އަދާލަތު ޕާޓީގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު އެ ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތިނުލެވޭނެ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ޗެއާ އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު "ވަގުތު" އަށް ވިދާޅުވީ އަދާލަތު ޕާޓީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން އެ ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތިނުލެވޭ ކަމަށެވެ. އެއީ 2010 ވަނަ އަހަރުން ފެށިގެން ވެސް އެ ޕާޓީގެ ގަވާއިދު އޮތް ގޮތް ކަމަށެވެ.

މިހާތަނަށް ވެސް އެ ޕާޓީގެ ރައީސް ކަން އަންހެން ބޭފުޅަކު އަދާ ކުރައްވާފައެއް ނުވެއެވެ.

"ޕާޓީގެ ހިންގުމުގެ ގަވާއިދު 2010 ވަނަ އަހަރު އެކުލަވާާލިއިރުވެސް ޕާޓީގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަކަށް އަންހެނުންނަކަށް ކުރިމަތި ނުލެވޭނެ. އެއީ އިއްޔަ ނޫނީ މިއަދަކު ހުށައެޅި އިސްލާހެއް ނޫން. ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނުން ހިމެނޭ،" ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވި ގޮތުގައި މި ޝަރުތު ނައިބު ރައީސްއަށް ލުމުގައި އުނިކުރަން އަދާލަތު ޕާޓީގެ ލީޑާޝިޕްގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އެ ގޮތަށް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު އެ އިސްލާހު އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިނުވާ ކަމަށާއި ވަރަށް އަވަހަށް އެ އިސްލާހު ފޮނުވާނެ ކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭނެ ކަމަށް ބުނެފައިވާ ޙަބަރެއްގެ ފޮޓޯއެއް ވެސް މިއަދު މީސްމީޑިއާގައި ދައުރުވެފައިވެއެވެ. އެފަދަ ފޮޓޯއެއް ހިއްސާކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވަމުން އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މިފަދަ އިސްލާހެއް އަދާލަތުގެ ދުސްތޫރަށް ގެންނަން ޕާޓީގެ ފަރާތުން އީސީއަށް ހުށައަޅާފައި ނުވާ ކަމަށެވެ.

އީސީގެ ރައީސް އަަހުމަދު ޝަރީފް ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވައި ނަސީރު ވިދާޅުވީ ޝަރީފްގެ ޓްވީޓްގައި އެ އިޝާރާތް ކުރެއްވީ ފަހުން ޕާޓީގެ ފަރާތުން އެއްވެސް އިސްލާހެއް ހުށައަޅާފައި ނުވާ ކަމަށް ކަމަށެެވެ. އަދި ޕާޓީގެ ދުސްތޫރު 2010 ވަނަ އަހަރު އެކުލަވާއިލި ފަހުން އެއްވެސް އިސްލާހެއް ގެނެސްފައި ނުވާކަން ފާހަގަކުރެއްވިއެވެ

އަދާލަތުު ޕާޓީގެ ރައީސްކަމަށް މިހާރު ހުންނެވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ. އަދި ނައިބު ރައީސް ކަމަށް ހުންނެވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްސް އަލީ ޒާހިރެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙ

    ޢަދާލަތެއް އޮތްބައެއް ނޫން ފީކަޅާބައެއް.

    32
    1
  2. ކޮވިޑް

    ތީ އިމްރާނާ ދެކޮޅަޙް ނިއްމި ނިއްމުމެއްކަމަކު ވ ވ ރަނގަޅަށް ނިއްމި ނިއްމުމެއް، އެހެންނޫނީ އަނެއްކާ ޖެހޭނީ އަދާލަތު އޮފީސްގެ ސޯފާތައް ބަދަލްކުރަން ތޯއްޗެއް.

    11
    1
  3. އަޙްމަދް

    ޖަހާލަތު ޕާޓީ

    16
    1
  4. މަލް

    އަންހެނުންގެ ހުންނަ ވިސްނުންތޫނުކަމާއި ހީވާގިކަން ތި ޕާޓީގެ ފިރިހެނުންނަށް ހަޖަމް ނުވާހެން ހީވަނީ . އަންހެނުން ބާރުވެރިކުރުވުމަށް ހުރަސް އަޅާ ޕާޓީއެއް ތިޔައީ. އެއްވެސް ތާއީދެއް ނެތް ❌ އިލެކްޝަން ކޮމިޝަން އަކީ ސައްޙަ ތަނަކަށް ވަނީނަމަ އިމްރާންގެ މިނިންމުން ބާތިލު ކުރޭ. މިފަހަރު ހަމަ އަންހެނަކު ހޮވަންވާނީ ޕާޓީ ރައީސްކަމަށް.

    4
    3
  5. ލާހި

    ރާއްޖޭގެ ޤާނޫނު އަސާސީ އާއި އެއްގޮތަށް ނިންމި ސަތޭކަ ޕަސެންޓް ރަގަޅު ބަރާބަރު ސާފު ސީދާ ނިންމުމެއް، ޝުކުރިޔާ އަދާލަތު! ބާރަށް ކުރިޔަށް! ބާރަށް ކުރުޔަށް !އަދާލަތު !

    4
    3