އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރުމަކީ އެމްޑީޕީގެ ބަދަލު ހިފުމުގެ ޝިކާރައަކަށް އޭނާ ހެދުން ކަމުގައި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސިފަކުރައްވައިފިއެވެ.

ފުލުހުންގެ ވަޒީފާއިން ފަައިރޫޝް ރިޓަޔާކޮށްފައިވާއިރު، ކޮމިޝަނާ އޮފް މުހައްމަދު ހަމީދު ވަނީ ފައިރޫޝް ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކުރައްވައި ޓްވީޓެއް ކުރައްވައިފައެވެ. އޭގެ ފަހުން އެމްޑީޕީގެ ސަޕޯޓަރުންނާއި ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ ހަމީދަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

އެމްޑީޕީގެ ސަޕޯޓަރުން މިކަމާ ނުރުހުން ފާޅުކުރަމުން ދަނިކޮށް ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެގެން ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ފާސްކުރި ފުލުހުންގެ އާ ގާނޫނަކީ ބަދަލު ހިފުމުގެ މަގްސަދުގައި ފާސްކުރި ގާނޫނެއް ކަމަށެވެ. އެމްޑީޕީއިން އިސް ނަގައިގެން ހުނަރުވެރި ޒުވާނުންގެ މުސްތަގުބަލު "ކަތިލާފައިވާ" ކަމަށާއި އެއަށް ފަހު އެ ކަމަށް އުފާ ފާޅު ކުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

"ވައުދުވި މިނިވަން، ވަޒީފާގެ ބިރުވެރިކަން ނެތް މުޖުތަމައު ކޮބައި؟ މިއަދު ޑރ. ފައިރޫޝް، މާދަމާ ޝިކާރަކައަށް ވާނީ ކާކުބާ؟ ދިވެހި ގައުމަށް، ވަކިން ޚާއްސަކޮށް އައްޑޫ ރައްޔިތުންނަށް މި ސަރުކާރުންނާއި އެމްޑީޕީން އަބަދުވެސް ދެނީ ކެހި،" ޖަމީލް ލިޔުއްވާފައިވެއެވެ.

އެމްޑީޕީގެ ގިނަ ސަޕޯޓަރުންގެ ނުރުހުން ފައިރޫޝްއަށް އަމާޒުކުރެއެވެ. އެއީ އެ ޕާޓީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނު ދުވަހު ފެބްރުއަރީ 7، 2012 ގައި ފުލުހުންނަށް ކޮމާންޑް ދިނުމަށް ވަކި ހިސާބަކުން ހަވާލުވި ބޭފުޅާ ކަމަށް ވާތީއެވެ.

އެމަނިކުފާނުގެ ވެރިކަން އެ ދުވަހު ނިމުނީ، އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންގެ ތެރެއިން ބަޔަކު ވެސް ބައިވެރިވެ، ހިނގި ހަމަނުޖެހުންތަކަށް ފަހު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލުކުރަނީ އެއީ "ބަޣާވާތެއް" ކަމަށެވެ. އެކަމަކު އެ މައްސަލަ ތަހުގީގު ކުރަން އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމާފައިވަނީ އެ ދުވަހު އެމަނިކުފާނު ރައީސް ކަމުން އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯދީ

    ޔާމީން ވެރިކަމުގައި އަދީބުގެ އަމުރަކަށް ތަބާ ނުވެގެންވެސް ފައިރޫޝްގެ ދުވަސް ދުއްވާލި. ވަކި ސަހަލު ބައެއް އެބައުޅޭތަ؟ ސިޔާސީ މީހުން ބޭނުންގޮތަކަށް މޮޑެވެން ބޭނުންނުވާތީވެ ކެނޑިގެން އެދިޔައީ. އެއީ މީހުންނަކީ.

  2. Anonymous

    ބާޢީންތައް ހައްުަރުކުރާނެ.. އަދަބު ނުލިބޭނެ ކަމަށްދޯ 20ް2 ބަޢާވާތްކުރީ..

    1
    2
  3. ދިއްލާ

    ޕީޕީއެމް ގެ ޝިކާރައަކަށް ފައިރޫޝް ހަދާ ޔާމީނު ވަނީ ފައިރޫސްގެ ވަޒީފާވެސް ގެއްލުވާލާފައި، ހަމަ ތިބޭފުޅާގެ ވަޒީފާގެއްލުވާލި ފަދައިން، ދެންމިހާރު ކޮން ހާސަރެއްތަ ތިދަމަނީ