ހަންކެޑަ ކައިރިއަށް ފައްތާލާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރު "ބްރިޓިޝް ލޯޔަލްޓީ"ގެ ޝިޕްރެކް ފައްތާލިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާދަމާ ބާއްވާ ޑައިވިންގެ ބޮޑު އިވެންޓުގައި ބައިވެރިވެވަޑައިގަންނަވަން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އައްޑޫގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާތަކާއި އެންޖީއޯތަކާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އިންތިޒާމު ކުރާ މި އިވެންޓަށް މިނިސްޓަރު މައުސޫމްއާއި މިނިސްޓްރީގެ އިތުރު ބޭފުޅޫންތަކެއް ހިމެނޭ ގޮތަށް ވަފުދެއް މިއަދުގެ ވަގުތެއްގައި ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި އިވެންޓް އޯގަނައިޒް ކޮށް ހިންގާ އައްޑޫގެ ގިނަ ޖަމިއްޔާތާކާއި ގުޅިފައިވާ ސްޓިއަރިންގ ކޮމެޓީ، އައްޑޫ ބްރިޓިޝް ލޯޔަލިޓީގެ ތަރުޖަމާން ހުސައިން މުފީދު "ވަގުތު" އަށް ވިދާޅުވީ، މަގަތު ފާލަމާއި، ހެންކެޑަ ނަމަކަށް ކިޔާ ފަޅުރަށަކާއި ދޭތެރެއަށް ފައްތާލާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރު، "ބްރިޓިޝް ލޯޔަލްޓީ"ގެ ޝިޕްރެކް އެތަނަށް ފެތުނުތާ 75 އަހަރު ޖެނުއަރީ ފަހަކަށް ފުރޭއިރު، މިއީ ދެކުނުގެ ފަތުރުވެރިކަން ކުރިއަރުވަން ޓާގެޓްކޮށްގެން ބާއްވާ ބޮޑު އިވެންޓެއް ކަމަށެވެ. މި ޝިޕްރެކް އޮތީ 33 މީޓަރު އަޑީގައެވެ.

މި އިވެންޓް އޮންނާނީ މަރަދޫ ބަނދަރުގައެވެ. މިއީ ސިޓީ ކައުންސިލާއި، އައްޑޫގެ ހުރިހާ ޖަމިއްޔާތަކާއި، ޖަމާއަތްތައް އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި، އައްޑޫ، ފުވައްމުލައް، އަދި ހުވަދު އަތޮޅުގެ ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ އިވެންޓެކެވެ.

މި އިވެންޓް އޮންނާނީ މާދަމާއެވެ. މީގެ ދެ މަސް ދުވަސް ކުރިން ފަށައިގެން ޕްލޭން ކުރަމުން ދިޔަ މި އިވެންޓަކީ އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން އިނގިރޭސިންގެ ދިރިއުޅުމުގެ ނިޝާންތައް އައްޑޫގައި އޮތް ކަން އެ ގައުމަށާއި އެ ގައުމުގެ ފަންނުވެރިންނާއި ޑައިވަރުންނަށް އިޝްތިހާރު ކުރުމުގެ ގޮތުން ވެސް ބާއްވާ އިވެންޓެކެވެ.

މި އިވެންޓްގައި ބައިވެރިވުމަށް ދިވެހިންނަށް ހުޅުވާލި ފުރުސަތުގައި އެކި ކަންކޮޅުތަކުން 75 ޑައިވަރުން ލިބިއްޖެ އެވެ. މި ގޮތުން އައްޑޫއާއި ފުވައްމުލަކުގެ ގިނަ ޑައިވަރުން ބައިވެރިވެއެވެ.

މި އިވެންޓް އިންތިޒާމު ކުރާ ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި އަންނަ މާޗު މަހު އިނގިރޭސި ވިލާތުގެ ޑައިވަރުންނަށް އަމާޒުކޮށް ވެސް "ބްރިޓިޝް ލޮޔަލްޓީ" ގެ އިވެންޓެއް ބާއްވަން ހަމަޖެހިފައިވެއެވެ. މި ގޮތުން އަމާޒަކީ އިނގިރޭސި ވިލާތުގެ 75 ޑައިވަރުން ބައިވެރިވުން ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ނެތްތަ ތަނަކު ފައްތާލާފައި އޮތް ބޮއްކުރާގަނޑެއް! އޭތީގެ އަހަރީ ދުވަސް ފާހަގަކުރަން މީނަ ގެންނަން މި އުޅެނީ!

  2. ާއަހުމަދު

    މިމީހުން ކަރަންޓީނުވާކައްނުޖެހޭ ރައްޔަތުމީހާ ކަރަންޓީނުގަ
    ކިހާ ހަހަމަ