އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތަށް އޮތުމުން އެ ކަން އިސްލާހު ކުރަންށާއި އެ ޕާޓީއަށް ފިޔަވަޅު އަޅަން ބައެއް މީހުން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީގެ ދުސްތޫރުގައި ނުވަތަ ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން ޕާޓީގެ ރައީސްކަމަށް ކުރިމަތިލެވޭނީ ހަމައެކަނި ފިރިހެނުންނަށެވެ. އެއީ 2010 ވަނަ އަހަރުން ފެށިގެން އެ ޕާޓީގެ ގަވާއިދު އޮންނަ ގޮތެވެ. މި މަހުގެ 23 ގައި އެ ޕާޓީގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުން އޮތް އިރު، އެ ޕާޓީގެ ގަވާއިދު ބަދަލު ކުރަން ބޭނުންވާ ކަން އެ ޕާޓީގެ ބައެއް މެންބަރުން ވެސް ވަނީ ބުނެފައެވެ.

އަދާލަތު ޕާޓީގެ ފޮރިން އެފެއާޒް ކޮމިޓީގެ ޗެއާ އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ ކޮންމެ ސިޔާސީ ޕާޓީއެއްގެ ލީޑާޝިޕްގެ ކޮންމެ މަގާމަކަށް އަންހެން ބޭފުޅަކު ކުރިމަތިލެވެން ޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އަދާލަތު ޕާޓީގެ ގަވާއިދު ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެކަމަކު އެ ޕާޓީގެ ރައީސް ކަމަށް އޭނާ ކުރިމަތިލުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވަނީ ޝިދާތާގެ ވާހަކައަށް ތާއީދު ކުރައްވައި ޓްވީޓެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ޖަލުގައި ހުންނެވިއިރު ޕާޓީގެ އަޑު ނުކެނޑި އޮތީ ހިތްވަރުގަދަ އަންހެން ދެ ބޭފުޅުންގެ މަސައްކަތުން ކަމަށެވެ. ދިޔާނާ ފާހަގަކުރެއްވީ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމްއާއި ޝިދާތާއަށެވެ. އެ ޕާޓީގެ ރައީސަކަށް ޝިދާތާ ގާބިލް ކަމަށް ވެސް ވިދާޅުވިއެވެ.

ޓްވީޓާގައި ބައެއް މީހުން ވަނީ އަދާލަތު ޕާޓީގެ ދުސްތޫރު ބަދަލުނުކޮށް ބާއްވާނަމަ އެ ޕާޓީއަށް ފިޔަވަޅު އަޅަން ވެސް ގޮވާލައިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ. ޖިންސުގެ ހަމަހަމަކަން އޮތުމަކީ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކުގެ ބާބުގެ އެއް ސިފައެވެ. ފުއާދު މިހެން ވިދާޅުވެ ކުރެއްވި ޓްވީޓްގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްގެ ޓްވީޓާ އެކައުންޓް ޓެގް ކުރެއްވިއެވެ.

އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންނަށް އަދާލަތު ޕާޓީގެ ރައީސް ކަން ނުކުރެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު ދަމަހައްޓައިފިނަމަ އެ ޕާޓީއަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތަށް އަދިވެސް އޮތް އިރު ކުރިން އޮތީ އެ ޕާޓީގެ ނައިބު ރައީސް ކަމަށް ވެސް އަންހެނަކު ކުރިމަތި ނުލެވޭ ގޮތަށެވެ. އެކަމަކު މި މަހު ބާއްވާ އިންތިހާބާ ދިމާކޮށް އަންހެނަކު ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ ގޮތަށް ޕާޓީގެ ދުސްތޫރު ވަނީ ބަދަލުކޮށްފައެވެ. ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުގެ ރައީސް ކަމަށް ކުރިމަތިލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހުސޭނުބޭ

  އިމްރާނަކީ އަންހެނެއް! ވީމާ އިތުރަށް އަންހެންބޭފުޅަކު ހޮވުމުގެ ބޭނުމެއް ނެތް!

  3
  2
 2. ފައިޒީ

  އެމްޑީޕީގެ ހުރިހާ ބޮޑެތި މަގާމެއް ގަ ފިރިހެނުން ތިބެނީ 😠😠😠.... ހާދަ ދެރަކަމެކޭ... އެމްޑީޕީ ގެ މަތީ މަގާމްތައް ދެނީ ހުސް އަންނި އާއިލާ ބޭފުޅުންނަށާ ގާތް ރަހުމަތްތެރިންނަށް. .. މަޖުލީހުގެ މެމްބަރަކަށް ވެސް ލީ އަންނިގެ ކަޒްން... 😡😡😡 އެމްޑީޕީގެ މެމްބަރުން މާ ގިނަ.. . އިންސާފެއް ނެތް.... Autocracy. ހީވަނީ އެމްޑީޕީ އަކީ ޝާހީ ވެރިކަމެއް ކުރާ ޕާޓީ އެއް ހެން.... މިކަން ރަގަޅު ކުރަން ޖެހޭ...

  10
  1
 3. ޖައި

  ކޮން ޕާޓީ އެއް ގެ ރައީސް ކަމުގަ އަންހެން ބޭކަބަލަކު ހުރީ 🤣🤣🤣🤣... އަންހެން މޮޔަ ހައްދާފަ އެމްޑީޕީން ވެސް ހޮވަނީ ފިރިހެނަކު

 4. އަޙްމަދް

  ޖަހާލަތު ޕާޓީ

 5. ސަލާ

  ނިކަމެތި އިންސާނާ މާގަދަވެފައި ބިމުގައި ބާރަށް ފައިޖަހާފައި އިންޓަނެޓްގައި ގަދަބަސް ބުނަމުން މާތްﷲ އާއި އެކަލާނގެ ރަސޫލާގެ ރިސާލަތަށް މަލާމާތްކުރަމުން ގެންދިޔައަކަސް މިދީން ފޮހެވިގެންނުދާނެ. އެމީހަކު ކުރިކަމަކާއި ދެއްކިވާހަކައަކާއި ސުވާލުކުރެވޭނީ އެމީހަކާއި.
  ނިޒާރު އެބުނިއެއްޗެއް އެބުނީ ކެމްޕެއިންއަށް ރައީސް ނަޝީދުގެ ތާއީދާއި އެމްޑީޕީގެ ހާޑްކޯގެ ތާއީދު ހޯދުމަށް ކަމަށް ވަރަށްބޮޑަށްހީވޭ. ވޯޓުގެ ކުރިން މަރުވެއްޖެއްޔާމު މާތްﷲގެ ދަރުބާރުގައި ތިހެން މަލާމާތާއި ގަދަބަސްނުބުނެވޭނެކަން ހަނދާންބެހެއްޓުން ބުއްދިވެރި.

  2
  1