ހދ.ކުޅުދުއްފުއްޓާއި ނ.ވެލިދޫ އަދި ރ.އިނުގުރައިދޫ ގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާ އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްތަރުކޮށްފައިވާ ކަމަށެވެ.

އޮޕަރޭޝަންތައް ކުރިއަށް ގެންދިޔަ ތިން ރަށުގެ ތެރެއިން ކުޅުދުއްފުށީގައި ތިން އޮޕަރޭޝަނެއް ހިންގާފައި ވެއެވެ. މިތިން އޮޕަރޭޝަނަކީވެސް ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އެގޮތުން ހިންގި ފުރަތަމަ އޮޕަރޭޝަނަކީ ކުޅުދުއްފުށިން ހއ. އަތޮޅަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި މިމަހުުގެ ދެ ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތިން 35 އަހަރުގެ މީހަކު ހުއްޓުވަން އުޅުނު ވަގުތު ބިންމައްޗަށް އެއްޗެއް ވައްޓާލި މަންޒަރު ފެނުމުން ފުލުހުން އޭނާގެ ހާޟިރުގައި އެއެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ދެވަނަ އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ އެއް ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 47 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. ކޯޓުއަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާ އެއްޗެއް ހުރި ބްލެޓް ސައިޒްގެ 13 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކުޅުދުއްފުށީގައި ހިންގި ތިން ވަނަ އޮޕަރޭޝަނަކީވެސް އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 42 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި ބްލެޓް ސައިޒްގެ ތިން ރަބަރު ޕެކެޓާއި، ތިން ސެލޯފިންކޮޅު ފެނިފައިވެއެވެ.

އިނގުރައިދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 38 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އެދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 26 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އެދެމީހުން މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާ އެއްޗެއް ހުރި 20 ރަބަރު ޕެކެޓް ފެނިފައިވާ ކަަމަށް ފުލުހުން ވިދާޅުވިިއެވެ.

ފުލުހުން ދަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.