މިދިޔަ އަހަރު އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ދައުލަތުގެ އެކި މުއައްސަސާތަކަށް 841 ގާނޫނީ ލަފާ ދީފައިވާ ކަމަށް އެ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ދައުލަތުގެ އެކި މުއައްސަސާތަކުން 842 ކަމަކަށް ގާނޫނީ ލަފާ ދިނުމަށް އެ އޮފީހުގައި އެދިފައިވެއެވެ. އޭގެ ތެރެއިން އެންމެ ކަމަކަށް ފިޔަވައި ހުރިހާ ކަމަށް ގާނޫނީ ލަފާ ދެވިފައިވާ ކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.

މި ގޮތުން އެއްބަސްވުންތަކުގައި ސޮއި ކުރުމާ ގުޅޭ ގޮތުން 267 ގާނޫނީ ލަފާ ދީފައިވެއެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލް ތަސްދީގު ކުރުމާ ގުޅޭ ގޮތުން 34 ގާނޫނީ ލަފައެއް ދީފައިވެއެވެ. ގަވާއިދުތަކާ ގުޅޭ ގޮތުން 102 ގާނޫނީ ލަފާ ދީފައިވެއެވެ. އުސޫލުތަކާ ގުޅޭ ގޮތުން 40 ގާނޫނީ ލަފައެއް ދީފައިވާއިރު މުއާހަދާތަކާ ގުޅޭ ގޮތުން ހަތް ގާނޫނީ ލަފާ ދީފައިވެއެވެ. އެހެނިހެން ކަންކަމުގައި 391 ގާނޫނީ ލަފާ ދީފައިވާ ކަމަށް އެ އޮފީހުން ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރު 841 ގާނޫނީ ލަފާ ދައުލަތަށް އެޖީން ދީފައިވާއިރު، އެ ގޮތުން ފުރަތަމަ ހަ މަސް ދުވަހު 427 ކަމަކަށް ގާނޫނީ ލަފާ ދީފައިވާ ކަމަށެވެ. ފަހު ހަ މަސް ދުވަހު 414 ކަމަކަށް ގާނޫނީ ލަފާ ދީފައިވާ ކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.

މި ނިމިގެން ދިޔަ 2020 ވަނަ އަހަރު 841 ގާނޫނީ ލަފާ ދައުލަތަށް އޭޖީއިން ދީފައިވާއިރު، 2019 ވަނަ އަހަރު އެ އޮފީހުން ވަނީ 1003 ކަމަކަށް ދައުލަތަށް ގާނޫނީ ލަފާ ދީފައެވެ.