހުރި ކަންކަމާ މެދު މީގެ ކުރިން ވެސް ގާނޫނު ތަންފީޒު ކުރާ ބައެއް އިދާރާތަކުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތް ކުރާ ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މި ގޮތުން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ފަންޑު ކުރުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމާއި ގާނޫނުތަކާ ހިލާފަށް ބައިނަލް އަގްވާމީ ޖަމިއްޔާތަކުންނާއި ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުން ފައިސާ ހޯދާ ކަމަށް ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކަށް ތުހުމަތު ކުރެވެއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ވަކި ގޮތަކަށް ބައްޓަންކުރުމަށް ވެސް ބޭރުގެ ބައެއް ފަރާތްތަކުން ޕާޓީތަކަށް ފަންޑް ކުރާ ކަމުގެ އަޑުތައް އޮވެއެވެ.